ކުރީގެ ޢަދަދާއިގުޅޭ،

ރިޕޯޓް ނަގައިގެން އޭނާ އަވަސް އަވަހަށް ބަލަންފެށީ އެއްވެސް މައްސަލައެއް އުޅޭތޯއެވެ. ރިޕޯޓްގެ ތިރީގައި ލިޔެފައިވާ " ޕްރެގްނެންސީ ޕޮޒިޓިވް" ފެނި އަމީރާގެ ދެބުމަ އެއްވިކަހަލައެވެ. ހައިރާންވެ، ޤަބޫލުކުރަން ދަތިވެ ހުއްޓި ހުރެވުނީއެވެ. ނަމަވެސް އޭނާގެ ހިތަކަށް މިކަމަކަށް އެއްބަހެއް ނުވެވުނެވެ. އެހެންކަމުން ގައިގައި ހުރި ބާރެއް ލައިފައި ހިނގައިގަތީ އުޝާގާތަށް ދިޔުމަށެވެ.

Ad
rt

އުޝާގެ ހިތްނެގިނެގިފައި ޖެހެމުންދެއެވެ. އަމީރާ އަންނާނީ ރިޕޯޓް ހިފައިގެންކަން އެނގޭތީ އިތުރަށް އޭނާ ހާސްވަމުންދިޔައެވެ. އުދާސްކަމާއި ކަންބޮޑުވުން މޫނުމަތިން ނުދައްކާވޭތޯ އޭނާ ވަރަށް މަސައްކަތްކުރިއެވެ. އެހެން އިންދާ ބިލްގެ ބާކީ ބައި ހިފައިގެން ވެއިޓަރ އައުމުން އުޝާ އޭނާއަށް ގަދަކަމުން ހިނިތުންވެލިއެވެ.

ރެސްޓޯރެންޓަށް ވަދެވުމާއެކު އަމީރާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭރު އުޝާ އޮތީ މޭޒުގައި ބޯޖަހާލައިގެންނެވެ.

" އުޝާ! "

އުޝާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެލަމުން އަމީރާ ގޮވާލިއެވެ. ހާސްކަމާއެކުއެވެ. އަމީރާގެ އަޑަށް އުޝާ އަވަސް އަވަހަށް ބޯހިއްލާލިއެވެ. އެއާއެކު ކަންބޮޑުވެފައިވާ އަމީރާގެ މޫނު ފެނި އޭނާގެ ހިތަށް އިތުރަށް ނުތަނަވަސްކަން ވެރިވެގަތެވެ. އެއްޗެއް ނުބުނެ އަމީރާއަށް އިނދެވުނީއެވެ. ފަށާނީ ކިހިނެއްކަމެއް، އަހާނީ ކީކޭކަމެއް އޭނާއަކަށް ނޭނގުނެވެ. އަމީރާ ދިޔައިއްސުރެން އުޝާވެސް ވިސްނީ އޭނާގެ ރިޕޯޓާމެދުގައެވެ. ހޮޑުލެވެން ފެށުމާއެކު އޭނާގެ ހިތަށްވެސްވަނީ ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވެރިވެފައެވެ.

" އާދޭ ދާން! "

ރޮވެން އުޅޭހެން ހީވުމުން އަމީރާ ބޭނުންވީ އެތަނުން އަވަހަށް ދާށެވެ. އެހެންކަމުން އަމީރާ އަވަސް އަވަހަށް ތެދުވެ ސިޑިއާ ދިމާލަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން އުޝާވެސް ދިޔައެވެ. ރިޕޯޓް ރަނގަޅުތޯ އަހާލަންވެސް އުޝާއަކަށް ނުކެރުނެވެ. ކާރުގައި ގެއާއިހަމައަށް ދެވެންދެންވެސް އަމީރާ އިނީ އަނގައިން ބަހެއް ނުބުނެއެވެ. ކާރުގެ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން އޭނާ އިން އިރު، އުޝާއަށް އިރުއިރުކޮޅުން އަމީރާއާ ދިމާލަށް ބަލާލެވެއެވެ. ނަމަވެސް އެއްފަހަރުވެސް އަމީރާ އުޝާއާ ދިމާލަށް ބަލާނުލައެވެ. އަމީރާގެ ޢަމަލުތައް ހުރި ގޮތުން އުޝާގެ ހިތުގައި އުފެދެމުންދިޔަ ޝައްކު އޭނާއަށް ޔަޤީން ކުރެވުނެވެ.

" ކޮބާ ކީކޭ ޑޮކްޓަރ ބުނީ؟ "

އަމީރާގެ ފަހަތުން އުޝާ ގެއަށް ވަނުމާއެކު ފުރަތަމަވެސް އިވުނީ ފަހުމީގެ އަޑެވެ. ސޯފާގައި އިން ފަހުމީ ހެވިލާފައި އަމީރާއަށް ބަލަމުންދިޔައެވެ. އަވަސް ޚަރަކާތާއެކު އަމީރާ އުޝާގެ އަތުގައި ހިފައިގެން ސޯފާއާ ދިމާލަށް ހިނގައިގަތެވެ. އޭރުވެސް އުޝާ ހުރީ ކުޑަކުއްޖަކު ފަދައިން އިސްޖަހާލައިގެންނެވެ. އަމީރާ ގޮސް ސޯފާގައި އިށީނުމާއެކު އުޝާއަށްވެސް ޖެހުނީ އިށީންނާށެވެ. ހަމަ އެވަގުތެވެ. ފަހުމީގެ ފޯން ރިންގްވާންފެށިއެވެ.

" ނަޒީރުގެ ކޯލެއް! "

ހެވިދިލިފައި އިނދެ ފަހުމީ އެހެން ބުނުމުން އަމީރާއަށް ޝައުޤުވެރިވެވުނެވެ. ނަޒީރު އެގުޅީ ނަދާއާ ޒައިންގެ ކައިވެންޏާމެދު ވިސްނުމަށްފަހު، ވަކިގޮތެއް ނިންމައިގެންކަން އަމީރާ ހަނދާންވިއެވެ. އެހެނަސް މިދަނޑިވަޅު އޭނާއަށް އެކަމާ ބެހޭގޮތުން ވާހަކަދައްކާނެ ހިތްވަރެއް ނެތެވެ. އެހެންކަމުން އޭނާ މަޑުމައިތިރިކަމާއެކު އިނީއެވެ.

" އެހެންތަ؟ ތީ ހާދަ އުފާވެރި ޚަބަރެކޭ! ތިކޮޅުން އެގޮތް ބޭނުންވާކަމަށް ވަންޏާ އަހަރެމެންވެސް ދާން ތައްޔާރަށް މިތިބީ! އެކަމަކު އަދި ޒައިން އަހަރެމެންގާތު ތިކަމާގުޅިގެން އެއްވެސް ވާހަަކައެއް ނުދައްކާ!"

އަމީރާގެ ފައިގައި ކޮއްޓާލަމުން ފަހުމީ ބުނެލިއެވެ. ހިނިތުންވުމާ އުފާވެރިކަމާއެކުއެވެ. ޒައިންގެ ނަން އިވުމާއެކު އިސްޖަހާލައިގެން އިން އުޝާއަށްވެސް ބަލާލެވުނީ ފަހުމީގެ މޫނަށެވެ.

" އެންމެ ރަނގަޅު! އަހަރެން ގުޅާނަން ޒައިންއަށް.. "

ފަހުމީ ފޯން ބޭއްވުމަށްފަހު އަމީރާއަށް ބަލާލިއެވެ.

" އަމީ ބޭނުންވާ ގޮތްވީނު! އެކުދިން ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނިކުރާށޯ! އެހެންވެ އަހަރެމެން ލަންކާއަށް ދާން ނަޒީރު އަންގައިފި! ޒައިންއަށް އެއުޅެނީ އެވާހަކަ ދައްކަން ނުކެރިގެންކަމަށްވަނީ! ނަޒީރު ބުނެފި ޒައިންއަށް ގުޅާށޭ ދެން.."

ފަހުމީގެ ވާހަކަތަކުން އުޝާގެ ސިކުނޑި ބަރުވެގެންދިޔައެވެ. ފަހުމީ ދައްކަމުންދިޔަ ވާހަކަތައް އޭނާއަށް ރަނގަޅަކަށް އޮޅުމެއް ނުފިލިއެވެ. އަޑު އިވުނު ނަމަވެސް އެއްވެސް ވަރަކަށް އޭނާއަކަށް އެވާހަކަތައް ދޭހަ ވާގޮތެއް ނުވިއެވެ. އެހެންކަމުން ނުދަންނަ މީހަކު ބަލާ ކަހަލަ ގޮތަކަށް ފަހުމީގެ މޫނަށް ބަލަން އޭނާއިނެވެ.

" ހިނގާބަލަ ޒައިންއަށް ގުޅާލަން! ޒައިން ކައިވެންޏަކާ ހަމައަށް ދާއިރު މައިންބަފައިންނަށް އަންގާވެސް ނުލައޭ ކިޔާފަ ދިމާކޮށްލަންވީ ފުރަތަމަ! ލަދެއް ގަންނާނެ އެސޮރު! "

ފަހުމީގެ އެ ޖުމްލައިން އެމީހުން އެދައްކަނީ ނަދާއާ ޒައިންގެ ކައިވެނީގެ ވާހަކަތައްކަން އުޝާއަށް ޔަޤީންވިއެވެ. އެއާއެކު އޭނާއަށް ބާރަށް ދެލޯމަރާލެވުނެވެ. އަމީރާއާ ފަހުމީގެ ކުރިމަތީގައި ހިތްވަރު ކުރަން އޭނާ މަސައްކަތްކުރިއެވެ. އެހެނަސް އެތެރެހަށިން ދިލަ ނަގާކަމުގެ އިޙްސާސްކުރެވެން ފެށިއެވެ. އަދި ލޮލުތެރެއަށް ކަރުނަ ޖަމާވާން އުޅޭކަމުގެ އިޝާރާތެއް ވާހެން ހީވިއެވެ.

" އިހަށް ނުގުޅާ މަޑުކުރޭ! ތިއަށްވުރެ ބޮޑުކަމެއް ވެގެން މިއައީ! "

ޒައިންއަށް ގުޅަގުޅާ ހުއްޓާ އަމީރާ ހިފެހެއްޓީ ފަހުމީގެ އަތުގައެވެ. އަމީރާގެ އަޑުގައި ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް ހުރިހެން ހީވެގެން ފަހުމީއަށް ބަލާލެވުނީ އިސްޖަހައިގެން އިން އުޝާއާ ދިމާލަށެވެ.

" ކިހިނެއްވީ؟ ކަމެއްވީތަ؟ "

ފަހުމީއަށް އެއްފަހަރާ ދެސުވާލުކޮށްލެވުނީ ކަންބޮޑުވީވަރުންނެވެ.

" މި ރިޕޯޓްގައި އުޝާ ބަނޑުބޮޑުކަމަށް އޮތީ..."

" ސުބްޙާނަﷲ! ސުބްޙާނަﷲ! "

އަމީރާގެ ވާހަކަ ނުނިމެނިސް ފަހުމީއަށް ބުނެލެވުނީ ހައިރާންކަމާއެކުއެވެ.

" ތިކަހަލަ ވާހަކަ ދައްކަން ހެޔޮނުވާނެ އެއްނު! ތީ އަހަރެން ޤަބޫލުކުރާނެ ވާހަކައެއްނޫން! ތީ ކޮންކަމަކު ހެދި ޓެސްޓެއް! "

ފަހުމީ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

" ހޮޑުލާތީ ހެދި ޓެސްޓެއްމީ! އަހަރެން އަދިވެސް ޤަބޫލެއް ނުކުރަމޭ! އެހެންވެ އުޝާގާތު އަހާލަން ބޭނުން މި ނަތީޖާ ހަމަ އަތުވެދާނެތޯ! "

އުޝާއަށް ބަލާލަމުން އަމީރާ އެހެން އަހާލުމާއެކު އުޝާއަށް ރޮވުނެވެ. އޭރު އަމީރާގެ ލޮލުގައިވެސްވަނީ ކަރުނައިގެ އަސަރެވެ.

" ތީގެ މާނައަކީ އުޝާއަށް އޮތީ އެކަހަލަ ކަމެއް ކުރެވިފައޭތަ؟ "

އަނެއްކާވެސް އަމީރާ އެހިއެވެ. އެސުވާލަށްވެސް އުޝާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު އަމީރާ ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެން ފަހަރެއްގައިވެސް ހިއެއް ނުކުރަން އުޝާގެ ފަރާތުން މިކަހަކަ ވިޔާނުދާ ކަމެއް ފެނިދާނެކަމަކަށް! އަހަރެމެން އުޝާ މިބަލަނީ އަމިއްލަ ދަރިއެއް ފަދައިން. އުޝާ ކޮން އިރަކު ގެއިން ބޭރަށް ނިކުތީ؟ އަހަންނަށް ނޭނގި އުޝާ ގައިމު އެއްވެސް ތަނަކަށްވެސް ނުދޭ! މިގެއިންވެސް ނިކުންނަ ކުއްޖެއްނޫން ތީ! "

ހިތުގައި ބޮނޑިޖެހެމުންދާ ސުވާލުތައް އެއްފަރާތްކުރަމުން އަމީރާ ވާހަކަ ދެއްކީ އަވަސް އަވަހަށެވެ.

" އަހަރެމެން ޒައިން ގޮވައިގެން ލަންކާއަށް ދިޔައީ އުޝާ ބަހައްޓާފައެއްނު! "

ފަހުމީއަށް ބުނެލެވުނެވެ. އެއާއެކު ސިހިފައި އުޝާއަށް ބަލާލެވުނީ ފަހުމީގެ މޫނަށެވެ. ވީދެރައިން ހިތް ފިތެމުންދާހެން އުޝާއަށް ހީވިއެވެ. މޭގައި ގަދަ ރިހުމެއް އުފެދި، އިށީންދެ އިންނަންވެސް އޭނާއަށް އުނދަގޫވާންފެށިއެވެ. އެމީހުން ފަހަރެއްގައިވެސް ޒައިންއަށް ޝައްކު ނުކުރާނެކަން އޭނާއަށް އެނގުނެވެ.

" އެއީ ކާކު؟ "

އުޝާގެ ދެލޮލަށް ބަލަހައްޓައިގެން އިނދެ އަމީރާ އެހިއެވެ. އެއާއެކު އުޝާގެ ދުލުގައި ކަސްތޮޅުއެޅުނެވެ. ދެތުންފަތް ލެއްޕި ތަތްލިއެވެ. އެސްފިޔަތަކާއެކު ދެލޯމެރި ހުޅުވޭގޮތެއް ނުވިއެވެ. އޭރު ލޮލުގެތެރެއިން ފެންނަމުން ދިޔައީ ޒައިންއެވެ. އޭނާގެ މައިންބަފައިންގާތު އޭނާގެ ވާހަކަ ނުބުނުމަށް ވަޢުދުކުރުވި މަންޒަރެވެ.

" ކާކު އެއީ ؟ "

އަނެއްކާވެސް އިވުނީ އަމީރާގެ އަޑެވެ. އުޝާއަށް ލޯހުޅުވާލަން މަޖުބޫރުވީކަހަލައެވެ. ކަރުނަތަކާއެކު ދެލޯ ހުޅުވާ އޭނާ އަމީރާއަށް ބަލާލިއެވެ. އަދި ތަތްލާފައިވާ ތުންފަތް ހުޅުވާ މަންމާއޭ ކިޔާ ގޮވާލިއެވެ.

" މަންމާ! އަހަންނަށް ކުށެއް ކުރެވިއްޖެ! "

އުޝާގެ ހިތާމަވެރި އަޑުން ބުނެލި ޖުމްލައިން އަމީރާއަށް ބަލާލެވުނީ ފަހުމީގެ މޫނަށެވެ. އޭރު ފަހުމީވެސް އިނީ ފެންކަޅިވެފައެވެ.

" މަންމާ! އަހަރެން... އަހަރެންގާތު.... ކާކުތޯ ނާހާ! "

އުޝާ އެހެން ބުނުމުން އަމީރާގެ ހިތަކަށް ކެތެއްނުވިއެވެ. ހިތަށް އަރާ ފައިބަމުންދާ އެއްޗެހި ބޭރުކޮށްލާހިތްވިއެވެ.

" ކީއްވެ ނާހަންވީ؟ ކީއްވެހޭ ނާހަންވީ؟ އަހަރެމެން އުޝާ މިގެއަށް ގެނައީ ވަރަށް މާތް މަޤްޞަދެއްގައި! އަމިއްލަ ދަރިއެއްގެ މަޤާމް ދީގެން، އެއްވެސް ކަމެއް އުނި ނުކޮށް އުޝާ މި ގެންގުޅެނީ! އަހަރެމެން ދެމީހުންގެ ޙަޔާތަށް އެންމެ ބޮޑު އުފާވެރިކަމެއް ގެނުވި ދުވަހަކީވެސް އުޝާ މިގެއަށް އައިދުވަސް! އެކަމަކު.. މިއަދު އުޝާ އަހަރެމެން ދެމީހުން ދުނިޔެއަށް ލަދުގަންނަވާލައިފި! "

އަމީރާއަށް ވާހަކަ ދެއްކުނީ ނުހަނު ބާރަށެވެ. އެހެންކަމުން އޭނާގެ ބުރަކަށީގައި ފިރުމާލަމުން ފަހުމީ އެދުނީ ހަމަޖެހިލުމަށެވެ.

" މަންމަމެން ބޭނުން ކޮންމެ އެއްޗެއްވެސް އަހަންނާދިމާލަށް ކިޔޭނެ! އެކަމަކު މަންމާ! އަހަންނަށް މިކުރެވުނު ކުށަކީ، މަންމައާ އަހަންނާ ދެމެދުގައި އޮތް ގުޅުން ބަދަލް ކުރެވޭނެ ކަމެއްނޫން! އަހަރެންގެ ހިތުގައި މަންމައަށްޓަކައިވާ ލޯތްބާއި ކުލުނަކީ ދުވަހަކުވެސް ބަދަލްވެދާނެ އެއްޗެއްނޫން! އަދި ތި މަންމައާ ބައްޕައަށް އަހަރެންގެ ހިތުގައިވާ މަޤާމަކަށް އެއްވެސް ބަދަލެއް ނާންނާނެ! "

އުޝާއަށް ކޮޅަށް ތެދުވެވުނެވެ. އަދި ފަހުމީއާ އަމީރާގެ ކުރިމަތީގައި ކުޑަކަކޫ ޖަހާ އިށީނެވެ.

" ބޭނުން ނަމަ އަހަރެން މިގެއިންވެސް ނެރެލެވިދާނެ! އަހަރެން ދުނިޔެއަށް ގިނަވެސް ކޮށްލެވިދާނެ! ބިކަ ކޮށްލެވިދާނެ! އެކަމަކުވެސް އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް.. ތިޔަ މަންމައާ ބައްޕަގެ ލޯތްބަކީ އަހަންނަށް މިދުނިޔެއިން ލިބުނު އެންމެ މަތިވެރި ހަދިޔާ! އަހަރެންގެ ބަނޑުގައިމިވާ ދަރިފުޅަކީ.... ކުށެއް ނޫން! ކުއްވެރިޔަކީ އަހަރެން... އިތުބާރުކުރަން ހެޔޮނުވާވަރުގެ މީހަކަށް އިތުބާރު ކުރެވުނީ.. ލޯތްބަކީ ކޯއްޗެއްކަން ނޭނގޭ މީހެއްދެކެ ޙަޤީޤީ ލޯބިވެވުނީ! "

އިސްޖަހައިގެން އިނދެ ހުރިހާ ވާހަކައެއް ދެއްކުމަށްފަހު އުޝާ އިސްއުފުލާ ބަލާލިއިރު ފަހުމީއާ އަމީރާވެސް އޭނާއާ ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ.

" މަންމާ! ބައްޕާ! އަހަންނާހެދި ދުނިޔޭގެ ލަދަށް މަންމަމެންނަށް ކެތެއް ނުކުރެވޭނެ! މީހުން ކިޔާނެ އެއްޗެއްސަށް މަންމަމެންނަކަށް ނުވެސް ފިލޭނެ! އަހަރެން ބޭނުމެއްނޫން މަންމަމެން ލަދުގަންނަވާކަށް! އެހެންވެ... އެހެންވެ އަހަރެން ބޭނުންވަނީ މިގެއިން ދާން.."

އަމީރާގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި އުޝާ ތެދުވިއެވެ. އަދި ތަންކޮޅެއް ބާރަށް ހިނގައިގަތީ ކޮޓަރިއަށް ދާށެވެ. ފަހުމީއާ އަމީރާއަށް އޭނާ ހުއްޓުވާނެ ހިތްވަރެއްވެސް ނުލިބުނެވެ. ކުއްލި ސިހުމެއްލިބި އެދެމީހުންނަށް ތިބެވުނީ އަދިވެސް ހުއްޓުންއަރާފައެވެ. ސިޑިމަތިން ދުވެފައި ގޮސް އުޝާއަށް ހުއްޓެވުނީ އަލަމާރިކައިރީގައެވެ. އޭރު އޭނާއަށް ބާރުބާރަށް ގިސްލެވެމުންދިޔައެވެ. އެއްފަހަރާ ލިބުނު ދެ ޚަބަރުން އޭނާގެ ހިތްވަނީ މުޅިން ހިމޭންވެފައެވެ. އަލަމާރީގައި ލެނގިލައިގެން ހުރެ ގިސްލާ ރޮމުންދިޔައެވެ. ހަދާނެގޮތް ހުސްވެފައި ހުރި ގޮތަކަށް އައިސް އޭނާއަށް އެނދުގެ ކަނެއްގައި އިށީނދެވުނެވެ. ރޮމުން ރޮމުން މައްޗަށް ބަލާލެވުނީ ހެއްދެވިފަރާތްމަތިން ހަނދާންވުމުންނެވެ.

" މިދުނިޔޭގަ އަހަންނަށް ކުރިމަތިވަމުންމިދާ އިމްތިޙާންތަކަށް... ކެތްތެރިވާނެ ހިތްވަރެއް އަހަރެންގެ ނެތް! މި ތަޤްދީރު ބަދަލުނުވާނެބާ؟ ކީއްވެތަ އަހަންނަށް އަބަދު ހިތްދަތިކަން ކުރިމަތިވަނީ؟ ކީއްވެތަ އަބަދު އަހަރެން ރޯންޖެހެނީ؟ ކުޑައިރުއްސުރެ ރޮއިރޮއި އޮތް މިހިތަށް ލިބުނު ކުޑަކުޑަ އުފާވެސް.... ގެއްލިމިދިޔައީ ހާދަ އަވަހަކަށޭ! ހާދަ އަވަހަކަށޭ!..."

މޭގައި އަތްއަޅައިގެން އިނދެ އުޝާއަށް ބުނެވުނެވެ. މާލެއައިސް ވީ މަދު ދުވަސްކޮޅުގެ ތެރޭގައި ލިބުނު ކުޑަކުޑަ އުފާވެރިކަން ގެއްލިޔުމުން އޭނާއަށްވަނީ އިންތިހާއަށް އަސަރުކޮށްފައެވެ. ޙަޔާތަށް އެޅުނު ކަޅު، ބޯ ވިލާގަނޑުން މުޅި ޙަޔާތް އަނދިރިވެއްޖެއެވެ. ދާނެ މިސްރާބު ގެއްލިއްޖެއެވެ. އެއާއެކު އޭނާ ހަނދާންވީ މިހާރު އުޝާއަކީ ހަމައެކަނި އޭނާގެ އަމިއްލަ ނަފްސު ނޫންކަމެވެ. އޭނާގެ ހަށިގަނޑުގައި ކުޑަކުޑަ ފުރާނައެއްވެސް ވާކަން ހަނދާންވުމާއެކު ބަނޑުގައި އަތްޖައްސާލެވުނެވެ. އެއީ އޭނާ އެންމެ ލޯބިވި އިންސާނާގެ ދަރިޔެކެވެ. އެއީ ލިބުނު ކުޑަކުޑަ އުފަލަކުން މުޅި ދިރިއުޅުން ބަދަލުކޮށްލި ފުރާނައެވެ. އަދި އެއީ މި ޙާލަތުގައި އޭނާ ދިރިހުންނަން ލިބުނު ހިތްވަރުވެސްމެއެވެ.

ތަފާތު ޚިޔާލްތަކުން ބޯހާސްކުރަމުންދަނިކޮށް ކުއްލިއަށް ކޮޓަރީގެ ދޮރު ހުޅުވުނެވެ. އެތެރެއަށް ވަދެގެން އަންނަ އަމީރާ ފެނުމާއެކު އުޝާއަށް އިސްޖަހާލެވުނީ ލަދުންނެވެ. އަމީރާއައިސް އިށީނީ އުޝާގެ އެނދުގައެވެ.

" މަންމަމިއައީ އަދިވެސް އެއްފަހަރު އުޝާއާ ވާހަކަ ދައްކާލަން.."

" މަންމާ! މިދަރިފުޅުގެ ބައްޕައަކީ ކާކުތޯ ނާހާ! އަހަރެންދެކެ ކުޑަނަމަވެސް ލޯތްބެއް މަންމަގެ ހިތުގައިވާނަަމަ އެސުވާލު އަހަރެންގެ ކުރިމަތީގައި ތަކުރާރު ނުކުރޭ! "

އަވަސް އަވަހަށް އުޝާ ބުނެލިއެވެ. އެއަށްފަހު އޭނާ ތެދުވެ، އަމީރާއަށް ފުރަގަސް ދިނެވެ.

" އަހަރެން ބޭނުމެއް ނޫން މަންމަމެން ލަދުގަންނަވާކަށް! އަހަރެން މިގެއިން ހިނގައިދާނަން!"

" ކޮ...ކޮންތާކަށް ދާން؟ ކޮންތާކަށް ދާނީ؟ "

ދެރަވެލާފައި އަމީރާ އެހީ އަވަސް އަވަހަށެވެ. އެއާއެކު އުޝާ ބަލާލީ އެއަށްވުރެ ބޮޑަށް ދެރަވެފައެވެ.

" ރަށަށް.. ދެން ކޮންތާކަށް.. އަހަރެން ދާނީ؟"

އެހެން ބުނި އިރު އަމީރާއާ އުޝާގެ ހަތަރުކަޅި ވަނީ ބައްދަލްވެފައެވެ. ރަތްވެފައިވާ ދެލޮލުން އުޝާ ބަލަމުންދާތަން ދެކެން އަމީރާގެ ހިތަށް ކުޅަދާނައެއްނުވިއެވެ. އެހެންކަމުން އިރުކޮޅަކު އެތަނުގައި އިނދެލާފައި އޭނާ އެކޮޓަރިން ނިކުމެގެން ދިޔައީ އަނގައިން ބަހެއް ބުނުމެއް ނެތިއެވެ.

" އަހަންނަކަށް ނޭނގެ.... އަހަންނަކަށް ނޭނގެ ކަންތައް ކުރަންވީ ކިހިނެއްކަމެއްވެސް؟ އުޝާ އެއުޅެނީ މިގެއިންދާން.. އަހަރެން ހިތަށް އަރަނީ އަހަންނަށް އުޝާއާ ނުލާ ކެތްކުރެވިދާނެބާއޭ! އަހަންނަކަށް ނޭނގެ އަހަންނަށް އޭނާދެކެ ރުޅިއެއް ނާދެވުނު! ނަފްރަތެއް ނުކުރެވުނު! "

ދުވެފައި އައިސް އަމީރާ ހުއްޓުނީ ކޮޓަރީގައި ހުރި ފަހުމީގެ ކުރިމަތީގައެވެ.

" އަހަންނަށްވެސް ހުރެވެނީ ތިބުނިކަހަލަ ގޮތްތަކެއް ވެފަ! އެކަމަކު... ޒައިންގެ ކައިވެންޏާމެދުވެސް އަހަންނަށް ވިސްނޭ! އުޝާގެ ކަންތައްގަނޑު ނަޒީރުމެންނަށް އިވިއްޖެއްޔާ ނޭނގެ ނަދާ މިތަނަށް ފޮނުވާނެކަމެއްވެސް. ކައިވެންޏަށް ރުހޭނެކަމެއްވެސް ނޭނގެ! އޭރުން އަހަރެމެން ޒައިންއަށް ދައްކާނީ ކޮންމޫނެއް؟ "

ފަހުމީގެ ވިސްނުން ބޮޑަށް ގުޅިފައިވަނީ ޒައިންއާއެވެ. ޒައިންގެ އުފަލަށެވެ.

" އުޝާ ރަށަށް ދަނީ...."

ފަހުމީގެ ވާހަކަތަކަށް އެއްޗެއް ނުބުނެ އަމީރާއަށް ބުނެވުނީ ހަމައެކަނި އެޖުމްލައެވެ. އެޚަބަރުން ފަހުމީއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.

" އޭނާ ނުހުއްޓުވާނަންތަ؟ "

އަނެއްކާވެސް އަމީރާ އެހިއެވެ. ކުޑައިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު، ފަހުމީ މަޑުމަޑުން ބޯޖަހާލިއެވެ.

" ހުއްޓުވަން ވަރަށް ބޭނުން... އެކަމަކު މިއަދު އަހަންނަށް މުޙިއްމުވަނީ އަހަރެންގެ ދަރިފުޅުގެ އުފާ!"

ފަހުމީގެ ނިންމުން ބަދަލު ނުވާނެކަން އެނގޭތީ އަމީރާއަށް ޖެހުނީ އާދޭސްކުރުން ހުއްޓާލާށެވެ.

" ޒައިންވެސް އުޝާކޮބާތޯ އަހާނެ! އުޝާގެ ވާހަކަ އަހާނެ! އޭނަގެ ކައިވެނީގެ އުޝާ ބައިވެރިކުރަން ބޭނުންވާނެ! އަހަރެމެން ކީކޭ ބުނާނީ ؟"

ފަހުމީގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލަމުން އަމީރާ ބުންޏެވެ. އޭރުވެސް ފަހުމީހުރީ ދެއަތް ފުރަގަހަށް ލައިގެން ފުން ވިސްނުމެއްގައެވެ.

" ކީކޭ ބުނާނީ؟ އޮޅުވައެއް ނުލެވޭނެ! ޒައިންއަށް އެނގޭނެ އަހަރެމެން އުޝާ ރަށަށް ފޮނުވާ ނުލާނެކަން! އެހެންވީމަ އޭނަ ގާތު ތެދަށް ބުނަންޖެހޭނީ! އެކަމަކު ނަޒީރުމެން އާއިލާއަށް އެކަން އަންގާކަށް ބޭނުމެއްނޫން!"

އެހިސާބަށް ވާހަކަ ދިޔުމާއެކު ދޮރުގައި ޓަކި ޖަހާލިއަޑު އިވުނެވެ. އަވަސް އަވަހަށް ގޮސް އަމީރާ ދޮރު ހުޅުވާލިއެވެ. އޭރު ކޮނޑުގައި ދަބަހެއް އަޅުވައިގެން ހުރި އުޝާ ފެނުނެވެ.

" އަހަރެން ދަނީ މަންމާ! "

އަމީރާއަށް ފަސްއެނބުރި ބަލާލެވުނީ އެތެރޭގައި ހުރި ފަހުމީއަށެވެ. އެހެނަސް ފަހުމީއެއް ނައެވެ. އޭނާ އަދިވެސް ހުރީ ހަދާނެ ގޮތް ހުސްވެފައިކަހަލަ ގޮތަކަށެވެ. އެހެންކަމުން އަމީރާއަށްވެސް ހުރެވުނީ އެއްޗެއް ބުނަން އުނދަގޫވެފައެވެ. ތުރުތުރުއަޅާ ޙާލު އޭނާ އުޝާގެ ބޮލުގައި ފިރުމާލިއެވެ. އިތުރަށް އޭނާއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އަމީރާގެ ބަހެއް ނުލިބުމުން އިސްޖަހާލަމުން އުޝާ ހިނގައިގަތީ ދޮރާއިދިމާލަށެވެ. އޭރުވެސް ހިތްދަތިވެފައި ބަލަހައްޓައިގެން އަމީރާ ހުރީއެވެ.

ނަދާއާ ކައިވެނިކުރުމަށް މައިންބަފައިން ޤަބޫލުވިކަން އެނގުމުން ޒައިން އުފާވިއެވެ. ނަމަވެސް އޭނާގެ ހިތަށް އާދަޔާޚިލާފް އަސަރުތަކެއް ކުރުވަމުންދެއެވެ. މަންމަމެން އެވާހަކަ ގޭތެރޭގައި ދައްކާނެކަން އޭނާއަށް އެނގެއެވެ. އެޚަބަރު އުޝާއަށް ލިބޭނެކަމާ، އޭނާ ދެރަވާނެވަރު އެނގުމުން ޒައިންގެ ހިތަށް އުނދަގޫވާންފެށިއެވެ.

" އަނެއްކާ އުޝާ ހިތްހަމަ ނުޖެހިގެން އަހަރެންގެ ވާހަކަތައް ނުބުނާނެބާ؟ "

ކުއްލިއަކަށް ޒައިންއަށް އެކަމާ ވިސްނާލެވުނެވެ. އެއާއެކު އަވަސް އަވަހަށް އެނދުމަތީގައި އޮތް ފޯންނަގާ މެސެޖެއް ލިޔެލިއެވެ. އަދި އުޝާގެ ނަންބަރު އޭނާގެ ފޯނުން ބްލޮކް ކޮއްލީވެސް އެހާމެ އަވަހަށެވެ.

ލިފްޓުން ފޭބުމާއެކު އަތުގައި އޮތް ފޯނަށް މެސެޖެއް ލިބުނު އަޑަށް އުޝާއަށް ފޯނަށް ބަލާލެވުނެވެ.

" އަހަރެންގެ ކައިވެނި މިމަހު ކުރެވޭނެ! އުއްމީދުކުރަން މިކަމަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ނުކުރާނެކަމަށް! ރަނގަޅު މީހަކު ހޯދައިގެން އުޝާވެސް އަވަހަށް ކައިވެނިކުރޭ! އަހަރެންމަތިން ހަނދާންނައްތާލާ! "

އެމެސެޖް ކިޔުމަށްފަހު އުޝާ އަވަސް އަވަހަށް ޒައިންއަށް ގުޅަން މަސައްކަތްކުރިއެވެ. ނަމަވެސް އޭނާއަށް ގުޅޭގޮތެއް ނުވިއެވެ. ކަންތައްވީގޮތް ލިޔެފައި ފޮނުވި މެސެޖްވެސް ޑެލިވަރ ނުވިއެވެ. އުޝާގެ ނަންބަރު ބްލޮކް ކޮށްލީކަން އުޝާއަށް ޔަޤީންވީ އެހިސާބުންނެވެ. އުޝާގެ ނަންބަރު ބްލޮކް ކޮށްލީފަދައިން ޒައިންގެ ހިތުންވެސް އޭނާ ނެރެލީކަން އުޝާއަށް އެނގުނެވެ. ޒައިން އެއްވެސް ވަރަކަށް އޭނާދެކެ ލޯބި ނުވާކަންވެސް އުޝާއަށް މިއަދު އެނގިއްޖެއެވެ. ޒައިންއަށް އެގޮތަށް ކަންތައްކުރަން އެހާ ފަސޭހަވާންވީ ކީއްވެހެއްޔޭ ހިތަށް އެރުމާއެކު އުޝާގެ ހިތް ކުދިކުދިވެގެން ދިޔަކަހަލައެވެ. ލިބުނު ހިތްދަތިކަމާ ހިތާމަތައް ހިތުތެރޭގައި ފޮރުވައިގެން އޭނާ ހިނގަމުންދިޔައީ ޓީޖެޓީ ސަރަޙައްދުގައެވެ. ރަށު ބޯޓެއް ފެނޭތޯއެވެ.

" މިހާރު އެފަކީރު އުޅޭނެ ޙާލެއްވެސް ނޭނގެ! ފަހުމީ ކީއްކުރަން އޭނަ ނުހުއްޓުވީ؟ "

ނިދަން އޮވެ، އަމީރާ ވާހަކަ ދެއްކީ ފަހުމީއާއެވެ. އޭރު ނިތްކުރިމަތީގައި އަތް ބާއްވާލައިގެން ފަހުމީ އޮތީ ފުން ވިސްނުމެއްގައެވެ.

" އަމީރާއަށް ހީވަނީތަ އަހަންނަށް އުނދަގޫ ނުވާނެޔޭ! އަހަންނަށް އަދި މާ ވިސްނޭ! މިވީ މަދު ދުވަސްކޮޅުގެތެރޭގައި އުޝާގެ ފަރާތުން އަހަރެމެންނަށް ލިބުނު ލޯތްބާއި އެހީތެރިކަމަކީ އުފަން ދަރިއެއްގެ ފަރާތުންވެސް ނުލިބޭ ކަންތައްތައް! އެކަމަކުވެސް.. އަހަރެން އިސްމިކުރީ ޒައިންގެ އުފާ! އަހަންނަށް ޔަޤީން ނަޒީރުުގެ ދެމަފިރިންނަށް މިގޭގައި ހުރެގެން އުޝާ ނަހަލާލަށް ބަލިވެ އިންކަން އެނގިއްޖެނަމަ އަހަރެމެންނާ މެދު ދެކޭގޮތް ބަދަލްވާނެކަން! އެމީހުން ބޭނުމެއްނުވާނެ މިކަހަލަ އާއިލާއަކަށް ނަދާ ފޮނުވާކަށް. ބުނާނެ އަހަރެމެންނަށް އުޝާވެސް ނުބެލުނޭ! ދެން ކިހިނެއް އެމީހުންގެ ހުރި ހަމައެކަނި އަންހެންދަރި އަހަރެމެންނާ ޙަވާލްކުރާނީ؟ އޭރުން ޒައިން ކިހާ ދެރަވާނެ! އޭނަގެ ހިތް ފަޅައިގެން ހިނގައިދާނެ! އެެހެންވެ އަހަރެން މަޑުން މިހުރީ !އުޝާ ބޭނުން ގޮތަކަށް ކަންތައްކުރަން ދޫކޮށްލީ! ގައިމުވެސް އަހަރެމެން ނެރެގެން ދިޔައީއެކޭ ނުބުނެވޭނެ! އުޝާއަކީ ވަރަށް ހެޔޮވިސްނޭ ކުއްޖެއް! އޭނަ އެދިޔައީ އަހަރެމެން ލަދުން ސަލާމަތްކުރަން ބޭނުންވާތީ!"

ފަހުމީގެ ވާހަކަތައް އަޑުއަހަން އޮތް އަމީރާއަށް އެންމެ ފަހުން އެގޮތް ޤަބޫލުކުރެވުނެވެ.

އެތައް ދުވަހަކަށްފަހު އުފަން ފަސްގަނޑަށް އާދެވުމާއެކު އުޝާއަށް އުނދަގޫވާންފެށިއެވެ. ދޮންމަންމަގެ އަނިޔާތައް ހަނދާންވުމާއެކު ، ބައްޕަގެ ގެއަކީ މިހާރު އޭނާއަށް އެއްވެސް ބާރެއް އޮތްތަނެއް ނޫންކަންވެސް ހަނދާންވިއެވެ. އެކަމަކުވެސް ކޮއްކޮމެން ތިބޭނެތީ ކުޑައުއްމީދަކާއެކު އޭނާ އެގެއަށް ދިޔުމަށް ހިނގައިގަތެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (9)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (9)

*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*

(ނިމުނީ)