މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ކަނޑައަޅާ ރަށްތަކެއްގައި ސަރުކާރުން ގެސްޓްހައުސް ތަރައްގީކޮށް، އެ މަސައްކަތް ކުރަން ބޭނުން ޒުވާނުންނަށް ދޭނީ އެތަންތަނުގެ ތަޅުދަނޑިކަމަށް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ޖަގަހަ ޖަލްސާ ''ރައްޔިތުންގެ އުދާސް''ގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި ގެސްޓްހައުސް އަޅާނީ ކިހިނެތްތޯ މީހުން ސުވާލުކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، ގެސްޓްހައުސް އަޅާ ވާހަކަ ދައްކަނީ އެކަން ކުރަން އެނގޭ މީހެއްކަމަށް ދަންނަވަމުން އަންނަ ކަމަށެވެ.
މިހާތަނަށް އެންމެ ގިނަ މަސައްކަތް ކުރި މީހާ އެވާހަކަ ދެއްކުމުން މީހުން އެވާހަކަ ގަބޫލުކުރަން ޖެހޭކަމަށާއި، އެކަން ހުންނާނީ އަމަލީ ގޮތުން ފެންނަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްއެންޕީގެ ވެރިކަމެއްގައި ހިލޭ ގެސްޓުހައުސް އަޅައިދޭނެ ކަމަށް ބުނަމުން އަންނަނީ އެކަމުގައި މުހިންމުކަމެއް އޮތުމުން ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
''ބިމެއް ދީފައި، ލޯނު ދީފައި ކުރާށޭ ބުނީމަ އެކަމެއް ނުއެއްކުރެވޭ، އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ އެސްއެމްއީ ލޯނު ނަގައިގެން އެތައް ބަޔަކު ނިކަމެތިފައިތިބި މަންޒަރު، ބިމެއް އޮތަކަށް ތަނެއް ނޭޅޭނެ، 12 ޕަސެންޓަށް ލޯނު ނަގައިގެން ތަނެއް ނޭޅޭނެ، އަޅުގަނޑުމެންގެ ސިޔާސަތަކަށް ވަނީ އެކަންކޮށްފައި ތަޅުދަނޑި ހަވާލުކުރުން'' ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، 15 ކޮޓަރީގެ ގެސްޓް ހައުސްއެއް އަޅަން ޚަރަދު ވަނީ ގާތް ގަނޑަކަށް 7 މިލިއަން ރުފިޔާ ކަމަށެވެ. ބަނދަރެއް ހަދަން 100 މިލިއަން ޚަރަދުވާ ކަމަށާއި، ގެސްޓް ހައުސް އަޅާފައި ނުދެވެންވީ ސަބަބެއް ނެތް ކަމަށެވެ.
''މިދޭތެރެއިން 100 ކޮޓަރީގެ ގެސްޓް ހައުސްތަކެއް އަޅަން ދެވިގެން ގޮސްފި، އެކަމަކު އަޅުގަނޑުމެންގެ ވިސްނުމަކީ އެއެއް ނޫން، ވިސްނުމަކީ 15 ކޮޓަރީގެ ގެސްޓުހައުސްތަކެއް ގިނަ އަދަދަކަށް އަޅަން، އެއް އަހަރު ދުވަސްތެރޭގައި ރާއްޖޭގައި 1000 ގެސްޓްހައުސް އަޅަން އެއީ އެއްވެސް މައްސަލައެއްނޫން،''
ނާޒިމް ވިދާޅުވީ، އެކަމުގެ ސަބަބުން އެތައް ބައިވަރު ވަޒީފާތައް އުފެދި، އެތައް ޒުވާނުންނެއް ކުރާނެ މަސައްކަތް ލިބިގެން ދާނެ ކަމަށާއި، އެހެންކަމުން އެމްއެންޕީގެ ސިޔާސަތަކީ ކަނޑައެޅޭ ރައްތަކެއްގައި ގެސްޓް ހަދާފައި، ތަޅުދަނޑު ދިނުންކަމަށެވެ.
އެމްއެންޕީ ވެރިކަމެއްގައި ގެސްޓްހައުސް އަޅައި، ސަރުކާރުން ދޭނީ ތަޅުދަނޑި ކަމަށާއި، އެ ތަންތަން ހިންގާނީ ޒުވާނުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭރުން ޒުވާނުންނަށާއި، ސަރުކާރަށް އާމްދަނީ ލިބި، ޢާއިލާތައް ގާތުގައި ތިބެގެން މަސައްކަތް ކުރެވޭނެ މަގު ތަނަވަސްވެގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!