ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހިންގަވާ ސިޔާސީ ހަރަކާތުގެ ފަރާތުން، އެ މަނިކުފާނުގެ މަންދޫބުންގެ ގޮތުގައި ވަފުދެއް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމާއި ބައްދަލު ކުރައްވައިފިއެވެ.
މިދިޔަ ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި ރައީސް ނަޝީދު ކެމްޕެއިން ޝިއާރެއްގެ ގޮތުގައި ބޭނުންފުޅު ކުރެއްވީ ''ފިކުރެއްގެ ދިރުން'' ޝިއާރެވެ. އެ ޕްރައިމަރީއަށް ފަހު ވެސް އެމަނިކުފާނު ގެންދަވަނީ އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކާއެކު މި ޝިއާރު ބޭނުންކުރައްވައިގެން ސިޔާސީ ހަރަކާތް ހިންގަވަމުންނެވެ.
އެމްޑީޕީ ދެކަފިވެ، ރައީސް ނަޝީދުގެ ސަޕޯޓަރުން ފިކުރެއްގެ ދިރުން ޓީމުގެ ގޮތުގައި މަސައްކަތް ކުރަމުން އަންނައިރު، އެ ޓީމުން މިހާތަނަށް ރިޔާސީ އިންތިޚާބުގައި ތާއީދު ކުރާނެ ގޮތެއް ނުނިންމައެވެ. ނަމަވެސް އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދު ނުކުރާނެކަމަށް އަންނަނީ ބުނަނުންނެވެ.
މާލޭ ބޮޑުފެންވަޅު ގޭގައި އެ ޓީމުގެ ވަކި އޮފީހެއް ވެސް ހިންގަމުން އަންނައިރު، އެ ޓީމުގެ ފަރާތުން ދެ ބޭފުޅަކު ވަނީ ޖޭޕީގެ ލީޑަރ ޤާސިމާ ބައްދަލުކޮށްފައެވެ.
އެ ދެބޭފުޅުން ޤާސިމާ ބައްދަލުކުރާ ފޮޓޯއެއް ހިމަނުއްވައި، ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފިކުރެއްގެ ދިރުން ޓީމުގެ ފަރާތުން ރައީސް ނަޝީދުގެ މަންދޫބުންގެ ގޮތުގައި އެ ދެބޭފުޅުން ގާސިމާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އެ ދެ ބޭފުޅުންނަކީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ، މުހައްމަދު ރަޝާދު ހުސެން އާއި، މުހައްމަދު ނާޒިމެވެ.
ފިކުރެއްގެ ދިރުން ޓީމުގެ ފަރާތުން ރައީސް @MohamedNasheed ގެ މަންދޫބުންގެ ގޮތުގައި ކުރީގެ ގދ. މެމްބަރު މުހައްމަދު ރަޝާދު ހުސެން @huvado އަދި ކުރީގެ މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް @ZindhagyNazim އޮނަރަބަލް @qasimibrahim އާއި ބައްދަލު ކުރައްވައިފި.#FikureggeDhirun pic.twitter.com/ftAg2p9u5c
— Hussain Firushan *️⃣ (@husnfirey) February 19, 2023
ބެލެވޭ ގޮތުގައި މިއީ އާދީއްތަ ދުވަހުގެ ރޭ ކުރިއަށް ދިޔަ ބައްދަލު ވުމެކެވެ. ފޮޓޯއިން ފެންނަ ގޮތުގައި އެ ބޭފުޅުން ބައްދަލު ކުރައްވާފައި ވަނީ ގާސިމްގެ ސަން އައިލެންޑް ރިސޯޓްގައެވެ.
ނަޝީދުގެ ފަރާތްޕުޅުން ދެ މަންދޫބުން ގާސިމާއި ބައްދަލު ކުރެއްވިއިރު، ހޮނިހިރު ދުވަހުގެ ރޭ ރައީސް ޞާލިޙްގެ ފަރާތްޕުޅުން ވެސް ދެ މަންދޫބަކު ވަނީ ގާސިމާއި ބައްދަލު ކުރައްވާފައެވެ.
މިގޮތުން ހުޅުމާލޭ ދާއިރާގެ މެންބަރު، ރައީސް ޞާލިޙްގެ ކޮށްކޯފުޅު ޢަލީ ނިޔާޒް (ނިޔާ) އާއި އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ ސަންއައިލެންޑަށް ވަޑައިގެން ޤާސިމާ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުވުމަށްފަހު ނިޔާ ވިދާޅުވީ، އެއީ ވަރަށް އުއްމީދީ ބައްދަލުވުމެއް ކަމަށާއި، މިސްރާބު ހުރީ ކޯލިޝަނަކާއެކު ރައީސް ޞާލިޙް އެއް ބުރުން އިންތިޚާބު ކާމިޔާބު ކުރުމާ ދިމާއަށް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!