ބޯކޮށް ވާރޭ ވެހޭނޭ ކަމަށް ލަފާކުރެވޭތީ މެދުރާއްޖެތެރެއަށް ޔެލޯ އެލާޓް އަދި އުތުރާއި ދެކުނުގެ އަތޮޅު ތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

ކ އަތޮޅުން ތ އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 06:30 އިން 09:30 އާއި ދެމެދުގެ ވަގުތުތަކަށެވެ. ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 08:00 އިން މެނދުރު 14:00 އާއި ހަމައަށް ހއ. އަތޮޅުން ޅ އަތޮޅަށް، އަދި ލ. އަތޮޅުުން އައްޑޫ ސިޓީއާއި ދެމެދަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ މި ވަގުތުތަކުގެ ތެރޭގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި މޫސުމަށް ސަމާލުވުމަކީ އެދެވިގެން ވާ ކަމެއް ކަމުގައެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވޭ. ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވޭ. ކަނޑުތައް އާދައިގެވަރަކަށް މަޑު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައިވެއެވެ.

މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:

ވައިޓް އެލާޓް:

މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

ޔެލޯ އެލާޓް:

މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

ރެޑް އެލާޓް:

މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.

ގްރީން އެލާޓް:

މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އެލާޓް ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.