ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭން ފެށީ 24 ފެބްރުއަރީ 2022ގައެވެ. އިއްޔެއަށް މި ހަނގުރާމައަށް އަހަރެއް ފުރިފައިވާއިރު ފާއިތުވި އެއް އަހަރު އެ ހަނގުރާމައިގެ އަސަރު ނުކުރާ ގައުމެއް ދުނިޔޭގައި ނެތެވެ. އެންމެ ބޮޑެތި އިގްތިސާދުން ފެށިގެން ކުދި އިގްތިސާދުތަކަށް ވެސް މި ހަނގުރާމައިގެ އަސަރު ވަނީ ކޮށްފައެވެ.
މިއީ ދެވަނަ ބޮނޑުހަނގުރާމައަށްފަހު ޔޫރަޕުގައި ހިނގަމުން އަންނަ އެންމެ ބޮޑު ހަމަނުޖެހުމެވެ. މިއީ އިގްތިސާދީގޮތުންނާއި އިންސާނީ ކާރިސާތައް ވެސް ދިމާވަމުން އަންނަ ހަނގުރާމައެކެވެ.
ރަޝިއާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތަކުން ސަލާމަތްވުމަށް އެތައް ބަޔަކު ވަނީ ޔޫކްރޭން ދޫކޮށް އެހެން ގައުމުތަކަށް ދިރިއުޅުން ބަދަލުކޮށްފައެވެ. މި ހުރިހާ ފަރާތްތަކުންވެސް ބަދަލުވެފައިމިވަނީ ރެފިއުޖީންގެ ގޮތުގައެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ބުނެފައިވާ ގޮތުގައި ހަނގުރާމަ ފެށިފަހުން ޔޫކްރޭނުން އަށް މިލިއަން ރެފިއުޖީން ވަނީ ބަދަލުވެފައެވެ. މިއީ ދެވަން ބޮޑު ހަނގުރާމައަށްފަހު މިހާ ގިނަ ބަޔަކު އެއް ފަހަރާ ޔޫރަޕުގައި އަމިއްލަ ގައުމުން ފިލި ފުރަތަމަ ފަހަރެވެ.
މި ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް އެންމެ ބޮޑު އަސަރެެއް ކުރީ ރަޝިއާއާ ދެކޮޅަށް އެކި ގައުމުތަކުން އެޅި ފިޔަވަޅުތަކާއި އެ ޤައުމުން އޭގެ ބަދަލުގައި އެޅި ފިޔަވަޅުތަކުގެ ސަބަަބުންނެވެ. ރަޝިއާ އާއި ޔޫކްރޭނަކީ ދުނިޔޭގައިވެސް އެންމެ ގިނަ އަދަދަކަށް ގޮވާމާއި ކައްކާ ތެލާއި ޒުވާރި ފަދަ ތަކެތި އެކްސްޕޯޓް ކުރަމުން އައި ދެ ގައުމެވެ. އަދި ރަޝިއާއަކީ ތެލާއި ގަސްކާނާ އުފެއްދުމުގައި ވެސް ފާހަގަކުރެވޭ އެއް ގައުމެވެ.
ހަނގުރާމަ ފެށުމާއެކު ރަޝިއާއިން ވަނީ ބްލެކް ސީ ހިފައިފައެވެ. ޔޫކްރޭނުން އެކްސްޕޯޓް ކުރާނަމަ އެ ގައުމުގެ އުޅަނދުތައް ދާން ޖެހޭނީ އެ ކަނޑު ހުރަސްކޮށެވެ. ނަމަވެސް އެކަމަށް ރަޝިއާއިން ހުރަސްއެޅުމުން ގިނަ ދުވަސްތަކެއް ވަންދެން ގޮވާމާއި ކައްކާ ތެޔޮ ގައުމުތަކަށް ނުލިބި ދިޔައެވެ. މީގެ ސަބަބުން އެތަކެތީގެ އަގު އިންތިހާއަށް ގައުމުތަކުގައި އުފުލިގެންދިޔައެވެ.
ގައުމުތަކުގައި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ބައެއް ގައުމުތަކުގައި ބަނޑުހައި ހޫނުކަމުގެ ކާރިސާތައް އުފެދުމުގެ ބިރު އޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް އިންޒާރުކުރިއެވެ. މިއާއެކު ރަޝިއާއާއި ޔޫކްރޭނާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން އެކްސްޕޯޓަށް ލުއިތަކެއް ދިނެވެ. ނަމަވެސް އަދިވެސް ހަމައަކަށް ނޭޅެއެވެ.
ރަޝިއާގެ މި ހަނގުރާމައާއެކު ނޭޓޯ އާއި އދ. އާއި އީޔޫ ވެސް ގުޑާލިއެވެ. މި ޖަމިއްޔާތަކުގެ ގައުމުތަކުން ހަނގުރާމަ ހުއްޓާލަން ގޮވާލާތާވެސް އަހަރެއް ވަނީއެވެ. ގަރާރުތައް ވެސް ފާސްކުރެއެވެ. އަދި ރަޝިއާއާ ދެކޮޅަށް ފިޔަވަޅުވެސް އަޅައެވެ. ނަމަވެސް ރަޝިއާއިން އަދިވެސް ހަނގުރާމަ ހުއްޓާލަން އުޅޭތަނެއް ނުފެނެއެވެ.
ރަޝިއާގެ ރައީސް ވްލެޑިމީރް ޕޫޓިން ހީފުޅު ކުރެއްވީ ހަނގުރާމައާއު ޔޫރަޕުގެ ގައުމުތައް ދެބައިވެ ނޭޓޯ ބަލިކަށިވާނެ ކަމަށެވެ. ނަމަވެސް އެކަން ވެސް ކާމިޔާބެއް ނުވެއެވެ.
ގިނަ ގައުމުތަކުން ތިބީ ޔޫކްރޭނާއެކުގައެވެ. މީގެ ތެރެއިން އެއް ގައުމަކީ އެމެރިކާއެވެ. އެ ގައުމުން ވަނީ ޔޫކްރޭނަށް ހަނގުރާމައިގައި އެހީވުމަށް އެތައް ބިލިއަން ޑޮލަރެއް ހަދިޔާ ކޮށްފައެވެ.
މި ހަނގުރާމަ ނިމޭނެ ދުވަހެއް އަދިވެސް ނޭނގެއެވެ. ނަމަވެސް ދުނިޔޭގެ ލީޑަރުން ގެންދަނީ ދެ ގައުމު ދެމެދުގައި ސުލްހަ ގާއިމް ކުރުމަށް މަސައްކަތް ކުރަމުންނެވެ.