އދ. މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ 73 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އެގޮތުން، އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
އަދި، ހާބަ ޕޭވްމެންޓް ހެދުމުގެ މަސައްކަތުގެ 44 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން، 52,271 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 35,849 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 266 މީޓަރުގެ އެއްގަމުތޮށި ލުމާއި، 40 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން، 156 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 186 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތާއި މަގު ބައްތި ހަރުކުރުމާއި، 1,275 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 29.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!