މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދެވޭނެ ކަމަށް ކެމްޕެއިންގައި ދެންނެވީ ކަމާ ބެހޭ ހުރިހައި ހޯދުންތަކެއް ހޯދައި، މައްސަލައިގެ ހައްލު ދެނެގަނެ، އެކަން ކުރެވޭނެކަން ޔަގީންވާތީކަމަށް މާލޭ ސިޓީގެ މޭޔާރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ރޭ މާލޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އިދިކޮޅު ކޯލިޝަންގެ އެއް ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޑރ. މުޢިއްޒު ވަނީ މާލެއަކީ ދިވެހިރާއްޖޭގެ ހިތާއި ފުރާނަ ކަމަށް ވިދާޅުވެ، މާލެ އަޅުވެތިވުމުން ދެންކަންވީގޮތް ތާރީޚުން މިސާލު ނަންގަވައި ވިދާޅުވެ ދެއްވާފައެވެ.

Ad
rt

އެ މިސާލުތަކުގެ އަލީގައި މާލެ ސިޓީއަށް ލިބޭ ގެއްލުމެއް ފެތުރިގެންދާނެ ގޮތް ވިދާޅުވަމުން، މާލެ ސިޓީގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ މުހިންމުކަން ހަމަ އެއް ގޮތަކަށް ވެސް ނޯޅޭ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. އަދި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއްކަމަކަށް ފާހަގަ ކުރައްވާނީ ގެދޮރާއި ބިމުގެ ދަތިކަން ކަމަށް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ، އެއީ މާލެ ސިޓީގެ ރައްޔިތުންނަށް އިންތިހާއަށް ބޭނުން ޖެހިފައިވާ ކަމެއް ކަމަށާއި، މާލޭގެ ރައްޔިތުންނަށް ގެވަޅު ލިބެން ޖެހޭނެކަމަށާއި، އެ ކަން ކުރެވޭނެ ކަމަށް އޭނާ ދެންނެވީ އެ ކަން އޭނާ އަށް ކަށަވަރުވާތީ ކަމަށެވެ. އަދި ކުރެވޭނެ ކަމުގެ ޔަޤީންކަން ވެސް އޮތުމުން ކަމަށެވެ.

''ކަމާ ބެހޭ ހުރިހައި ހޯދުންތަކެއް ހޯދައި މައްސަލައިގެ ހައްލު ހޯދާފައި، މި އަދު ވެސް އެ ހައްލު އަޅުގަނޑުމެން އަތުގައި މި އޮތީ، އެއީ ގުޅިފަޅުން 280 ހެކްޓަރުގެ ބިން ހިއްކުން. ފުށިދިއްގަރު ފަޅުން 900 ހެކްޓަރުގެ ބިން ހިއްކުން. އަދި ގިރާވަރު ފަޅުން 200 ހެކްޓަރުގެ ބިން ހިއްކުން. އޭރުން ޖުމުލަ އެވީ 1380 ހެކްޓަރުގެ ބިން. މި ބިންތައް ހިއްކައި ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ޖެހިފައިވާ ފަރާތްތަކަށް ދޭންވީ، ގޯތި ބޭނުންވާ މީހުންނަށް ގޯތި ފްލެޓު ބޭނުންވާ މީހުންނަށް ފްލެޓު ދޭންވީ.'' މޭޔަރު ވިދާޅުވިއެވެ.

މޭޔަރު މުޢިއްޒު ވިދާޅުވީ، މާލެ ސިޓީގައި ގެދޮރުގެ ދަތިކަން ފޯރާފައިވާ 50000 އާއިލާއަށް އެ ނިސްބަތުގެ ބިމުން ގޯއްޗާއި ފުލެޓުދީ ދިގު މުއްދަތަކަށް މައްސަލައަށް ހައްލު ހޯދައިދެވޭނެ ކަމަށެވެ. އެއާއެކު ރައްޔިތުންނަށް ބުރަކަމެއް ނާންނާނެ ލުއި އަގުގައި ހައުސިން ލޯން ސްކީމްތައް މަރުކަޒީ ބޭންކުން ރެގިޔުލޭޓް ކޮށްގެން ބޭންކްތަކުން ލިބޭނޭ ގޮތް ހަމަޖައްސައި، ހައުސިންގ ސަބްސިޑީ ސްކީމެއް ތަޢާރަފް ކުރުމުން އެއޮތީ ރައްޔިތުންނަށް އުފާވެރި ދުނިޔެއެއް ހޯދައިދެވިފައި ކަމަށް ވެސް ވިދާޅުވިއެވެ.

''މީ ކުރެވޭނެ ކަންކަން. ކުރަންޖެހޭ ކަންކަން. އެތައް ރައްޔިތުންނެއްގެ ވޭނީ އިޙްސާސްތަކަށް މި ކަމުން ފަރުވާ ދެވޭނެ. މި ކަމަކީ ކުރެވޭނެ ކަމެއްކަމުގެ ދަލީލަކަށް ހުޅުމާލެ ދެވަނަ ފިޔަވަހި އެ އޮތީ ހިއްކާ އާ ސަހަރެއް ބިނާކޮށްފާ. އެ ތަނުގައި އެތައް ރައްޔިތުނެއް އުފަލާއެކު މިހާރު އެ ތިބަ ދިރިއުޅެނީ.'' މާޔަރު ވިދާޅުވިއެވެ.

މޭޔަރު ވަނީ، އޭނާ އަތުގައި އެ ޕްލޭން އޮތް ނަމަވެސް މާލެ ސިޓީގެ ރައްޔިތުންނަށް އެ ތަނަވަސް ދިރިއުޅުން ހޯދައިދޭން ކައުންސިލުން މިހާތަނަށް ކުރި އެއްވެސް މަސައްކަތަކަށް ސަރުކާރުން އިޖާބައެއް ނުދެއްވި ކަމަށެވެ.

''ބޭނުންވަނީ ކޮން އިޖާބައެއްތޯ؟ ހަމަ އެކަނި މާލޭގައި ގެދޮރުވެރިކަމަށް ޖެހިފައިވާ 50000 އާއިލާއަށް އެކަން ހައްލުކޮށްދިނުމުގައި ސަރުކާރުން ސިޓީކައުންސިލްގެ ބައިވެރިވުމާއި މަޝްވަރާއާއެކު މަސައްކަތްކޮށްދެއްވުން. ގެދޮރުވެރިކަން ނެތުމަކީ ހިތްދަތިކަމެއް. ވޭންހުރިކަމެއް.'' މުޢިއްޒު ވިދާޅުވެފަވެއެވެ.