އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުން މެޗު ކާމިޔާބުކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، މި ބުރުގައި ޓޮޓެންހަމް ކުޅުނު މެޗުން ބަލިވެ އެ ޓީމް މުބާރާތުން ކަޓައިފިއެވެ.
ރޭ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ވެސްޓްހޭމްއާއި ދެކޮޅަށް ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ވެސްޓްހޭމުންނެވެ. މެޗުގެ 54 ވަނަ މިނެޓުގައި ވެސްޓްހޭމްގެ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ސާއިދް ބެންރަހްމާއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އެ ޓީމްގެ އެމާސަންގެ އެހީތެރިކަމާއި އެކުގައެވެ.
މެޗުގެ ނަތީޖާ ހަމަހަމަ ވެފައި ވަނީ 77 ވަނަ މިނެޓުގައި ވެސްޓްހޭމްގެ ޑިފެންޑަރ ނެޔެފް އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. ޔުނައިޓެޑަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ލިބިފައި ވަނީ މެޗުގެ ފަހު މިނެޓުގައި އެ ޓީމްގެ ޒުވާން ފޯވާޑް ގަނާޗޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ޔުނައިޓްގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭ ވެގްހޯސްޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ފްރެޑްއެވެ.
ރޭ ރަށުން ބޭރުގައި ޓޮޓެންހަމް ވަނީ ޝެފީލްޑް ޔުނައިޓެޑް އަތުން 1-0 ގެ ނަތީޖާއިން ބަލިވެ މުބާރާތުން ކަޓާފައެވެ.
ރޭ ޓޮޓެންހަމްގެ ފުރަތަމަ އެގާރާގައި އެ ޓީމްގެ އިތުބާރު ފޯވާޑް ހެރީ ކޭން ހިމަނާފައި ނުވެއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 79 ވަނަ މިނެޓުގައި ޝެފީލްޑަށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ލިމަން އެންޑިއާޔެއެވެ.
ފަސްވަނަ ބުރުގައި ރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާއަށް ބަލައިލާއިރު، ގްރިމްސްބީ ޓައުން އިން ވަނީ 2-1 ގެ ނަތީޖާއިން ސައުތެމްޓަން ބަލިކޮށްފައެވެ. ފްލީޓްވޫޑް ޓައުން އަތުން ބާންލީ 1-0 ގެ ނަތީޖާއިން މޮޅުވެ ވަނީ ކުއާޓާއިން ޖާގަ ހޯދާފައެވެ.
ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީ ބައްދަލުކުރާނީ ބާންލީއާއެވެ. މެންޗެސްޓާ ޔުނައިޓެޑް ފުލަމްއާއި ބައްދަލުކުރާއިރު، ބްރައިޓަން ނުކުންނާނީ ގްރިމްސްބީ ޓައުންއާއި ދެކޮޅަށެވެ. އަދި ޝެފީލްޑް ޔުނައިޓެޑް ކުއާޓާގައި ބައްދަލުކުރާނީ ބްލެކްބާން ރޯވާސްއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!