މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ބޭސްފަރުވާ ނިޒާމަކީ އެންމެނަށް ހަމަހަމަ ނިޒާމެއްގެ ގޮތުގައި ހަމަޖައްސައިދެއްވައި، އެންމެ އިންސުއަރެންސް ކާޑަކުން ބޭސްފަރުވާގޮތް ހަދައިދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ޖަގަހަ ޖަލްސާ ''ރައްޔިތުންގެ އުދާސް''ގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

އެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އެ ޕާޓީން ކުރިން ބޭއްވި ޖަގަހަ ޖަލްސާތަކުގައި ވެސް ރައްޔިތުންނަށް އުންމީދީ ވާހަކަތަކެއް ދަންނަވާފައިވާނެ ކަމަށެވެ. އަދި އެ ވާހަކަތަކަކީ ރައްޔިތުން ގުނބޯ ހައްދަން ދައްކަވާ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވިއެވެ. އެވާހަކަތައް ތައްކަވާފައި ވަނީ، ތަޖުރިބާކޮށް، ދިރާސާކޮށް، ކުރެވިދާނެ ކަމަށް ޔަގީނުންވެސް ފެންނަ ކަންކަމުގެ މައްޗަށް ކަމަށް ވެސް ވިދާޅުވިއެވެ.

''އަޅުގަނޑު ކުރީރެއަކު ދަންނަވާފަ އޮންނާނެ ބޭސް ސިޓީއަށް ސަލާންޖެހުން ނިމުމަކަށް ގެންނާނެ ކަމަށް، އެހެން ދެންނެވީ ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު އުފުލަމުންދާ ތަކުލީފަކީ ހިތައް ގެންނަން ވެސް އުނދަގޫ ކަމެއް، އަޅުގަނޑުމެންނާ ބައްދަލުވާ މީހުން ދައްކާ ވާހަކަ އަކީ ހިތް ކެކުޅުވާލާ ކަންކަން،'' ނާޒިމް ވިދާޅުވިއެވެ.

މީހުންގެ އުދާސްތައް އަޑު އެއްސެވެމުން އެއީ ރައްޔިތުންނަށް އެކަމުގައި އޮތް ހައްގު މިންވަރުތޯ އަމިއްލަފުޅައް ވެސް ހިތާ ސުވާލުކޮށްލެވޭ ކަމަށް ނާޒިން ވިދާޅުވިއެވެ. އަދި ބޭސްފަރުވާ ކަންތަކުގައި ބޮޑުމީހާއަށް ބޮޑުގޮތް، ކުޑަމީހާއަށް ކުޑަގޮތް، ނިކަމެތި މީހާއަށް ވަކިގޮތެއް އޮތުމަކީ އެމްއެންޕީން ގަބޫލުކުރާ ގޮތެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

''ޕާލަމަންޓް މެންބަރަކަށް، އަޅުގަނޑަށް ވީމަ ކައިރީ ހުރިހާ ޤައުމަކުން ބޭސްފަރުވާ ކުރެވޭ، އެންމެ ނިކަމެތި މީހާއަށް އެ ފުރުސަތެއްނެތް، އެމީހާ އެކި ދޮރުތަކުގައި ޓަކި ޖަހަމުން ޖަހަމުން ގޮސް، މީހާ ގަބުރަސްތާނަށް ގެންދާއިރުވެސް ބޭސްފަރުވާ ހަމައެއް ނުޖެހޭ، އެހެންވީމަ ދަންނަވާލަން އޮތީ ތިބޭފުޅުންނަށް އެމްއެންޕީގެ ވެރިކަމެއްގައި، ދިވެހިރާއްޖޭގައި ބޭސްފަރުވާ ނިޒާމަކީ އެންމެނަށް ހަމަހަމަ ނިޒާމެއްގެ ގޮތުގައި ހަމަޖައްސާނަމޭ،'' ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮންމެ ރައްޔިތަކު ވެސް ބަލިވާނެ ކަމަށާއި، މަޖިލިސް މެންބަރެކޭ، އެހެން ރައްޔިތެކޭ ބަލިވުމުގައި ތަފާތެއް ނެތް ކަމަށެވެ.

''ގައިގަ ރިއްސާނީ އެއް ވަރަކަށް، އެހެންވީމަ ތަފާތެއްނެތް، އަޅުގަނޑުމެންގެ ވިސްނުމަކީ، އެންމެ އިންސުއަރެންސް ކާޑަކުން ބޭސްފަރުވާގޮތް ހެދުން،'' ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކަން ކުރާނީ ކިހިނެތްތޯ ބައެއް މީހުން ސުވާލު ކުރަމުން އަންނަ ކަމަށެވެ. އެއަށްފަހު ނާޒިމް ވަނީ އެމްއެންޕީގެ ސަރުކާރެއްގައި އެކަން ކުރިއަށް ގެންދަން ނިންމަވާފައިވާގޮތް ވިދާޅުވެ ދެއްވާފައެވެ.

''ކޮންމެ މީހެއްގެ މެޑިކަލް ހަދާނަން، މެޑިކަލް ހެދުމަށްފަހުގައި އެމީހާގެ ސިއްހީ ހާލަތާއިގުޅޭ ގޮތުން ކެޓެގަރައިޒްކޮށްފައި ކާޑުތައް ދެވޭނެ، މިސާލަކަށް ސިލްވަރ ކާޑެއް އޮންނަ މީހަކަށް ކުރެވޭ ބޭސްފަރުވާ ހުންނާނެ، އެއަށްފަހު ގޯލްޑް ކާޑެއް އޮންނަ މީހަކަށް ކުރެވޭ ބޭސްފަރުވާ ހުންނާނެ، ޕްލެޓިނަމް ކާޑެއްގައި ވެސް ހުންނާނެ، އެކަން މި ކެޓެގަރައިޒު ކުރަނީ އެމީހެއްގެ ސިއްހީ ހާލަތަށް ބަލައިގެން، އެގޮތައް އެކަން ކުރީމަ އޭނަ ހޮސްޕިޓަލަށް ދިޔައީމަ އޭނަ ބޭނުން ހުރިހާ ކަމެއް ފުރިހަމަވެގެން ދާނެ، ތަނަކަށް ބޭސް ހޯދަން ސަލާންޖަހާކަށް ނުޖެހޭނެ،'' ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކަން ކުރިއަށް ގެންދާނެ ގޮތް އެމްއެންޕީން ރާވާފައިވާނީ، ދިރާސާކުރުމަށްފަހުގައިކަމަށެވެ. އަދި އެކަން ކުރެވޭނެ ކަމަށާއި، އެމްއެންޕީގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެކަން ހަމަޖައްސައި ފުރިހަމަކޮށްދެއްވާނެ ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ނާޒިމެވެ.