މިއީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މުޅި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އެއްވާންވީ ވަގުތުކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގާއި ވާދަކުރުމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް، އެމަނިކުފާނަށް އެރުވުމަށް މިރޭ މާލޭގެ ކާނިވަލުގައި ކުރިއަށްދިޔަ އެ ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްވަމުންނެވެ.

Ad
rt

އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓަކު އެމްޑީޕީގެ މެންބަރުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އޮތް ރިޔާސީ ޕްރައިމަރީގައި ކަނޑައަޅާފައި ކަމަށެވެ.

އެ ދުވަހު އެ ޕާޓީގެ މެންބަރުން ދައްކައިދިނީ އެ ޕާޓީއަކީ ޑިމޮކްރަސީއަށް ފައްކާވެފައި އޮތް ޕާޓީއެއްކަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ ހިޔާލުތަފަތުވުންތަކަށް ޖާގައޮތް ޕާޓީއެއްކަން ވެސް ދައްކުވައިދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ދުވަހު އެ ޕާޓީން ދައްކައިދިނީ އެއްބަސް ވުމަށް ޓަކައި ދެބަސްވާ ގޮތުގެ ނަމޫނާއެއްކަމަށާއި އެ ދުވަހު ދެ ބަސްވީ ނަމަވެސް މިއަދު ވަނީ އެއްބަސްވުމަށް ވާސިލުވުމާއި ހަމައަށް އާދެވިފައި ކަމަށެވެ.

އެހެންކަމުން މިއީ ހިޔާލުތަފާތުވުންތައް އެހަކެރި ކޮށް ނުވަތަ ހިޔާލުތަފާތުވުން ހުއްރިނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މުޅި އެމްޑީޕީ އެއްވާންވީ ވަގުތުކަމަށް އެމަނިކުފާނު މިރޭ ވަނީ ވިދާޅުވެފައެވެ.