ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރޭ ލިވަޕޫލާއި ޗެމްޕިއަން ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ތަފާތުބޮޑުކޮށް ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލާއި ފިޔަވަޅަކާއި ގާތަށް ރެއާލް ޖެހިލައިފިއެވެ.

ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުން މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 5-2 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ކާމިޔާބުކުރީ ލިވަޕޫލުންނެވެ. ނަމަވެސް ރެއާލުން ވަނީ ފަހަތުން އަރައި ލިވަޕޫލްކޮޅަށް ފަސް ލަނޑު ޖަހާފައެވެ.

ލިވަޕޫލުން މެޗުގެ ފުރަތަމަ ލަނޑު ޖަހާފައި ވަނީ ހަތަރުވަނަ މިނެޓުގައެވެ. މި ލަނޑު ސަލާހް ރެއާލުގެ އޭރިއާތެރެއަށް ތިރިން ކުޅުނު ބޯޅަ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ނުނޭޒްއެވެ. މެޗުގެ 14 ވަނަ މިނެޓުގައި ރެއާލްގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާނަގައި ސަލާން ވަނީ ލިވަޕޫލަށް ދެވަނަ ލަނޑު ޖަހައިދީފައެވެ.

ރެއާލްގެ ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ވިނީސިއަސްއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައި ވަނީ ލިވަޕޫލްގެ އޭރިއާތެރެއިން ލިބުނު ބޯޅަ ގޯލުގެ ތުރުކަނަށް ފޮނުވާލައިގެންވެ. މެޗުގެ 36 ވަނަ މިނެޓުގައި ލަނޑުޖަހައި ރެއާލުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑަކީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އެ ޓީމްގެ ޑިފެންޑަރަކަށް ޕާސްކުރަން މަސައްކަތް ކުރުމުގެ ތެރޭ ވިނީސިއަސް ފައިގައި ޖެހިފައި ވަތް ލަނޑެކެވެ.

ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ލިވަޕޫލް އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމަކުން މޮޑްރިޗް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރެއާލަށް ލީޑު ނަގައިދީފައި ވަނީ މިލިއާޓޯއެވެ. ރެއާލުގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ބެންޒެމާއެވެ.

މިއީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ލިވަޕޫލްގެ ދަނޑުގައި އެ ޓީމު ކޮޅަށް ފަސް ލަނޑު ވަތް ފުރަތަމަ ފަހަރެވެ. މިއީ ދާދި ފަހުން ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ރެއާލުން ލިވަޕޫލް ދަނޑުގައި ހޯދި އެންމެ ބޮޑު މޮޅެވެ.

މި ދެ ޓީމް ވާދަކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ މަހުގެ 15 ވަނަ ދުވަހު ރެއާލް ދަނޑުގައެވެ. އެ މެޗުން ބޮޑު ތަފާތަކުން ރެއާލް މައްޗަށް ކުރި ހޯދައިގެން ނޫން ގޮތަކަށް ލިވަޕޫލަށް މުބާރާތުގައި ކުރިއަށް ނުދެވޭނެއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރޭ ކުޅުނު އަނެއް މެޗުން ނަޕޯލީ ވަނީ އައިންޓްރަކްޓް ފްރޭންކްފާޓް ދަނޑުގައި 2-0 އިން މޮޅުވެފަ އެވެ.