އިސް ރަށްވެހިންގެ އިޖުތިމާޢީ މަރުކަޒުތަކެއް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްދޭން ނިންމަވާފައިވާ ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް 2022 ވަނަ އަހަރު ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އިނާމު ދެއްވުމަށް ކަނޑައެޅުއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ޤައުމީ ޚިދުމަތުގައި މަތީ އަރުތަ ޙާޞިލްކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރުމާ ހަމައިން އެކަން ނިމުނީ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ބޭފުޅުންނަކީ، ރާއްޖޭގެ ޤައުމީ ތަރައްޤީގެ ވަރަށް މުހިންމު ޙިއްޞާދާރުންތަކެއް ކަމަށާއި، ދިވެހި ދައުލަތް މިހާ ހިސާބަށް އައުމުގައި، އެ ބޭފުޅުންގެ ބައިވެރިވުމާއި، އެ ބޭފުޅުންގެ މިންނެތް މަސައްކަތް ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިއަދު އެ ބޭފުޅުން އެ ތިއްބެވީ ދޮށީ ޢުމުރުގެ މަރުޙަލާގައި ކަމަށާއި، ނަމަވެސް، ދިވެހި ޤައުމު ހޯދާފައިވާ ތަރައްޤީއާއި ކުރިއެރުމުގެ އަޞްލަކީ، އެ ބޭފުޅުންގެ ޒުވާންކަމުގެ ހަކަތައާއި ބުންވަރު ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އަބަދުވެސް އެ ބޭފުޅުންގެ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކުރަންޖެހޭނެ ކަމަށާއި، އެ ބޭފުޅުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދީ، އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތް ކުރަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
''އެހެންކަމުން، އެފަދަ ބޭފުޅުން އެއް ތަނަކުން ބައްދަލުވެ، އުފާވެރިކަމާއެކު ވަގުތު ހޭދަކޮށްލައި އުޅެވޭފަދަ މާޙައުލެއް ޤާއިމުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ޤަޞްދުކުރަނީ، އިސް ރަށްވެހިންގެ އިޖުތިމާޢީ މަރުކަޒުތަކެއް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްދޭން'' ރައީސް ވިދާޅުވިއެވެ.
''މީގެ ތެރެއިން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ، ނާދީތަމައްދުންގެ ވާހަކަ. އެ ނާދީ ހުރި ބިމުގައި، އަދި ފަހުން ރައްޔިތުންގެ މަޖިލީހުގެ އިދާރާ ވެސް ހިންގި އިމާރާތުގައި، އެފަދަ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް، އަޅުގަނޑުމެން މިހާރު މި އަންނަނީ ކުރަމުން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެތަނުގެ ޚިދުމަތް ލިބެން ފަށާނެ. މާލެއަށް ފަހު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިސް ރަށްވެހިންގެ މަރުކަޒުތައް ހުޅުވުމަށް އަޅުގަނޑުމެން ޤަޞްދުކުރަން.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވީ، އެފަދަ މަރުކަޒުތަކެއް ޤާއިމުކުރުމުން ޙާޞިލްކުރެވޭނެ ވަރަށް މުހިންމު މަޤްޞަދުތަކެއް އެބަހުރި ކަމަށާއި، އެއިން އެއްކަމަކީ، އިސް ރަށްވެހިންނަށް ދޭންޖެހޭ ޙައްޤު ޤަދަރާއި އިޙްތިރާމު ހޯދައިދިނުމަށް މަގުފަހިކުރުމާއި، އެކަންކަމަށް ބާރުއެޅުން ކަމަށެވެ. އަދި އަނެއްކަމަކީ، އިސް ރަށްވެހިންނަށް ބޭނުންވާ އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މުޖުތަމަޢުގައި އިސް ރަށްވެހިންގެ ޙިއްސާ މިހާރަށްވުރެ ވީހާވެސް ބޮޑަކަށް އިތުރުކޮށްދީ، ދުޅަހެޔޮ ދޮށީ ޢުމުރަކަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުމަކީ ވެސް އެކަމުން ޙާޞިލްކުރެވޭނެ މަގުސަދެއްކަމުގައި ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!