ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ވޭތުވި ހަތަރު އަހަރު ވަނީ ޤައުމަށް އަމާންކަމާއި، ފަސޭހަކަން ގެނެސް ދެއްވާފައި ކަމަށާއި، އެހެންކަމުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސަރުކާރުގައި އޭރުގެ ރައީސް، ޔާމީން އަބުދުލްޤައްޔޫމްގެ އަނިޔާވެރިކަން މިހާރު ބައެއް ބޭފުޅުން ހަނދާން ނެތިފައިވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ރޮޒައިނާ މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓެއްގެ ގޮތުގާއި ވާދަކުރުމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިޙަށް އެރުވުމަށް އެ ޕާޓީން ރޭ މާލޭގެ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރޮޒައިނާގެ ވާހަކާގައި ރޭ ވިދާޅުވީ، ދިވެހިންނަކީ ވަރަށް އަވަހަށް ހަނދާން ނެތޭ ބައެއް ކަމަށެވެ. ހާއްސަކޮށް އުފާވެރިކަމާއި ފަސޭހަކަން މަތީގައި އުޅެވެން ފެށުމުން ދަތި އުނދަގޫތައް ހަނދާންނެތޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމުގެ ބިރުވެރިކަމާއި، ނާންމާން ކަމާއި، ކޮރަޕްޝަނާއި، ވައްކަންފަދަ އެއްވެސް ކަމެއް މިއަދު ބައެއް ބޭފުޅުން ހަނދާނެއް ނެތް ކަމަށެވެ. އަދި އެހެން ދިމާވާން ޖެހިފައި ވަނީ ރައީސް ޞާލިޙް މި ހަތަރު އަހަރު ރީތި އަމާން އޮމާން ވެރިކަމެއް ކޮށްދެއްވާފައިވާތީ ކަމަށް ވެސް ވިދާޅުވިއެވެ.

''އެދުވަސްވަރު އިވެމުން ދިޔަ އަޑުތަކަކީ، ރައީސް ނަޝީދު ހައްޔަރުކޮށްފި، ޤާސިމް ހައްޔަރުކޮށްފި، ސައިޚް އިމްރާން ހައްޔަރުކޮށްފި، ކާނަލް ނާޒިމް ހައްޔަރުކޮށްފި، އެއީ ރޭގަނޑު މީހުން ނިދާފައި ތިއްބާ ދޮރުވައްޓާލައިގެން ފުލުހުން ވަދެ މީހުން ބަރިބަރިއަށް ހައްޔަރުކުރި ޒަމާން، އެއީ ޕީޕީއެމްގެ ވެރިކަން، ރައީސް ޞާލިޙްގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި އެއްވެސް ސިޔާސީ ލީޑަރަކު އެގޮތައް ހައްޔަރުކޮށްފައެއް ނުވޭ'' ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާގެ ވާހަކާގައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ލީޑަރުން ހައްޔަރުކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން މަޖިލީހުން ބޭރުކޮށް، އެ މެންބަރުން މަޖިލީހަށް ވަނުމަށް ހުރަސްއަޅައި، ބައެއް މެންބަރުންގެ ގޮނޑި ގެއްލުވާލުންފަދަ އެތައް ކަމެއް ހިންގާފައި ކަމަށް ވެސް ވިދާޅުވެފައެވެ.

މިއަދު އެއްމެ ބާރަށް އަޑުއިވޭ ވާހަކައަކީ ރައީސް ޔާމީނަށް ކުރި ޙަރާމް ހުކުމެއްގެ ވާހަކަ ކަމަށާއި، އެންމެ ފުރަތަމަ ޖަލަށްލާން ޖެހެނީ ރިހާކުރު ފުޅި ވަގަށް ނެގި މީހާ ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން ޖަލަށްލީ އެމަނިކުފާނުގެ އެކައުންޓަށް ވައްކަންކޮށްގެން 100 މިލިއަން ރުފިޔާ ޖަމާވެފައި ހުރިކަން ސާބިތުވެގެން ކަމަށާއި، އެހެންކަމުން ރައީސް ޔާމީނަށް ކުރި ޙުކުމަކީ ''ޙަރާމް ޙުކުމެއް'' ކަމަށް ކިޔުމަކީ ބޮޑު ޖޯކެއް ކަމަށް ވެސް ވިދާޅުވިއެވެ.