ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކައި އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ބްރެޒިލްގެ ތަރި ރޮނާލްޑީނިއޯގެ ދަރިފުޅު ޖޯ މެންޑޭސް ބާސާއަށް ސޮއިކޮށްފިއެވެ.

އުމުރުން 18 އަހަރުގެ މެންޑޭސް ބާސެލޯނާގެ ޔޫތު ޓީމާއިއެކު ކޮންޓްރެކްޓްގައި ސޮއިކުރިކަން ބާސާއިން ހާމަ ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މެންޑޭސްއާއިއެކު ބާސާއިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އެ ކުލަބުން ހާމަ ކޮށްފައި ނުވެއެވެ. ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބާސާއިން މެންޑޭސްއާއިއެކު އެއްބަސްވުން ހަދާފައި ވަނީ 2024 ވަނަ އަހަރުގެ ސީޒަން ނިމުމާއި ހަމައަށެވެ.

Ad
rt

މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޓްރަޔަލްއެއްގައި މެންޑޭސް އައީ ބާސާގެ ޔޫތު ޓީމާއިއެކު ޓްރެއިނިން ހަދަމުންނެވެ. ބާސާއާއި ގުޅުމުގެ ކުރިން މެންޑޭސް ހުރީ ބްރެޒިލްގެ ކްރުޒޭރޯގެ ބީ ޓީމުގައެވެ. މެންޑޭސްއަކީ ފޯވާޑަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

ރޮނާލްޑީނިއޯ އަކީ 2003/08 އަށް ބާސެލޯނާއަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ބާސާއަށް 200 އަށް ވުރެ ގިނަ މެޗު ކުޅެދީ 100 އާއި ގާތްކުރާ އަދަދަށް ލަނޑު ޖަހާފައެވެ. ރޮނާލްޑީނިއޯ ބާސާއާއި އެކު ޗެމްޕިއަންސް ލީގު އެއްފަހަރު، ލަލީގާ ދެ ފަހަރު ކާމިޔާބު ކޮށްފައި ވެއެވެ. މީގެ އިތުރުން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލުން ކާމިޔާބުކުރި އިރު އެ ޓީމްގައި ވެސް ރޮނާލްޑީނިއޯ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.