ޑްރަގް ކޯޓުގެ ގާޟީ އަލްއުސްތާޛު މުޙައްމަދު ނަޢީމަށް ނަޞޭޙަތްދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން އެގޮތަށް ވިދާޅުވީ، އެ ކޮމިޝަނުން އާންމު ކުރެއްވި ނޫސް ބަޔާނެއްގައެވެ.

Ad
rt

ޖޭއެސްސީން އެ ނޫސްބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، ގިނަ އަދަދެއްގެ ފަނޑިޔާރުން ހިމެނޭ، ފަނޑިޔާރުންގެ މެދުގައި ހިންގާ ވައިބަރ ގްރޫޕެއްގައި، ފޮނުއްވި މެސެޖްތަކަކީ ފަނޑިޔާރު ލިޔެ އެ ގްރޫޕަށް ފޮނުއްވި މެސެޖްތަކެއްކަމަށް ޤާޟީ މުޙައްމަދު ނަޢީމް ވަނީ އެއްބަސްވެފައެވެ.

ޤާޟީ މުޙައްމަދު ނަޢީމް ފޮނުއްވި މި މެސެޖުތަކުގެ ބަސްމަގު ހުރިގޮތުން، ވެރިންނަށް ކުރަން ޖެހޭ އަދަބު އިޚުތިރާމު ކަނޑުވައިލެވި ގަދަރު ކުޑަކުރެވިފައިވާކަމާއި، ޑްރަގް ކޯޓުގެ ގާޟީ މުޙައްމަދު ނަޢީމްގެ މި ޢަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ 9 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.1 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފު ޢަމަލެއްކަމަށް އެ ކޮމިޝަނުން ވިދާޅުވެފަވެއެވެ.

އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު ގެ 1-32 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން، ޑްރަގް ކޯޓުގެ ގާޟީ މުޙައްމަދު ނަޢީމަށް ނަޞޭޙަތްދިނުމަށް ފެންނަކަމަށް 2023 ފެބްރުއަރީ 19 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ 13 ޖަލްސާގައި ނިންމާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ވިދާޅުވެފަވެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަކީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން، 04 ސެޕްޓެމްބަރު 2008 ގައި އެކުލަވާލާފައިވާ މިނިވަން މުސްތަޤިއްލު ޝަޚްޞެކެވެ. މި ކޮމިޝަނާއި ޤާނޫނުއަސާސީގެ 159 ވަނަ މާއްދާ އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މަތިކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާއި، އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި އަދި މަޤާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމާއި، ފަނޑިޔާރުންނާބެހޭގޮތުން އުފުލާ ޝަކުވާތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ހިމެނެއެވެ.