ދިވެހި ފަސްގަނޑަކީ ބޭރުގެ އެއްވެސް ގައުމެއްގެ މަސްލަހަތު އެއްގޮތަކަށް ވެސް ހިމާޔަތްކުރާ ތަނަކަށް ވެގެންނުވާނެކަމަށާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ވެެރިކަމެއްގައި އެއްވެސް ބަޔަކަށް އެފުރުސަތު ނުދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީން ރޭގައި ވަނީ "ނާޒިމް ބުނަނީ ކީކޭ؟" ނަމުގައި ކްލަބް ހައުސް އިވެންޓެއް ކުރިއަށް ގެންގޮސްފައެވެ. ކްލަބް ހައުސްގެ އިތުރުން އެ ޕާޓީގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވްކުރި މި އިވެންޓްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ބޭރުގެ އެއްވެސް އަސްކަރީ ބާރަކުން ރާއްޖޭގައި ތިބެން ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އެމްއެންޕީގެ ވިސްނުމަކީ ވެސް އެއީ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެމްއެންޕީގެ ވެރިކަމެއްގައި ރާއްޖޭގެ ފަސްގަނޑުން އިންޗިއެއް ވެސް ގެއްލެން ފުރުސަތެއް ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

Ad
rt

މިއަދު އެންމެބޮޑު މައްސަލައަކީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމޭ ބަޔަކަށް ހީވެދާނެކަމަށާއި، ނަމަވެސް އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރެވިފައިވާ ގޮތުން ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭ ހިސާބަށް ވަނީ ގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ސިޔާސަތުގެ މިނިވަންކަމެއް، އަމިއްލަ ބާރުވެރިކަން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

''ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބެލެންސްވާންޖެހޭ ކަމަށް ޤަބޫލު ކުރަންޖެހޭ، މިފެންނަނީ އެންމެ ކައިރިން އިންޑިއާ، ދެން އޭގެ ދުރުން ޗައިނާއާއެކީ ވެސް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވެންޖެހޭނެ، ކޮންމެ ސަރުކާރެއް އައިނަމަވެސް އެ ސަރުކާރެއްގެ ޕާޓްނަރުން ތިބެންޖެހޭނެ، އެ ޕާޓްނަރުންގެ ގޮތުގައި ތިބެގެން އުސޫލުތަކާއެއްގޮތަށް ދެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭނެ،'' ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިވެހި ފަސްގަނޑަކީ އެހެން ބައެއްގެ މަސްލަހަތު ހިމާޔަތްކުރާ ތަނަކަށް އެއްގޮތަކަށް ވެސް ވެގެންވާނެ ކަމަށެވެ.

''އަޅުގަނޑު މިދަންނަވާލަނީ މިސާލަކަށް އެއްކޮޅުގައި އައްޑޫ އެއާޕޯޓު، އަނެއްކޮޅުގައި ހަނިމާދޫ އެއާޕޯޓު، އެތަންތަނުގައި އަޅުގަނޑުމެންނަކަށް ޤަބޫލެއް ނުކުރެވޭ، ހަގީގަތުގައި ޕާޓްނަޝިޕުން ކަމެއް ކުރެވެންޖެހޭނެ ކަމަކަށް، އަޅުގަނޑުމެން މިނިވަންކަމާއެކު އެއާޕޯޓު އަޅުގަނޑުމެން އަތުގައި އޮންނަންޖެހޭނެ، އެތަން އަޅުގަނޑުމެން އަތުން ބީވެއްޖެތަ؟ އަޅުގަނޑުމެންނަށް އަނެއްކާވެސް އެ ދިމާވީ ސަލާމަތީގޮތުން ނުރައްކާތެރިކަމެއް'' ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވިގޮތުގައި، މި ސަރުކާރުގެ ސިޔާސަތު ހުރިގޮތުން ޤައުމުގެ މިނިވަންކަމާއި އިސްތިގްލާލު ގެއްލިގެން ހިނގައިދާނެއެވެ. އަދި އޭނާ ވަނީ ދައުލަތުގެ ހުރިހާ ނިންމުންތަކާއި މުދާވެސް ވަކި އެއްޤައުމެއްގެ ނުފޫޒުގެ ތެރެއަށް ވަދެގެން ގޮސްފައިވާ ކަމަށާއި، ދައުލަތުގެ ބޮޑެތި ސްޓެރެޓެޖިކް އިންވެސްޓްމަންޓްތަކާއި، ލޮކޭޝަން ތަކާއި ދިފާޢީ ބާރުތަކުގެ މުހިންމު ތަންތަނާއި އިންވެސްޓްމަންޓްތައް ވެސް ހަމަ އެއް ޤައުމެއްގެ ބާރުގެ ދަށަށް ދޫކޮށްލާފައިވާ ކަމުގައި ވިދާޅުވެފައެވެ.