ތެޔޮ އުފުލާ ދޯންޏެއްގައި އުޅުނު ބަންގްލަދޭޝް މުހައްމަދު ލިޓަން މަރާލާފައި ވަނީ ފައިސާތަކެއްގެ ބޭނުމުގައި، އޭނާ އަށް ނޭނގި ހުއްޓާ ކޮއްޕާ މޫދަށް ވައްޓާލައިގެން ކަމަށް އެ މައްސަލާގައި ތުހުމަތުވާ ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޡާމް މައްޗަށް އުފުލާފައިވާ ދަޢުވާގައި ބުނެފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނިގޮތުގައި 28 ޑިސެންބަރު 2022 ދުވަހުގެ ވަގުތެއްގައި ފިއުލް ޕަވަރ ކުންފުނީގެ "ހެދޭކުރި" ދޯނީގައި މަސައްކަތްކުރާ ބަނގަލަދޭޝް ރައްޔިތެއްކަމަށްވާ މުހައްމަދު ލިޓަން އާއި ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޡާމް "ހެދޭކުރި" ދޯނީގައި ވިލިމާލެއިން ފުރައިގެން ދިއުމަށްފަހު، އޭގެ ފަހުން މުހައްމަދު ލިޓަންއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައިގައި ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޡާމްގެ މައްޗަށް ތިން ދަޢުވާއެއް ކުރުމަށް 02 މާރިޗު 2023 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

Ad
rt

ނިޡާމްގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް

1. ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން، ޤަޞްދުގައި މީހަކުމެރުމުގެ ކުށުގެ ދަޢުވާ.
އަސާސީ އަދަބު: 10 އަހަރަށް ޖަލަށްލުން / ޤިޞާޞްއާއި ދިޔަ

2. ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 211 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ވައްކަންކުރުމުގެ ކުށުގެ ދަޢުވާ.
އަސާސީ އަދަބު: 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން.

3. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 107 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދަޢުވާ.
އަދަބު: 15 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 25,000 (ފަންސަވީސްހާސް) ރުފިޔާއިން ފެށިގެން 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން.

ދަޢުވާގައި ބުނެފައިވާ ގޮތުގައި މުހައްމަދު ނިޡާމް، މުޙައްމަދު ލިޓަން މަރާލާފައިވަނީ މުޙައްމަދު ލިޓަން އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައި ކަމަށް ވަނީ ހޯދިފައެވެ. އަދި މުޙައްމަދު ލިޓަން މަރާލާފައިވަނީ މުހައްމަދު ލިޓަންއަށް ނޭނގި ހުއްޓައި، ކ. ގަލުފަޅު ކިޔާ ސަރަޙައްދު ކައިރިއަށް މޫދަށް، އޭނާ ކޮށްޕާ ވައްޓާލައިގެން ކަމަށާއި، މިކަން ހިނގާފައިވަނީ 28 ޑިސެންބަރު 2022 ދުވަހުގެ 19:00 އާއި، 20:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށް އެ ދަޢުވާގައި ބުނެފަވެއެވެ.

މީގެ އިތުރުން ހެދޭކުރި ދޯނީގައި ހުރި މުޙައްމަދު ލިޓޮންގެ 51000 (ފަންސާސް އެއްހާސް ރުފިޔާ) އަށް ވުރެ ގިނަ ފައިސާ، މުޙައްމަދު ނިޡާމް ވަގަށް ނަގާފައިވާ ކަމަށް އެ ދަޢުވާގައި ބުނެފައިވާއިރު، މަސްތުވާތަކެތިން މުޢާމަލާތުކުރުމުގެ ދަޢުވާ ކޮށްފައިވާނީ މި މައްސަލައިގެ ތުހުމަތުގައި މުޙައްމަދު ނިޡާމް ކުއްޔަށް ހިފައިގެން އުޅޭ މއ. ޝާދީވިލާ އުތުރުބައިގެ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު، ބަރުދަނުގައި ޖުމްލަ 3.2565 ގްރާމް ޑައިމޯފިން ފެނިފައިވާތީ ކަމަށް ދައުވާގައި ބުނެފަވެއެވެ. އަދި މުޙައްމަދު ނިޡާމް މަސްތުވާތަކެތި ގަނެފައިވަނީ ހެދޭކުރި ދޯނިން ވަގަށްނެގި ފައިސާއިންކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް ބުނެފަވެއެވެ.

މި ދެމީހުން ތެޔޮ ވިއްކާ ދޯންޏެއްގައި ވިލިމާލެއިން ފުރާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި މި ދެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައެވެ. މި ދެ މީހުން ހޯދަމުން ދަނިކޮށް މި ދެމީހުންކުރެ ނިޡާމް މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރީ މާލޭގެ ގެސްޓްހައުސްއެއްގައި ހުއްޓައެވެ.