ފޯ ނޭޝަންސް ކަޕްގައި ދިވެހި ރާއްޖޭގެ ފަރާތުން ވާދަކުރާ ޓީމުގެ ޖާޒީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު ވެދުމަށް އަރުވައިފިއެވެ.
ފޯ ނޭޝަންސް ކަޕަކީ، މި އަހަރު ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތެވެ. މި މުބާރާތަކީ ރާއްޖޭގެ އިތުރުން ސިންގަޕޫރާއި، މެލޭޝިޔާ އަދި އަފްޢާނިސްތާނުގެ ޤައުމީ ވޮލީ ޓީމްތަކުގެ މެދުގައި ބާއްވާ ވޮލީ މުބާރާތެކެވެ.
މި މުބާރާތުގެ ފިރިހެން ބައިގައި ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޢާނިސްތާނާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުން ވާދަކުރަން ހަމަޖެހިފައިވާއިރު، މި މުބާރާތުގެ އަންހެން ބައިގައި ވާދަކުރުމަށް ހަމަޖެހިފައި ވަނީ ސިންގަޕޫރާއި، މެލޭޝިޔާއާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުންނެވެ.
މި ހިނގާ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުން 27 ވަނަ ދުވަހަށް ސޯޝަލް ސެންޓަރުގައި ބާއްވަން ނިންމާފައިވާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ ފުރަތަމަ އިންވިޓޭޝަނަލް ވޮލީ މުބާރާތެވެ.
ފޯ ނޭޝަންސް ކަޕަށް ތައްޔާރުވުމުގެ ގޮތުން މިހާރުވެސް ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ކުޅޭ އަންހެން ޓީމާއި ފިރިހެން ޓީމް ދަނީ ތައިލެންޑްގައި ކޭމްޕް ކުރަމުން އަންނައިރު، އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރު ކުރިއެރުވުމަކީ މި ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ. އަދި މި ސަރުކާރުން ވޮލީ ކުރިއެރުވުމަށް ރާއްޖޭގެ ވޮލީ ޓީމްތަކުން ދަނީ ފުރަތަމަ ފަހަރަށް ޔޫރަޕާއި މެދު އިރުމަތީގެ ޤައުމުތަކުގައި ކުޅިވަރު ކޭމްޕްތައް ބާއްވަމުންނެވެ.
ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!