ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމާއެކު ކުރިއަށް ގެންދެވުނީ ވަރަށް އުއްމީދީ ބައްދަލުވުމެއްކަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް (ނިޔާ) ވިދާޅުވެއްޖެއެވެ.
ނިޔާގެ އިތުރުން އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ގާސިމް، ސަންއައިލެންޑް ރިސޯޓްގައި ހުންނަވަނިކޮށް އެ ރަށަށް ވަޑައިގެން ގާސިމާ ބައްދަލު ކުރައްވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެބޭފުޅުން ގާސިމާއި ބައްދަލުކުރަން އެ ރަށަށް ވަޑައިގަތީ އިއްޔެއެވެ.
އެ ބޭފުޅުން ގާސިމާއި ބައްދަލު ކުރައްވާފައިވާ ކަމަށް އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރަކަށް އިޝާރާތް ކުރައްވައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެފައިވަނީ އެ ޚަބަރުގައި ވަނީ މާކުރީގެ ފޮޓޯގަނޑެއް ކަމަށެވެ.
ވައްޑޭއަށް ރައްދު ދެއްވަމުން ނިޔާ ވިދާޅުވެފައި ވަނީ، އެއީ ރޭގެ ފޮޓޮއެއް ކަމަށެވެ. އަދި އެއީ ވަރަށް އުއްމީދީ ބައްދަލުވުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
''އިރާދަކުރެއްވިއްޔާ ކޯލިޝަން އާއިއެކު އެމް.ޑީ.ޕީ އެއްބުރުން އިންތިޚާބު ކާމިޔާބު ކުރާނެ މަގަށް މިސްރާބު މިހުރީ'' ނިޔާ ވިދާޅުވެފަވެއެވެ.
ނިޔާއާއި އަސްލަމް ގާސިމާ ބައްދަލު ކުރައްވާފައި މިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ގޮތަކާމެދު ޖޭޕީން ރަސްމީ ނިންމުމެއް ނިންމުގެ ވަގުތު ކައިރިވެފައި ވަނިކޮށެވެ.
ޖުމްހޫރީ ޕާޓީން އަންނަނީ މިމަހު 24-25 ގައި އެ ޕާޓީގެ ގައުމީ ޖަލްސާ ބާއްވަން ތައްޔާރުވަމުންނެވެ. އެ ޖަލްސާއަށްފަހު އަލަށް ހޮވޭ ކައުންސިލުން އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ގޮތެއް ނިންމާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޓިކެޓް ކަށަވަރުކުރައްވާފައިވާ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ގެންދަވަނީ ކޯލިޝަނަކާއެކު އެއް ބުރުން އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!