ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިގެން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ކުރިއަށް ދިޔުމަށް ނިންމި ނިންމުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް މަރުޙަބާ ދަންނަވައިފި އެވެ.

ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިޔުމަށް އެމްޑީއޭ އިން ނިންމި ނިންމުމަށް މަރުޙަބާ އަދި ޝުކުރު ދަންނަވާކަމަށެވެ.

Ad
rt

"އަޅުގަނޑުމެން މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ހަމަޖެހުމާ ތަރައްޤީއާ ކުރިއެރުމަށް އަޅުގަނޑުމެން ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިޔުމަށް."

ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

އެމްޑީޕީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ދެއްވި ދައުވަތު ގަބޫލުކުރައްވައި ވެރިކަމުގެ ދެވަނަ ދައުރެއް އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި މަސައްކަތްކޮށްދިނުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއިން ނިންމި ނިންމުމަށް ޕާޓީގެ ފަރާތުން މަރުހަބާ ދަންނަވާކަމަށެވެ.

މި ނިންމުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގެ މި ހިނގާ ދައުރުގައި ގައުމަށް ގެނެސްދެއްވި ހަމަޖެހުން ދެމިއޮވެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން އިއްތިހާދުގެ ސަރުކާރަކުން ކަމަށް ގަބޫލުކުރާތީ ގައުމާއި ރައްޔިތުންގެ ހައްގުގައި ނިންމެވި ނިންމެވުމެއްކަމަށް އެ ޕާޓީއިން ދެކޭކަމަށެވެ.