ޗެލްސީއަށް ކުޅެމުން އަންނަ އުމުރުން 38 އަހަރުގެ ތަޖުރިބާކާރު ބްރެޒިލް ޑިފެންޑަރ، ތިއާގޯ ސިލްވާއަށް އަނިޔާވެ ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ.
ސިލްވާގެ ކަކުލަށް އަނިޔާވެފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ޓޮޓެންހަމް އަތުން ޗެލްސީ ބަލިވި މެޗުގައެވެ. އޭނާގެ ކަކުލަށް އަނިޔާވުމުގެ ސަބަބުން އެ މެޗުގެ 19 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުވެސް ކޮށްފައެވެ.
ސިލްވާގެ ކަކުލަށް ލިބުނު އަނިޔާގެ އިތުރަށް ބެލުމަށްޓަކައި މި ހަފްތާގެ ހޯމަދުވަހު ޓެސްޓުތަކެއް ހަދާފައިވީ ނަމަވެސް އޭނާ އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އަންނަން ނަގާނެ މުއްދަތެއް ޗެލްސީން ހާމަ ކޮށްފައި ނުވެއެވެ.
ޗެލްސީގައި ހުރި އެންމެ ތަޖުރިބާކާރު އަދި އެންމެ އިތުބާރު ޑިފެންޑަރަށް އަނިޔާވުމަކީ ނަތީޖާ އާދަޔާ ޚިލާފަށް ދަށްވެފައިވާ ޗެލްސީއަށް ކުރިމަތިވާނެ އިތުރު މައްސަލައަކަށް ވާނެއެވެ.
މިހާތަނަށް ބަލައިލާއިރު ޗެލްސީއަށް މި ސީޒަންގައި ކާމިޔާބު ކުރެވެން އޮތް ހަމައެކަނި މުބާރާތަކީ ޗެމްޕިއަންސް ލީގެވެ. ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގައި ޑޯޓްމަންޑާއި ދެކޮޅަށް ރަށުން ބޭރުގައި ޗެލްސީ ކުޅުނު ފުރަތަމަ ލެގުގެ މެޗުން ވަނީ ބަލިވެފައެވެ. އަންނަ ހަފްތާގައި ދެވަނަ ލެގުގެ މެޗުގައި ސިލްވާއަށް ނުކުޅެވޭނެކަން ޔަގީންވެފައިވާއިރު، އެ މެޗުން ޑޯޓްމަންޑް ބަލިކުރުން ނޫން ގޮތެއް ޗެމްޕިއަންސް ލީގުގައި ދެމި އޮތުމަށް ވެސް ޗެލްސީއަކަށް ނެތެވެ.
ލީގުގައި ޗެލްސީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 10 ވަނާގައެވެ. އެ ޓީމަށް 24 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނާގައި އޮތް އާސެނަލްއާއި ޗެލްސީއާއި ދެމެދު މިހާރު ވެސް 26 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އަންނަ އަހަރު ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް ވެސް ލީގުގެ ފަހުބައިގައި ޗެލްސީން ބުރަކޮށް މަސައްކަތް ކުރަން ޖެހިފައިވާއިރު، ޗެލްސީއާއި ހަތަރު ވަނާގައި އޮތް ޓޮޓެންހަމްއާއި ދެމެދު ވެސް 14 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ސިލްވާ ފްރާންސްގެ ޕީއެސްޖީ ދޫކޮށް ޗެލްސީއަށް ބަދަލުވެފައި ވަނީ 2020 ވަނަ އަހަރުއެވެ. ފާއިތުވީ މުއްދަތުގައި އޭނާ ވަނީ ޗެލްސީއަށް 109 މެޗު ކުޅެދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!