ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓެއްގެ ގޮތުގާއި ވާދަކުރުމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް، ރައީސް އިބްރާޙީމް ޞާލިހާއި މިރޭ އަރުވައިފިއެވެ.
ރައީސް ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އަރުވާފައިވަނީ، މާލޭގެ ކާނިވާ ސަރަހައްދުގައި އެކަމަށްޓަކައި އެމްޑީޕީން މިރޭ ކުރިއަށް ގެންދާ ޖަލްސާގައެވެ.
މިރޭގެ ޖަލްސާގައި ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓް ހަވާލުކޮށްދެއްވީ، އެ ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލެވެ.
އެމްޑީޕީގެ މިރޭގެ ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް ބޭއްވި ރިޔާސީ ޕްރައިމަރީ އޮތީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ޕްރައިމަރީގައި ރައީސް ޞާލިޙާއި ވާދަކުރެއްވީ އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.
މި އަހަރު އޮންނަ ރިޔާސީ އިންތިޚާބު ބާއްވަން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!