ސައިންޓިފިކް މެނޭޖްމަންޓް ސްކޫލް ތިޔަރީގެ ބާނީއަކީ ފްރެޑްރިކް ވިންސްލޯ ޓޭލަރ (1856-1915) އެވެ. 1911 ވަނަ އަހަރު އޭނާގެ މޮނަގްރާފްގައި "ދަ ޕްރިންސިޕަލްސް އޮފް ސައިންޓިފިކް މެނޭޖްމަންޓް" ޝާއިޢުކުރެއްވިއެވެ. ޓޭލަރ ވިދާޅުވީ ހަވާލުކުރެވޭ މަސައްކަތުގެ ޕްރޮސެސްއެއްގައި ހުރި އުނިކަންތައްތައް ރަނގަޅު މެނޭޖްމަންޓް އުސޫލުތަކެއްގެ ތެރެއިން ސައިންޓިފިކް ގޮތުން ހައްލުކުރެވޭނެ ކަމަށެވެ. އަދި މަސައްކަތްތެރި އުފެއްދުންތެރިކަން (ލޭބަރ ޕްރޮޑަކްޓިވިޓީ) އިތުރުކުރުމަށް އެންމެ ރަނގަޅު ގޮތަކީ އެ މަސައްކަތް ކުރެވުނު ގޮތް އެންމެ ރަނގަޅަށް ބެލެހެއްޓުން ކަމަށެވެ.
ސައިންޓިފިކް މެނޭޖްމަންޓް މަޝްހޫރުވެފައިވަނީ "ޓޭލަރިޒަމް"ގެ ނަމުންނެވެ.
ސައިންޓިފިކް މެނޭޖްމަންޓް ތިޔަރީގެ ބާނީ، ޓޭލަރގެ ތިޔަރީތައް އުފެއްދީ އެމެރިކާގެ ދަގަނޑު އުފައްދާ ކުންފުނި ބެތްލެހެމް ސްޓީލްގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރި ދުވަސްވަރުގައެވެ. އޭނާއަކީ މެކޭނިކަލް އިންޖިނިއަރެކެވެ. ސިނާއީ އުފެއްދުންތެރިކަން އިތުރުކުރުމަށް ގެންގުޅުއްވި ގޮތްތަކުގެ ސަބަބުން މަޝްހޫރުވެވަޑައިގެންނެވިއެވެ.
އެ ތިޔަރީ ބުނަނީ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ އުފެއްދުމުގެ ޕްރޮސެސް ތަހުލީލުކުރުމަށް ސައިންޓިފިކް ގޮތްތައް ބޭނުންކުރުންކަމަށެވެ. އެންމެ ފުރަތަމަ ސައިންޓިފިކް މެނޭޖްމަންޓަށް ވަކާލާތު ކުރެއްވި ޓޭލަރގެ ސައިންޓިފިކް މެނޭޖްމަންޓް ތިއަރީގައި ބުނަނީ އިޤްތިޞާދީ ސަމަކާރަ (އިކޮނޮމިކް އެފިޝެންސީ) ޙާޞިލުކުރުމަށްޓަކައި ރަނގަޅު އުފެއްދުމުގެ ނިޒާމެއް ތަރައްޤީކުރުމަކީ މަސައްކަތު މާހައުލުގެ މެނޭޖަރުންގެ މަސައްކަތެެއް ކަމަށެވެ.
ފްރެޑްރިކް ޓޭލަރގެ ސައިންޓިފިކް މެނޭޖްމަންޓުގެ ހަތަރު ޕްރިންސިޕަލެއް އޮވެއެވެ.
ފުރަތަމަ ޕްރިންސިޕަލަކީ “ރޫލް އޮފް ތަމް” އަށް ނުގޮސް، ސައިންސްގެ މައްޗަށް ބިނާކޮށް ގޮތެއް ޚިޔާރުކުރުމެވެ.
މިއީ ކޮންމެ މަސައްކަތްތެރިއަކަށް ވެސް މަސައްކަތެއް ނުވަތަ ޓާސްކެއް ފުރިހަމަ ކުރުމަށް އެ މީހަކު އަމިއްލައަށް ރޫލް އޮފް ތަމްގެ އުސޫލު ބޭނުންކުރުމުގެ ފުރުސަތު ދިނުމުގެ ބަދަލުގައި، ސައިންޓިފިކް އުސޫލު ބޭނުންކޮށްގެން އެ މަސައްކަތް ކުރުމަށް "އެންމެ ރަނގަޅު އެއް ގޮތް" ކަނޑައަޅައިގެން މަސައްކަތްކުރުވުމެވެ. "ރޫލް އޮފް ތަމް" އަކީ ސީދާ ހިސާބުތަކެއްގެ މައްޗަށް ބިނާނުކޮށް، ތަޖުރިބާގެ މައްޗަށް ބިނާކުރާ އުސޫލެވެ.
ދެވަނަ ޕްރިންސިޕަލަކީ މަސައްކަތްތެރިންގެ ޤާބިލުކަމަށް ބަލައި ވަޒީފާ ޙަވާލުކުރުމެވެ.
މިއީ ވަޒީފާއަށް ރެންޑަމްކޮށް މަސައްކަތްތެރިން ހަމަޖެއްސުމުގެ ބަދަލުގައި، ވަކި ކޮންމެ ވަޒީފާއަކަށް އެންމެ ޤާބިލު މީހުން ވަޒަންކޮށްގެން ވަޒީފާ ހަމަޖައްސައި، އެންމެ މަތީ ސަމަކާރަ ( ޕީކް އެފިޝަންސީ)ގައި މަސައްކަތް ކުރުމަށް ތަމްރީނު ދިނުމެވެ.
ތިންވަނަ ޕްރިންސިޕަލަކީ މަސައްކަތްތެރިންގެ މަސައްކަތްތައް މޮނިޓަރކުރުމެވެ.
މިއީ މަސައްކަތްތެރިންގެ ސަމަކާރަ ވަޒަންކޮށް، އެމީހުން މަސައްކަތްކުރަނީ އުފެއްދުންތެރިކަމާއެކުގައިކަން ކަށަވަރުކުރުމަށްޓަކައި ބޭނުންވާ ހާލަތްތަކުގައި އިތުރު އިރުޝާދު ދިނުމެވެ.
ހަތަރުވަނަ ޕްރިންސިޕަލަކީ މެނޭޖަރުންނާއި މަސައްކަތްތެރިންނާ ދެމެދު މަސައްކަތުގެ ބުރަކަން (ވޯކްލޯޑް) ރަނގަޅަށް ބަހާލުމެވެ.
މިއީ މެނޭޖަރުން ކަންކަން ޕްލޭންކޮށް ތަމްރީނު ކުރާއިރު، މަސައްކަތްތެރިން ލައްވައި ތަމްރީނު ކުރެވިފައިވާ ކަންތައްތައް ތަންފީޒުކުރުވުމެވެ.
ސައިންޓިފިކް މެނޭޖްމަންޓް ތިއަރީގައި ފްރެޑްރިކް ޓޭލަރގެ އިތުރުން ހެންރީ ގަންޓް، ފްރެންކް އަދި ލިލިއަން ގިލްބްރެތު ފާހަގަކުރެވެއެވެ.
ހެންރީ ގަންޓް (1861-1919) އަކީ ޓޭލާގެ އެކުވެރިއެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ގަންޓް ޗާޓާއި ޓާސްކް އެންޑް ބޯނަސް ސިސްޓަމްގެ ސަބަބުންނެވެ. ގަންޓް ޗާޓަކީ ޕްރޮޖެކްޓެއްގެ ތެރޭގައި ހިނގާ ކަންތައްތަކުގެ ވިޝުއަލް (ގްރެފިކް) ރިޕްރެޒެންޓޭޝަން ފޯރުކޮށްދޭ ޓޫލެކެވެ. މި ތިއަރީގައި ބާރުއަޅަނީ ޕްރޮޖެކްޓްތައް އިވެލުއޭޓް ކުރާއިރު ވަސީލަތްތަކާއި ވަގުތު ވެސް ބޭނުން ކުރުމަށެވެ.
މެނޭޖްމަންޓް ތިއަރީގެ ދާއިރާއިން ދެން އިތުރު ދެ ފަންނުވެރިންނަކީ ފްރެންކް (1868-1924) އާއި ލިލިއަން ގިލްބްރެތު (1878-1972) އާ ދެމަފިރިންނެވެ.
ފްރެންކަކީ މެނޭޖްމަންޓް ތިއަރީގައި ވަކާލާތުކުރި އަދި ވަގުތާއި ހަރަކާތުގެ ދިރާސާ ކުރެއްވި ބޭފުޅެކެވެ. އެއީ ވެސް އެމެރިކާގެ މަޝްހޫރު އިންޖިނިއަރެކެވެ. އެއީ ކޮންސަލްޓަންޓެއް، އަދި ލިޔުންތެރިއެކެވެ. އޭނާ އާއި އޭނާގެ އަންހެނުން ވެސް މޯޝަން ސްޓަޑީ އާއި ހިއުމަން ފެކްޓަރސް ފަދަ ދާއިރާތަކުން އިންޑަސްޓްރިއަލް އިންޖިނިއަރިންގެ ދިރާސާ ކުރެއްވިއެވެ.
ޓޭލަރ ފަދައިން ގިލްބްރެތު ވެސް ޝައުގުވެރިވީ މަސައްކަތްތެރިންގެ އުފެއްދުންތެރިކަމަށް، ޚާއްޞަކޮށްގެން ހިންގާ ހަރަކާތުން ވަޒީފާއިން ނެރޭ ނަތީޖާއަށް އަސަރުކުރާ ކުރުމަށެވެ.
މަތީގައި ދެންނެވި ފަދައިން، މަސައްކަތްތެރިންގެ ހަރަކާތްތައް ތަޙުލީލުކުރުމަށްޓަކައި ގިލްބްރެތު ވީޑިއޯ ކެމެރާ ބޭނުންކުރިއެވެ. އަދި ގިލްބްރެތު އުފެއްދި ފިލްމުތަކަކީ މުވައްޒަފުންނަށް އުފެއްދުންތެރިކަމާއެކު މަސައްކަތް ކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް ހަށްޓަށް ލުއިކޮށް ތަމްރީނުދިނުމަށް އުފެއްދި ވީޑިއޯ ފިލްމުތަކެކެވެ.
ޓޭލަރ އާއި ގިލްބްރެތު ވެސް ސައިންޓިފިކް ތަޙުލީލުތަކުން މަސައްކަތްތެރިންގެ އުފެއްދުންތެރިކަން އިތުރުވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މަސައްކަތްތެރިންގެ މުހިންމުކަމާމެދު ދެބޭފުޅުންގެ ޚިޔާލުތަފާތެވެ. ޓޭލަރ ބާރުއެޅީ ފައިދާއާއި އުފެއްދުންތެރިކަމަށެވެ. ގިލްބްރެތު އަމާޒު ކުރީ މަސައްކަތްތެރިންގެ ވެލްފެއަރ އާއި މޮޓިވޭޝަނަށެވެ.
މަޢުލޫމާތު:
މާސްޓަރ ކްލާސް (2021) އަންޑަސްޓޭންޑިންގ ޓޭލަރޒަމް: ދަ ހީސްޓްރީ އޮފް ސައިންޓިފިކް މެނޭޖްމަންޓް ތިއަރީ.
ޖެސަން ޖޯޑަން (2022). ސައިންޓިފިކް މެނޭޖްމަންޓް ތިއަރީ - އެކްސްޕްލޭންޑް . ދަ ބިޒްނަސް ޕްރޮފެސަރ.ކޮމް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!