މާލޭގެ ގެސްޓުހައުސްއެއްގައި ހަށިވިއްކަމުންދިޔަ މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ އަށް ކޯޓުން ޝަރުތުކޮށް ދޫކޮށްލައި، ބިދޭސީ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ރޯޅި ގެސްޓުހައުސް ބަލައި ފާސްކުރުމަށްފަހު ހަށިވިއްކަމުންދިޔަ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރެއްވީ އިއްޔެވިއެވެ.

Ad
rt

ފުލުހުން މިއަދު ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރު ކުރުމުން 43 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ކޯޓުން ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

''43 އަހަރުގެ ބިދޭސީ މީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ކޯޓުން ވަނީ ދީފައި'' ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން އެ މައްސަލާގައި ހައްޔަރުކުރި ބިދޭސީ ދެ އަންހެނުން ބަންދުގައި ބެހެއްޓުމަށް 1 ދުވަހުގެ މުއްދަތު ކޯޓުން ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގައި ހައްޔަރު ކުރީ 31 އަހަރާއި، 36 އަހަރުގެ ބިދޭސީ ދެ އަންހެނުންނެވެ.

މީގެތެރެއިން ދިވެހި ފިރިހެން މީހާ އާއި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައިވަނީ ޖިންސީގުޅުން ހިންގަމުން ދަނިކޮށް ކަމަށެވެ.