ވަޒީފާ ގެއްލޭ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި، އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތަޢާރަފްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މަސައްކަތްތެރިންގެ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ވަޢުދެއް ކަމަށެވެ.

''މަސައްކަތްތެރިންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަކީވެސް ސަރުކާރުގެ ވަރަށް މުހިންމު ވަޢުދެއް. ޚާއްޞަކޮށް، ވަޒީފާ ގެއްލޭ މީހުންނަށް އިޖުތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަކީ ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެން. އެހެންކަމުން، ހަރުދަނާ އުޞޫލުތަކެއްގެ ތެރެއިން، ބައްޓަން ކުރެވޭ ނިޒާމެއްގެ ދަށުން، އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނެފިޓް ތަޢާރުފުކުރުމުގެ މަސައްކަތް ސަރުކާރުން މި އަންނަނީ ކުރަމުން.'' ރައީސް ވިދާޅުވެފަވެއެވެ.

މިގޮތުން އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތަޢާރުފް ކުރުމަށްޓަކައި، ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭ ގޮތުން، ބޭރުގެ ފަންނީ ބޭފުޅުންގެ އެހީއާއެކު ކަމާ ބެހޭ ޤާނޫނެއްގެ ދެލިކޮޕީ އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލަސްތަކެއް ނުވެ އެބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވޭނެ ކަމުގައި ވެސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ މަސައްކަތްތެރިންނާއި މަސައްކަތްތެރިންގެ ޢާއިލާތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށް، އާމްދަނީ އިތުރުކޮށްދިނުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވަމުން، މިނިމަމްވޭޖް ތަޢާރަފްކުރުމާއި، ސާވިސް ޗާޖްގެ ފައިދާ މުވައްޒަފުންނަށް ހަމަހަމައަށް ލިބިދިނުމަށް ޤާނޫނަށް ގެނައި ބަދަލުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް، ޖޮބް ސެންޓަރުތަކާއި ޖޮބް ސެންޓަރުގެ ޑެކްސްތައް ޤާއިމްކޮށް ޚިދުމަތްދޭން ފެށިފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިހާރު މަޖިލީހަށް ފޮނުވިފައިވާ، އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ބިލްގެ ސަބަބުން، މުވައްޒަފުންގެ އިޖްތިމާޢީ އަދި ޞިއްޙީ ރައްކާތެރިކަން އިތުރަށް ކަށަވަރުވެ، ވަޒީފާ ދޭ އަދި ވަޒީފާ އަދާކުރާ މީހުންގެ ޒިންމާ ކަނޑައެޅިގެންދާނެ ކަމުގައިވެސް ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.