ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތެމެޓިކްސް ނުވަތަ "ސްޓެމް" ތައުލީމާއި މެދު ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި އުރީދޫއިން އިސްނަގައިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ވިމެން އިން ޓެކް މޯލްޑިވްސްއާއެކު ކުރިއަށްގެންދާ "އުރީދޫ ސްޓެމް ފެއާ" ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ފެއާ ފަށާފައިވަނީ ހުކުރު ދުވަހު އިއްޒުއްދީން ސްކޫލް ހޯލުގައެވެ. މި ފެއާގައި މުޅިއަކު 7 ސްކޫލަކުން ނޮވިސް، ޖޫނިއަރ އަދި ސީނިއަރ ކެޓަގަރީގައި ވަނީ ބައިވެރިވެފައިއެވެ.
މި ފެއާގައި ބައިވެރިވާ ސްކޫލްތަކުގެ ތެރޭގައި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އާއި އިސްކަންދަރު ސްކޫލާއި ބްރައިޓްވޭ އިންޓަނޭޝަނަލް އާއި މަޖީދިއްޔާ ސްކޫލާއި ކަލާފާނު ސްކޫލް ހިމެނެއެވެ. މި ފެއާގެ ފުރަތަމަ ދުވަސް ހާއްސަކޮށްފައި ވަނީ ފެއާގައި ބައިވެރިވި ސްކޫލް ކުދިން ދައްކާލާފައިވާ ޕްރޮޖެކްޓްތަކަށް ފަނޑިޔާރުން ބަލާ މާކްސް ދިނުމަށެވެ. ޖަޖުން ގެ ފަނޑިޔާރުކަން ހުކުރު ދުވަހު މެންދުރު ފަހު 2:30 އިން ރޭގަނޑު 10:00 ކުރިއަށްދާނެއެވެ.

މި ފެއާ އާންމުންނަށް ހުޅުވާލާނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޙިދުމަތްތަކާއެކު ހުރިހާ ސިނާއަތްތަކެއްގެ މަސައްކަތުގެ ވައްޓަފާޅިއަށް ވެސް ބޮޑެތި ބަދަލު ތަކެއް އަންނަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޓެކްނޮލޮޖީ ކުރިއަރަމުން މިދާ ބާރު ސްޕީޑާއެކު މި ބަދަލުތައް އިތުރުވެގެންދާނެ ކަމަށާއި އެހެންކަމުން ދުނިޔޭގެ ބަދަލުވަމުންދާ މާހައުލަށް އަންނަން އޮތް ޖީލުން ސްޓެމް ދާއިރާތަކުގައި ހަރަކަކާތްތެރިވާނެ ތަޖުރިބާކާރުން ބިނާކުރުމަކީ، ރާއްޖޭގައި އީޖާދީ ހައްލުތައް ފޯރުކޮށްދީ، ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޙިދުމަތްތައް ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވި ގޮތުގައި އުރީދޫ ސްޓެމް ފެއާގެ މަގުސަދަކީ ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ދުނިޔޭގައި ކާމިޔާބީ ހޯދުމަށް ޓަކައި ޒުވާން ސިކުނޑިތަކަށް ލިބިފައިވާ ޢިލްމާއި ހުނަރުން ބާރުވެރިކުރުމެވެ.
✨#OoredooSTEMFair #HappeningNow!
It's amazing to see the passion and dedication of these students as they present their STEM projects to the judges. We are seeing some great innovative solutions that can be implemented.@womenintechmv @MoEdumv pic.twitter.com/52RhAcc8vP
— Ooredoo Maldives (@OoredooMaldives) March 3, 2023

އުރީދޫ މޯލްޑިވްސްއިން ވަނީ މާދަމާ މި ފެއާއަށް ޒިޔާރަތްކޮށް، ބައިވެރިވާ ދަރިވަރުންގެ ޕްރޮޖެކްޓްތަކާއި ހުނަރު ބަލާލުމަށް އާންމުންނަށް ދައުވަތު އަރުވާފައެވެ. ފެއަރގައި ދަރިވަރުން ހުށަހެޅި ޕްރޮޖެކްޓްތަކުގެ ނަތީޖާ އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވާިރު 4:00 އިން 6:00 އަށް ބާއްވާ އެވޯޑް ހަފްލާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!