ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އަންހެން ކަނބަލުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި އެވޯޑަކީ ދިގުމުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތަކެއް ހޯރަފުއްޓަށް ކޮށްދެއްވާފައިވާ ކަނބަލުންނަށާއި ތަފާތު ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް އެ ރަށަށް ކޮށްދެއްވާފައިވާ ކަނބަލުންނަށާއި، ރަށަށް އެންމެ ޚިދުމަތްތެރި ކަނބަލުންނަށާއި، ދުނިޔޭގެ ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި އަދި ރަށުފެންވަރުގައި އެ ރަށަށް ރީތިނަމާއި ޝަރަފް ހޯދައިދީފައިވާ ކަނބަލުންގެ އަގުވަޒަންކޮށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.
މި އެ ވޯޑް މައިގަނޑު ފަސްދާއިރާއަކުން ދިނުމަށް ނިންމާފައިވާއިރު، އެ ދާއިރާތަކަކީ ޝަރަފްވެރިކަމުގެ އެވޯޑް، މަތީ ދަރަޖަ އެވޯޑް، ހިތްވަރު ދިނުމުގެ އެވޯޑް، ހާއްސަ ޚިދުމަތުގެ އެވޯޑްގެ އިތުރުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ.
މިގޮތުން ޝަރަފްވެރިކަމުގެ އެވޯޑް ޖުމްލަ އެގާރަ ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ދާއިރާތަކަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ޢިލްމު އުނގައްނައި ދިނުމުގެ ދާއިރާ، ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަޤާފަތުގެ ދާއިރާ، ތަޢުލީމީ ދާއިރާ، ސިއްހީ އަދި ދިވެހި ބޭސްވެރިކަމުގެ ދާއިރާ މަސްކައްކާ ހިއްކުމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ތިމާވެށީގެ ދާއިރާ، އުފެއްދުންތެރިކަމުގެ ދާއިރާ، ކުޅިވަރުގެ ދާއިރާގެ އިތުރުން ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއެވެ.
މަތީ ދަރަޖަ އެވޯޑް ޖުމްލަ ހަ ބަޔަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ބައިތަކަކީ ޘާނަވީބައި، މަތީ ޘާނަވީބައި، ޑިގްރީން ފެށިގެން މަތީ ދަރަޖައިގެބައި، ޕީއެޗްޑީގެބައި، ހާފިޡުންގެބައިގެ އިތުރުން ކުޅިވަރުގެ ބައެވެ.
ހިތްވަރު ދިނުމުގެ އިނާމް ޖުމުލަ ބާރަ ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ދާއިރާތަކަކީ އެ ދާއިރާތަކަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ޢިލްމު އުނގައްނައި ދިނުމުގެ ދާއިރާ، ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަޤާފަތުގެ ދާއިރާ، ތަޢުލީމީ ދާއިރާ، ސިއްހީ އަދި ދިވެހި ބޭސްވެރިކަމުގެ ދާއިރާ މަސްކައްކާ ހިއްކުމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ތިމާވެށީގެ ދާއިރާ، އުފެއްދުންތެރިކަމުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާގެ އިތުރުން މަސައްކަތްތެރި ކަމުގެ ދާއިރާއެވެ.
ހާއްސަ ޚިދުމަތުގެ އިނާމް ދިނުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި ހޯރަފުށީގެ ކުރިއެރުމާއި ތަރައްޤީއަށް ރައްޔިތުންނަށްޓަކައި ފާހަގަ ކޮށްލެވޭ އެކަށީގެންވާ ޚިދުމަތެއް ނުވަތަ އެކަށީގެންވާ ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ފަރާތަކަށް ވުން، އަދި ވެދެއްވި އެހީތެރިކަމުން ރަށާއި ރައްޔިތުންނަށް ފައިދާވީ މިންވަރަށް ބެލުމަށް ވަނީ ހަމަޖެހިފައެވެ.
ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދިނުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި ހޯރަފުށީގެ ކުރިއެރުމާއި ތަރައްޤީއަށް ރައްޔިތުންނަށްޓަކައި ފާހަގަ ކޮށްލެވޭ އެކަށީގެންވާ ޚިދުމަތެއް ނުވަތަ ޚިދުމަތްތަކެއް ފޯރުކޮށްދީފައިވާ ފަރާތަކަށް ވުން، އަދި ވެދެއްވި އެހީތެރިކަމުން ރަށާއި ރައްޔިތުންނަށް ފައިދާވީ މިންވަރަށް ބެލުމަށް ވަނީ ހަމަޖެހިފައެވެ.
ބަޔާންކުރެވިދިޔަ ދާއިރާތަކުން ޝަރުތު ހަމަވާ ފަރާތްތަކުން އެވޯޑަށް ކުރިމަތި ލުމުގެ ފުރުޞަތު މި މަހުގެ 9 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
އެވޯޑަށް ކުރިމަތިލާން ހުށަހަޅަންޖެހޭ ފޯމް ހޯރަފުށީ ކައުންސިލް އިދާރާއިންނާއި ހޯރަފުށީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖާއި ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފޭސްބުކް ޕޭޖުގައިވާ ލިންކު މެދުވެރިކޮށް ފޯމް ލިބިލައްވާނެއެވެ.
އޮންލައިންކޮށް ފޯމް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ހޯރަފުށީ ކައުންސިލްގެ އީ މެއިލް info@hoarafushi.gov.mv އަށް މެއިލް ކުރެއްވުމަށް އެ ފަރާތުން އެދިލައްވައެވެ.
ފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/119180.docx
އިނާމް ދެވޭ މިންގަނޑު: https://storage.googleapis.com/gazette.gov.mv/docs/iulaan/119179.pdf
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!