ޑިމޮކްރަސީ އަކީ ވަކިބަޔަކަށް ނޫނީ ފަރުދަކަށް ކިޔާނަމެއް ނޫން ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.
އިބްރޭ މިހެން ވިދާޅުވީ، މީސްމީޑިއާގައި ޚިޔާލު ފާޅުކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ.
ރައްޔިތުންގެ މަޖިލިސް ޓެގް ކުރައްވާ ކުރައްވާފައިވާ މި ޓްވީޓްގައި އިބްރޭ ވިދާޅުވީ، ޑިމޮކްރަސީ އަކީ ވަކިބަޔަކަށް ނޫނީ ފަރުދަކަށް ކިޔާނަމެއް ނޫން ކަމަށެވެ. އަދި އެއީ އެބައެއް ނުވަތަ ޤައުމެއްގެ ކަންކަމާމަތިކޮށްފައިވާ ފަރާތް ތަކުން ޢަމަލުކުރާ އުސޫލްތަކަށް ކިޔާނަމެއްކަމަށް ވިދާޅުވެފަވެއެވެ.
’’އެއީ މެޖޯރިޓީއަށް ތަބާވުމެވެ. މައިނޮރިޓީއަށް އިޙްތިރާމް ކުރުމެވެ.’’ އިބްރޭ ވިދާޅުވެފަވެއެވެ.
އިބްރޭގެ މި ޓްވީޓާއި ގުޅިގެން އޭނާގެ ގާތް މީހަކު ބުނީ އެ ޓްވީޓަކީ އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސްގެ ޢަމަލުފުޅު ހުންނަގޮތުން އިބްރޭ އެއްލެވި ‘’ގަލެއް’’ ކަމަށެވެ.
އިބްރޭގެ މި ޓްވީޓް ގުޅުވާލާފައި ވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވުމުން ވެސް ނަޝީދު ގޮތްދޫނުކުރައްވާ ޢަމަލުފުޅު ބަހައްޓަވާ ގޮތުން އެކަމާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޕްރައިމަރީއަށްފަހު ނަޝީދު ގެންދަވަނީ ޕްރައިމަރީގައި އޭނާ ބޭނުން ކުރެއްވި ޝިއާރު ‘’ފިކުރެއްގެ ދިރުން’’ ނަމުގައި ހަރަކާތެއް ހިންވަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އިބްރޭ ތާއީދު ކުރެއްވީ އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!