ކުރީގެ ޢަދަދާއިގުޅޭ،

" ދެން ޒައިން ލޯބިވާ މީހަކު ނުހުރޭތަ؟"

Ad
rt

ޒައިންގެ ލޮލުގެ ތެރެއަށް ފީނައިގަންނަމުން ނަދާއެހިއެވެ. އެއާއިއެކު އުޝާގާތު އޭނާ ވީ ޙަޤީޤަތެއްނެތް ލޯބީގެ ވަޢުދުތަކާއި އަހުދުތައް ހަނދާންވިއެވެ. އެ ހަނދާންތަކުން ހިތަށް އުނދަގޫކުރުވަން ފެށިއެވެ. ނަމަވެސް ކުރިމަތީގައި ހެވިފައި އިން ނަދާފެނި، ޒައިން ބޭނުންވީ އުޝާ މަތިން ހަނދާން ނައްތާލާށެވެ. އޭނާގެ ޙަޔާތުގައި ލިޔެވިފައިވާ އެ ބާބު އެއްކޮށް ފޮހެލާށެވެ.

" ލޯބި ދޯ؟ "

ހިނިގަނޑެއް ޖަހާލަމުން ޒައިން ބަލާލީ ނަދާގެ މޫނަށެވެ. އޭރު ނަދާއަށްވެސް އިނދެވުނީ ޒައިންއަށް ބަލަހައްޓައިގެންނެވެ.

" ލޯބިވާ ކުއްޖެއް އަދި ނެތް! "

ޒައިން އެހެން ބުނުމުން ނަދާގެ މޫނުމަތީގެ ކުލަވަރު ބަދަލުވީތަންފެނި އޭނާއަށް އިތުރަށް އެމައުޟޫއަށް ވާހަކަދައްކަން މަޖުބޫރުވީ ކަހަލައެވެ.

"އެކަމަކު... ހިތަށް އަރަނީ ކުއްޖަކާ ރައްޓެހިވާންވީއޭ! އޭރުންދޯ ލޯބިވެސް ވެވޭނީ.. ކޮލެޖަށް ދާން ފެށީމަ ބިޓުން ފެންނާނެ އެއްނު!"

އައިސްކްރީމްތަށީގައި ސަމްސާ ހާކާލަ ހާކާލަ އިން ނަދާ މޫޑުގެއްލުނުކަން ޒައިންއަށް އެނގުނެވެ. ނަމަވެސް ނަދާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައި އޭނާ ވާހަކަ މަދުކޮށްލިއެވެ.

" އެހެންވީމަ ވަރަށް އަވަހަށް ބިޓެއް ނަގާނަމޭދޯ ތިބުނީ؟"

"ގައިމެއްނު! ދެން ވަަރަށް ވައި މިހެން ހުންނަން.. އަށާރަ އަހަރު ވެގެން ދިޔައީ އަދިވެސް މިއުޅެނީ ލޯބިވާ މީހަކު ނުފެނިގެން.."

އަނެއްކާވެސް ޒައިންއަށް ހެވުނެވެ. އޭރު ނަދާގެ އައިސްކްރީމްތަށި ހުރީ އެއްކޮށް ވިރިފައެވެ.

"ކީއްވެ ނުކައި ތިއިނީ؟ "

" ނެތް ކާހިތެއް! ހިނގާ ދާންދޯ!"

މޭޒުމަތީގައި އޮތް ލެދަރ ދަބަސް ނަގާ ކޮނޑުގައި އަޅުވާލަމުން ނަދާ ތެދުވިއެވެ. ޒައިންއަށް އެއްވެސް ސަމާލުކަމެއް ނުދީ ކައުންޓަރާ ދިމާލަށް ނަދާ ދިޔައިރުގައިވެސް ޒައިންއަށް ހުރެވުނީ ނަދާއަށް ބަލާށެވެ.

ދުވަހެއް ދުވަހަކަށް އުޝާއަށް ލިބެމުންދާ ފޫހިކަންވަނީ އިތުރެވެ. ގޭގައި އިންނަން ކިތަންމެ ފޫހިވިޔަސް ބޭރަށް ދާހިތެއްވެސް ނުވެއެވެ. އޭނާގެ އެއްވެސް އެކުވެރިއެއް ތިމާގެ މީހެއްވެސް ނެތެވެ. ހަމައެކަނި ތިބީ ފަހުމީއާ އަމީރާއެވެ. އެހެންކަމުން އެދެމީހުންނަށް އޯގާތެރިވެ، ކިޔަމަންތެރިވުމަކީ އުޝާއަށް ލިބޭ ހަމައެކަނި އުފަލެވެ. އެމީހުންގެ ބޭނުންތައް ފުއްދައިދީ އުފަލުގައި ބައިތިއްބުމަކީ އުޝާގެ ދިރިއުޅުމުގެ އެއްބައެވެ.

"އަހަރެން ބަދިގެތެރޭގެ ހުރިހާ ކަމެއްވެސް ކުރާނަން! މަންމަ ދެން ބަދިގެއަށް ވަންނާނެކަމެއްނެތް!"

ހެނދުނުގެ ނާސްތާ ތައްޔާރުކުރަން އަމީރާ ބަދިގެއަށް އައުމާއެކު އުޝާ ބުނެލިއެވެ. އޭރު އުޝާ ހުރީ ކައްކާ ނިންމާލާފައެވެ. އެކަމުގެ ސަބަބުން އަމީރާއަށް ލިބުނީ ވަރަށްވެސް ބޮޑު ހިތްހަމަ ޖެހުމެކެވެ.

" މަންމަމެން ހާދަ އުފާވެޔޭ އުޝާ ކަހަލަ ރަނގަޅު ކުއްޖެއް މަންމަމެންގެ ޙަޔާތަށް އައީމަ! "

އުޝާގެ ބޮލުގައި ލޯތްބާއެކު އަމީރާއަށް ފިރުމާލެވުނެވެ. އޭރުވެސް އުޝާ ހުރީ އިސްޖަހާލައިގެންނެވެ.

" އުޝާއަށް ދުވަހަކުވެސް ދެރަގޮތެއް ވިޔަކަ ނުދޭނަން! ތީހަަމަ އަހަރެމެންގެ އުފަން ދަރިއެއްފަދަ ކުއްޖެއް! އަބަދުވެސް މިހެން ބުނެވޭދޯ މަންމައަށް.."

އަމީރާ ހީލަމުން ބުންޏެވެ. އެއާއެކު އުޝާވެސް ހޭންފެށިއެވެ.

" އާނ! އެކަން އަބަދުވެސް ހަނދާންހުރޭ! މިހާރު މިއީ މަންމަގެ އުފަން ދަރިއެއްކަން.."

ސަމާސާ ރާގެއްގައި އުޝާ ވާހަކަ ދެއްކިއެވެ.

" މަންމަ އެންމެ ލޯބިވަނީ އުޝާގެ ހިތްތިރިކަމުގެ ސަބަބުން! އެއްވެސް ކަމަކާ ހިތްހަމަނުޖެހިފައި ހުންނަތަނެއް ނުފެނޭ! އަސްލު އަންހެން ކުދިންގެ ގައިގަ ހުންނަންޖެހޭނެ ވަރަށް ރިވެތި ސިފައެއް އެއީ! ހިތްތިރިކަމާ، ލަދުވެތިކަމާ....."

" އައްދެ އައްދެ! އަހަރެން އަމީރާއާ ކައިވެނި ކުރީވެސް އޭރު ހަމަ ތި ސިފަތައް ހުރީމައޭ! އެކަމަކު އިންނަ ހިސާބުން މީހާ ބަދަލުވެއްޖެ! އަނގަ ގަދަކަމާ ރުޅިގަދަކަމުން މަންމަ ގެންގުޅެވޭ ވަރެއް ނޫން އިނގޭ ދަރިފުޅާ! "

އެތެރެއަށް ވަދެގެން އައި ފަހުމީގެ އަޑަށް އުޝާއަދި އަމީރާއަށްވެސް އެދިމާލަށް ބަލާލެވުނީ އެއްފަހަރާއެވެ.

" ހޫމް.. ބައްޕަ އުޅޭނީ އަބަދުވެސް މަންމައާ ޖައްސާލައިގެން.. އެގޮތަށް ޒުވާބުކޮށްކޮށް ތިއްބާ ޖެހުނީ ކައިވެނި ކުރަންދޯ! "

ޅަދުވަހުގެ ހަނދާންތައް އާކޮށްލަމުން ހީލަމުން އަމީރާ ވާހަކަ ދެއްކިއެވެ. އޭރުވެސް އުޝާއަށް އިނދެވުނީ ހީލަހީލައެވެ.

" އާނ! އެހެންނުވާނީ! އޭރު ކައިވެންޏަކީ މައިންބަފައިން ރާވައިގެން ކުރުވާ ކަމެއްވިއްޔަ! ތިއެއްނޫނޭ އަމީ އާދެބަލަ ގަމީހެއް އިސްތިރިކޮށްލަން! ވަރަށް އަވަހަށް އޮފީހަށް ދާން ޖެހިގެން.."

ފޯނަށް ބަލާލަމުން ފަހުމީ ބުނެލިއެވެ. އަމީރާ ބަދިގެތެރެއިން ނިކުތުމާއެކު އުޝާ ކާމޭޒުކައިރީ އިށީނދެލިއެވެ. އަދި މޭޒުމަތީގައި އޮތް ފޯންނަގާ ވައިބަރ ބަލައިލީ ޒައިންގެ މެސެޖެއް ލިބިފައިވޭތޯއެވެ. އުޝާކޮށްފައިވާ އެންމެ މެސެޖަކަށްވެސް ޒައިން ޖަވާބެއް ނުދެއެވެ. އެކަމާ އުޝާ ވަރަށް ބޮޑަށް މާޔޫސްވިއެވެ. ނަމަވެސް އެއީ މިހާރަކަށް އައިސް ޒައިން ކަންތައްކުރާ ގޮތްކަމުން އެކަމާ ޝަކުވާ ކުރާކަށް އޭނާ ބޭނުމެއްނޫނެވެ. ޝަކުވާ ކުރުމަކީ އުޝާގެ ކިބައިގައިވާ ސިފައެއްނޫނެވެ. އެހެނަސް އިއްޔެއިން ފެށިގެން ޒައިންގެ އެއްވެސް މެސެޖެއް ނުލިބޭތީ އުޝާ ހުރީ އެކަމާ ސުވާލުކޮށްލަން ބޭނުންވެފައެވެ.

" އަނެއްކާ އަހަންނަށް މާބޮޑަށް އުނދަގޫ ކުރެވެނީތަ؟ ވަރަށް ދެރަވޭ ރިޕްލައި ނުކުރާތީ! އުނދަގޫ ކުރެވޭނަމަ މަޢާފަށް އެދެން."

ބުނާނެ އެއްޗަކާ މެދު ވަރަށް ވިސްނާފައި އުޝާ ލިޔެލިއެވެ. މެސެޖް ފޮނުވާލުމާއެކު ޒައިންގެ މެސެޖެއް ލިބުނެވެ. ޒައިންގެ ދިގު މެސެޖް ލިބުމާއެކު އުޝާ ތެޅިގަތެވެ.

" މިހާރު ކިޔަވަންފަށައިގެން އުޅޭތީ ވަގުތު ނުވަނީ! އުޝާ އަންޑަސްޓޭންޑިން ވީމަ ވަރަށް އުފާވޭ! އުޝާގެ ސަބަބުން އަހަންނަށް އެއްވެސް އުނދަގުލެއް ނުވެޔޭ! އެކަމަކު ކިޔަވާތީ ބިޒީ ވެގެން އެހެން އެއްވެސް ކަމަކަށް ވަގުތެއް ނުދެވޭ! ގުޅާލަންވެސް ވަގުތު ނުވަނީހަމަ! "

މެސެޖް ފޮނުވާލާފައި ވެސް ދެތިން ފަހަރު ޒައިން އެމެސެޖް ކިޔާލިއެވެ. އުޝާ ދޫކޮށްލިވާހަަކަ ބުނާކަށް އޭނާއަކަށް ނުކެރުނެވެ. އަދި އުޝާ ދެރަވާފަދަ އެއްވެސް އެއްޗެއް ލިޔާނެ ހިތްވަރެއްވެސް ނުލިބުނެވެ.

" އެހެންތަ؟ އެއީ އެއްވެސް މައްސަލައެއް ނޫން! ޒައިންއަށް ވަގުތު ވީމަ ގުޅާލާ! އަހަރެން އިންތިޒާރުކުރާނަން. ވަރަށް ލޯބިވޭ! އަބަދުވެސް އެންމެ ގާތުގައި އަހަރެން ހުންނާނެކަން ހަނދާން ކުރައްޗޭ! "

ހިނިތުންވެ އިނދެ އުޝާ މެސެޖް ދޫކޮށްލިއެވެ. އުޝާގެ މެސެޖް ޒައިންއަށް ދެފަހަރަކު ކިޔާލެވުނެވެ.

އުޝާކިހާ ލޯބިހެއްޔެވެ؟ ކިހާ ރަނގަޅު ހެއްޔެވެ؟ ރުޅިއައުމާ ޝަކުވާ ކުރުމާ، މައްސަލައުފެއްދުމަކީ ދުވަހަކުވެސް އުޝާ ކުރި ކަންކަމެއް ނޫނެވެ. ބަލާލަންވެސް އޭނާ ހުތުރެއް ނޫނެވެ. ޒައިންއާމެދު އޯގާތެރިކޮށްހިތިއެވެ. ދުރުގައި ހުއްޓަސް އަބަދުވެސް އެ ވިސްނަނީ ޒައިންއާމެދުއެވެ.

" އެކަމަކު... އަހަންނަށް ކަމުދަނީ ވަރަށް ސްޓައިލިޝް، ފެޝަނަށް ލޯބިކުރާ ކުދިން! އުޝާއަކީ އެޓައިޕްގެ ކުއްޖެއް ނޫން! އަހަންނަށް އުޝާދެކެ އެހާ ބޮޑަށް ލޯބި ނުވެވިގެން މިއުޅެނީ އެހެންވެގެން ކަންނޭނގެއެއްނު!"

ޒައިންގެ ހިތް ބުނަމުންދާ ކަންތައްތަކަށް އޭނާއަށް ދެކޮޅު ހެދުނެވެ.

ދުވަސްތައް ހަލުވިކަމާއެކު ދަތުރުކުރަމުންދެއެވެ. އުޝާ، މާލޭގައި ހުރެ، އެކަނިވެރި ދުވަސްތައް ގުނަމުން ދާއިރު، ޒައިންދަނީ ލަންކާގައި ނަދާއާއެކު އުފާވެރި ވަގުތުތައް ހޭދަކުރަމުންނެވެ. ދުވަހެއް ދުވަހަކަށް އެދެމީހުންގެ ގުޅުން ވަރުގަދަ ވަމުންދެއެވެ. ނަދާގެ ރީތިކަމަކީ ޒައިންއަށް ނަދާ ކަމުދިޔަ އެއްސިފައެވެ.

" ޖީންސާ ޓޮޕް ލައިފަ ހުންނައިރު ނަދާ ހާދަ ލޯތްބޭ! "

ސޯފާގައި ޓީވީ ބަލަން އޮތް ނަދާ ބަލާލީ، ދޮރުން ވަދެގެން އައި ޒައިންއަށެވެ. ޒައިން ފެނުމާއެކު އޭނާ އަވަސް އަވަހަށް ތެދުވިއެވެ.

" ހޫމް.. މީ އެއްކަލަ ދުވަހު ގަނެފައޮތް ޓޮޕްކޮޅު! ވައިޓްވީމަ ރީތި ދޯ! "

" ރީތި ކުއްޖެއް ލީމަ ރީތިވާނެ ކޮންމެ ކުލައެއް ލިޔަސް.."

ޒައިން އެހެން ބުނުމުން ނަދާގާތަށް ހިނިއައެވެ. އަދި އޭނާއާ ދާދި ގާތުގައި އިން ޒައިންގެ އުނގުގައި ބޯއަޅާލިއެވެ. އެއާއެކު ޒައިން ނަދާގެ މޫނުގައި ފިރުމާލިއެވެ.

" އަހަރެމެންގެ މި ގުޅުމަށް ދޭނެ ނަމެއްވެސް ނެތްތަ؟ "

ޒައިންގެ އަތުގައި ހިފާލަމުން ނަދާ ބުނެލިއެވެ. އެއާއެކު ޒައިން ނަދާގެ ނޭފަތުގައި ހިފާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެންވެސް ހިތަށް އަރާ ތިހެން! އަހަރެމެންގެ އެނިވަރސަރީއެއްވެސް ނެތީބާއޭ! މިހެން އުޅެވޭތާ ކިހާ ދުވަހެއް ވެއްޖެ؟ މީ ފްރެންޑްސްކަމެއް ނޫނީ ލޯބިކަމެއް ނޭނގުނުދޯ! "

އެއާއެކު ނަދާއަށް ވަރަށް ބާރަށް ހީގަނެވުނެވެ.

" ނަދާ! "

ކުއްލިއަކަށް ޒައިންގެ އުނގުމަތިން ނަދާއަށް ތެދުވެވުނީ ދުރުގައި ބަލަން ހުރި އޭނާގެ ބައްޕަގެ އަޑަށެވެ. އޭރު ނަޒީރުގެ މޫނުމަތިން ފެންނަމުންދިޔައީ ރުޅިވެރިކަމުގެ އަސަރުތަކެވެ.

" ތީ ކޮންކަމެއް؟ "

ހިތްހަމަ ނުޖެހިފައި ހުރެ ނަޒީރު އެހެން އެހުމާއެކު ނަދާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ޒައިންއަށްވެސް ހުރެވުނީ އެއްޗެއް ބުނަން ނުކެރިފައެވެ. ދެއަތް ފުރަގަހަށް ލައިގެން ހުރެ، ނަޒީރު އައިސް ހުއްޓުނީ ނަދާއާ ޒައިންގެ ކުރިމަތީގައެވެ.

" އަހަންނަށް މިފެނުނީ އެއްވެސް ވަރަކަށް އަހަރެން ހިތްހަމަޖެހޭ ކަހަލަ މަންޒަރެއް ނޫން! ޒައިންގެ ބައްޕައާ އަހަންނާ ދެމެދު އޮންނަ ދުވަސްވީ އެކުވެރިކަމުގެ ގުޅުން ކެނޑިގެންދާފަ އެއްވެސް ކަމެއް ނަދާ ކޮށްގެން ނުވާނެ! "

އަނެއްކާވެސް ނަޒީރު އެހިއެވެ. އެއާއެކު ނަދާއަކަށް މަޑަކުން ނުހުރެވުނެވެ.

" ބައްޕާ! އަހަރެން ޒައިންދެކެ ލޯބިވޭ! އެކަމުގެ ސަބަބުން ފަހުމީބޭއާ ބައްޕަގެ ގުޅުން ކެނޑެންވީ ކީއްވެތަ؟ "

ނަދާ ވާހަކަ ދައްކަމުންދިޔައިރުގައިވެސް ލޮލުގެ އިޝާރާތުން ޒައިން އެދުނީ ވާހަކަ ނުދައްކާ ހުރުމަށެވެ. ނަމަވެސް ނަދާއަކީ ހިތަށް އަރާ ކޮންމެ އެއްޗެއް ދުލުން ބޭރުކޮށްލާ ކުއްޖެކެވެ.

" މިއަދު މިތަނުގައި ޒައިންގެ ބައްޕައަކީ އަހަރެން! ޒައިންގެ ހުރިހާ ކަމެއްގެ ޒިންމާ ނަގާނީވެސް އަހަރެން! މީހެއްގެ ހުރި ހަމައެކަނި ދަރިފުޅު މިތަނަށް އެފޮނުވީ އަހަންނަށް އިތުބާރުކޮށްފަ! ދެން އަހަރެންގެ ދަރިފުޅާ ކައިވެނިކުރަން ބޭނުންވާ ހިސާބުން ކޮބާ އަހަންނަށް ޒައިން ބެލިފަ؟ އަމީރާމެންވެސް ބުނާނެދޯ އަހަރެން ޒައިން ގެނެސް އެހެން ކަމެކޭ ކުރުވީ"

ނަޒީރުގެ އަޑު ބާރެވެ. އެހެންކަމުން އިރުކޮޅަކު އެއްޗެއް ނުބުނެ ހުރުމަށްފަހު ނަދާ ވާހަކަދެއްކިއެވެ.

" ބައްޕާ! އަޅެ އަމީދައްތަ ގާތު އަހާލަންވީނު! އަހަންނާ ޒައިން ކައިވެނިކުރަން އެއްބަސްތޯ "

" ނަދާ! "

ނަދާ އެހެން ބުނުމާއެކު ނަޒީރަށް ނަދާގެ މޫނުމަތީގައި ޖަހަން ބޭއިޙްތިޔާރުގައި އަތް އުފުލާލެވުނެވެ. އެގޮތަށް ޢަމަލު ކުރެވުމުން ނަޒީރު ވަރަށް ދެރަވިއެވެ.

" ބޭބެ! ނަދާ އެބުނީ ތެދެއް! އަހަރެންވެސް ބޭނުން މަންމަމެންގާތު އަހާލަން!"

ވަރަށް ހިތްވަރުކޮށްފައި ޒައިން ބުނެލިއެވެ. ދަނޑިވަޅުގެ ބޭނުން ހިފާ ޒައިން މަސައްކަތްކުރީ ނަދާ ޙާޞިލްކުރުމަށެވެ.

" އަހަރެން މީ ގޯސްމީހެއްތަ؟ "

އަނެއްކާވެސް ޒައިން އަހާލިއެވެ.

" ކިޔެވުން ނުނިންމާ ކައިވެންޏަކާ ހަމައަށްދާން ޒައިންގެ މަންމަމެން ރުހޭނެތަ؟ "

މިފަހަރު ނަޒީރުގެ އަޑު މަޑެވެ. އޭނާ ވާހަކަ ދެއްކީ މާޔޫސްވެ ހުރެއެވެ. އޭނާ ބޭނުންވީ ނަދާމެންނަށް ވިސްނައިދޭށެވެ.

" އަދި ދެކުދިންނަށްވެސް އެންމެ އަށާރަ އަހަރު! ދިރިއުޅުމުގެ އެއްވެސް ކަމެއް ނޭނގޭނެ! ނުވެސް ވިސްނޭނެ! ޅައުމުރުގައި ކުރާ ކައިވެނިތައް ރޫޅޭކަށް މާގިނަ ދުވަހެއް ނުނަގާނެ! "

" ބައްޕަމެން ޤަބޫލު ނޫނިއްޔާ ދެން މިގުޅުން ކުރިއަށް ގެންދާކަށް ބޭނުމެއްނޫން! "

އެހެން ބުނުމަށްފަހު ނަދާ ދުއްވައިގަތީ ކޮޓަރިއަށެވެ. އޭރުވެސް ހުރިތަނުގައި ގުޑިވެސްލާން ނުކެރި ޒައިން ހުއްޓެވެ. ނަދާ ދިޔުމުން، އިތުރަށް ޒައިންއާ ވާހަކަ ދެއްކުމެއްނެތި ނަޒީރުވެސް ހިނގައިގަތީ އޭނާގެ ކޮޓަރިއަށެވެ.

" ކީކޭ؟ ކައިވެނި ކުރަން ބޭނުންވަނީއޭ؟ "

ލިބުނު ހައިރާންކަމާއެކު ފަހުމީއަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ. އެނދުމަތީގައި އިން ފަހުމީގެ ޖުމްލައިން އިސްތިރިކުރަންހުރި އަމީރާއަކަށް މަޑަކުން ނުހުރެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް އައިސް ފަހުމީއާ ދާދި ގާތުގައި އިށީނދެ، ކޮއްޓާލިއެވެ.

" ސްޕީކަރަށް ލައިބަލަ! އޭ! ސްޕީކަރަށް ލާށޭ! "

އަމީރާގެ އެދުމަށް ފޯން ސްޕީކަރަށް ލުމަށްފަހު ނަޒީރާ ވާހަކަ ދައްކަން ފެށިއެވެ.

" ތީ ކޮންއިރަކު ހިނގައިގެން އުޅޭކަމެއް؟ "

ފަހުމީ އެފަދައިން ސުވާލުކުރުމުން މިއަދު ހިނގާދިޔަ ކަންތައް އޭނާ ސާފުކޮށް ފަހުމީއަށް ކިޔައިދިނެވެ.

" އެކުދިންބުނި ކައިވެނިކުރަން ބޭނުންވާ ވާހަކަ! "

އެއަޑަށް، އަމީރާއަކަށް މަޑަކުން ނީނދެވުނެވެ. ފަހުމީގެ ކޮނޑުގައި އޭނާ ބޯއަޅާލީ އުފަލުން ފޮޅެމުންނެވެ.

" އެކުދިން އެގޮތް ބޭނުންވަންޏާ އަހަރެމެން ކީއްކުރަން ހުރަސް އަޅަންވީ ؟ "

ނަޒީރަށް އަޑު އިވޭވަރަށް އަމީރާ ބުނެލިއެވެ. އެއާއެކު ފަހުމީގެ މޫނުމަތި ރުޅިވެރިކަމަށް ބަދަލުވިއެވެ.

" އަހަރެން މިބުނީ ކިޔަވާ ނިންމާލާފަވެސް ކައިވެނި ކުރެވިދާނެޔޭ! ދެން ތިކޮޅުން އެއްބަސްވަންޏާ އަހަރެމެންވެސް ތިކަމާ ވިސްނާނަން! "

ވިސްނަން ވަގުތު ބޭނުންވާކަމަށްބުނެ ނަޒީރު ފޯން ކަނޑާލުމުން ފަހުމީ އަމީރާއަށް ބަލާލިއެވެ.

" ސާބަހޭ! ތިވަރު ތަންކޮޅެއްބޮޑެއްނު ދެން! އެކަމާ ކަންބޮޑުވެގެން ނަޒީރު އެގުޅީ! އަމީރާ ކަންތައްކުރި ގޮތުން އަހަރެން ވަރަށް ލަދުގަނެއްޖެ! ނަޒީރަކީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރަން ދޫކޮށްލާނެ މީހެއްނޫން! އަދި ކޮންމެ ކަމެއް ވަރިހަމަ މީހެއްވެސް ނޫން! އޭނަގެ ހުންނާނެ ނިކަން ވަރުގަދަ ގޮތެއް! "

ފަހުމީ ރުޅިއައުމުން އަމީރާ ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. އެހެންކަމުން އޭނާ އިތުރަށް އެއްޗެއް ނުބުނެ އަނެއްކާވެސް އިސްތިރިކުރަން ދިޔައެވެ.

" ބައްޕައަށް އަހަރެންގެ އުފަލެއް މުޙިއްމެއް ނޫނެއްނު! އަހަންނާ ޒައިން މެރީކޮށްގެން އުޅުމަކުން ކިޔެވުމަކަށް ހުރަހެއް ނޭޅޭނެޔޭ! އަނެއްކާ އަހަރެމެން އުޅޭނީ މިތާނގަ ދޯހަމަ! "

ރޮއިރޮއިފައި ނަދާ އޭނާގެ މަންމަގާތު ބުންޏެވެ. އޭރު އެތަނުގައި ނަޒީރުވެސް ހުއްޓެވެ. ނަދާއަކީ އެންމެ ކުޑައިރުއްސުރެ ބޭނުންވާ ކޮންމެ ކަމެއް ކުރަމުންދިޔަ ކުއްޖެކެވެ. ގޮތްދޫ ނުކުރުމާ ރުޅިގަދަކަމަކީ ނަދާގެ ކިބައިގައިވާ އޭނާގެ މައިންބަފައިން އެންމެ ދެރަވާ ސިފަތަކެވެ.

" ހެޔޮ! ބައްޕަމެން މިކަމަށް ނުޤަބޫލިއްޔާ އަހަރެން ކިޔަވާކަށްވެސް ނުދާނަން! "

އަތުގައިވާ ބާލީސް ދުރަށް ހޫރާލަމުން ނަދާ ބުނެލީ ބާރަށެވެ.

" ދަރިފުޅާ! ރުޅިމަޑުކޮށްބަލަ! މަންމަމެން ނުޤަބޫލެއްނޫނޭ! ކިޔަވާނިންމާލަންދޯ މިބުނަނީ! " ނަދާގެ މަންމަ ބޭނުންވީ އޭނާއަށް ވިސްނައިދޭށެވެ. ނަމަވެސް ނަދާ ހުރީ މަންމަމެންގެ ބަސް ޤަބޫލުކުރާވަރަށް ވުރެ ރުޅި އައިސްފައެވެ.

" އަހަރެން ދެން ކޮލެޖަށް ދާނީ ޒައިންއާ މެރީކޮށްފަ! އެހެން ނޫނީ ދެން ނުދާނަން!"

" ދަރިފުޅާ! ފުރަތަމަ ކައިވެންޏަކާ ހަމައަށް ދާއިރު ރުޅިމަޑު ކުރަން ދަސްކުރަންވީ؟ މީހުންގެތެރޭގައި އުޅެން ދަސްކުރަންވީ؟ ޒައިންއާ މިހާރު މައްސަލަ ނުޖެހުނަސް، މެރީ ކުރީމަ ދިމާވާނެ ކަންތައްތައް. ތިހެން ރުޅިއައިސް އަޑުއުފުލަންޏާ ކައިވެނި ދެމިއެއް ނޯންނާނެއެއްނު! ފުރަތަމަ ދަރިފުޅުވެސް ތި ސިފަތައް ދޫކޮށްލަންވީ!"

މިފަހަރު ވާހަކަ ދެއްކީ ނަޒީރެވެ. ނަދާ ކައިވެންޏަކާ ހަމައަށް ދާއިރު، އޭނާ އެންމެ ކަންބޮޑުވަނީ އެކަމާއެވެ. އެހެނަސް ނަދާ ހުރީ އެއްވެސް ވަރަކަށް ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އެންމެ ފަހުން ނަޒީރުގެ ދެމަފިރިންނަށް ޖެހުނީ ހަތިޔާރު ބަހައްޓާ އަމާންދޭށެވެ.

" އެންމެ ރަނގަޅު! ބައްޕަމެން ތިކައިވެންޏާ ޤަބޫލުވެދާނަން! އެކަމަކު ކިޔެވުން ނިންމަން ޖެހޭނެ! "

ނަޒީރުގެ ޖުމްލައިން ނަދާގެ މޫނުމަތި އުޖާވެގެން ދިޔައެވެ. އޭނާ މަންމަގައިގައި ބައްދާލަމުން ބުންޏެވެ.

" އަހަރެންގެ ހުރިހާވެސް ބަަޔަކީ ތީ! "

ދަރިފުޅުގެ މޫނުމަތިން ހިނިތުންވުން ފެނުމުން ނަޒީރުގެ ހިތަށް ވެސް ފިނިކަން ލިބިގެން ދިޔައެވެ.

މެންދުރުފަހުން އުޝާ ނުފެންނާތީ، އަމީރާ އޭނާގެ ކޮޓަރިއަށް ދިޔައެވެ. ދެތިން ފަހަރު ޓަކި ޖަހާލުމުން މަޑުމަޑުން އުޝާ ދޮރު ހުޅުވާލުމާއެކު އަމީރާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އުޝާގެ މޫނުމަތިވަނީ މިލާމޯޅިވެފައެވެ. ގައިގައި އެއްވެސް ވަރެއް ނެތެވެ. ދޮރު ހުޅުވާލުމަށްފަހު އުޝާ މަޑުމަޑުން ހިނގާފައިގޮސް އެނދުމަތީ އިށީނދެލިއެވެ.

" ދަރިފުޅާ! ކިހިނެއްވީ؟ ހާދަ ބަލިހެން ހީވެޔޭ! "

" ހެނދުނު ސައިބޮއިގެން އައިގޮތަށް ހަމަ ހޮޑުލެވެނީ... "

އޮށޯވެލަމުން އުޝާ ބުނެލިއެވެ.

" މިހާރު އެބައުޅޭ ވަރަށް ވަރުގަދަ ރޯގާއެއް! ބޭހެއް ލިބޭނީ ދެން ޑޮކްޓަރަށް ދައްކައިގެންހެން. ތައްޔާރުވެލަންވީނު! "

އުޝާގެ ބޮލުގައި ފިރުމާލަމުން އަމީރާ އެހެން ބުނުމުން އުޝާ ބޯޖަހާލިއެވެ. އަމީރާ އެނދުމަތީގައި އިންދާ، އުޝާ ތެދުވެގެން ގޮސް ފާޚާނާއަށްވަނެވެ. އުޝާ ތައްޔާރުވުމާއެކު އަމީރާ އޭނާ ގޮވައިގެން ނިކުތެވެ.

ޑޮކްޓަރ އުޝާ ބެއްލެވުމަށްފަހު، އެކިއެކި ސުވާލުތައް ކުރައްވަމުން ގެންދިޔައެވެ.

" މިމަހު ޕީރިއަޑްވެއްޖެތޯ ؟ "

" ދެމަސްވެއްޖެ ޕީރިއަޑްނުވާތާ.."

ޖެހިލުމެއްނެތި އުޝާ ޖަވާބުދިނެވެ.

" މެރިޑްތޯ ؟ "

ޑޮކްޓަރ ސުވާލު ކުރެއްވުމުން އުޝާ ބޯހޫރާލިއެވެ.

" ޕްރެގްނެންސީ ޓެސްޓެއް ހަދާލަން މިދެނީ.."

އިވުނު ޖުމްލައިން އުޝާގެ އިތުރުން އަމީރާއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.

" އަދި ކައިވެންޏޭއް ނުކުރެޔޭ! ކީއްކުރަން ހަދާ ޓެސްޓެއްތޯ ! މީނަ ޕްރެގް އެއް ނުވާނެ! "

އަމީރާ ތެޅިގަންނަމުން އެހެން ބުނުމުން ޑޮކްޓަރ އަނެއްކާވެސް ވިދާޅުވިއެވެ.

" އަޅުގަނޑުމެންނަށް ބޭސް ލިޔެދެވޭނީ އެކަހަލަ ހުރިހާ ޓެސްޓެއް ހަދާފަ! ޓެސްޓް ހަދާލުމަކުން މައްސަލައެއްނޫނެއްނު! "

ދެން އިތުރަށް އަމީރާ އެއްޗެއް ނުބުނެ އުޝާގެ ޓެސްޓްތައް ހަދަން ދިޔުމަށް އަވަސްވެގަތެވެ. ލޭ ދިނުމަށްފަހު އޭނާ އުޝާ ގޮވައިގެން ވަނީ އޭޑީކޭ ދޮރުމަތީގައި ހުރި ރެސްޓޯރެންޓަށެވެ. ވަރަށް އުނދަގުލުން ބުނެ ކިޔައިގެން އުޝާއަށް ސޭންޑްވިޗެއް ދިނުމަށްފަހު އޭނާ އޭޑީކޭއަށްވަނީ އުޝާގެ ނަތީޖާ ނެގުމަށެވެ. އޭރުވެސް އުޝާ އިނީ ރެސްޓޯރެންޓްގައެވެ. ރިޕޯޓް ނަގައިގެން އޭނާ އަވަސް އަވަހަށް ބަލަންފެށީ އެއްވެސް މައްސަލައެއް އުޅޭތޯއެވެ. ރިޕޯޓްގެ ތިރީގައި ލިޔެފައިވާ " ޕްރެގްނެންސީ ޕޮޒިޓިވް" ފެނި އަމީރާގެ ދެބުމަ އެއްވިކަހަލައެވެ. ހައިރާންވެ، ޤަބޫލުކުރަން ދަތިވެ ހުއްޓި ހުރެވުނީއެވެ. ނަމަވެސް އޭނާގެ ހިތަކަށް މިކަމަކަށް އެއްބަހެއް ނުވެވުނެވެ. އެހެންކަމުން ގައިގައި ހުރި ބާރެއް ލައިފައި ހިނގައިގަތީ އުޝާގާތަށް ދިޔުމަށެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (8)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (8)

*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*

(ނިމުނީ)