ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ވަޑައިގެންފި އެވެ.

ދިވެހި ޚާރިޖިއްޔާއިން ވިދާޅުވީ ޝާހިދުގެ މި ދަތުރުފުޅަކީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ރައިސީނާ ޑައިލޮގް ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

Ad
rt

ރައިސީނާ ޑައިލޮގް އަކީ އިންޑިއާގެ ފޮރިން މިނިސްޓްރީ އާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަނާ ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސް ކުރިއަށް ގެންދަން ނިންމާފައި ވަނީ މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ވިދާޅުވެފަވެއެވެ.

ޝާހިދު އިންޑިއާއަށް ރަސްމީ ދަތުރެއް ފައްޓަވާފައިވާއިރު އިންޑިއާ އަކީ މި ސަރުކާރާ އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެވެ. އެ ގައުމުގެ އެހީތެރިކަމާއި އެކު މި ސަރުކާރުގެ ވައުދުތައް ފުއްދުމަށް ގިނަ މަޝްރޫޢުތަކެއް ދަނީ ހިންގަމުންނެވެ.