މުރައިދޫން ގޯތި ދޫކުރަން ނިންމައި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މުރައިދޫ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އެ ކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭ ބިމުގެ ޞަރަޙައްދުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި ޢަމަލު ކުރާނެ ގޮތް ބަޔާންކުރާ އުޞޫލެއް އެކުލަވާލާ އެ އުޞޫލު އާންމުކޮށްފައި ވުމާއެކު އެ އުޞޫލުގައިވާ ގޮތުގެމަތިން އެ ރަށުން ބަންޑާރަ ގޯތި ދޫކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

Ad
rt

މިފަހަރު އެރަށުން ދޫކުރުމަށް ނިންމާފައި ވަނީ 2500 އަކަ ފޫޓޫގެ 41 ގޯއްޗެވެ.

އެރަށުން ގޯއްޗަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގައި ހުންނަންވާނެ ޝަރުތުތަކުގެ ގޮތުގައި ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ގޯތި ދޫކުރަން އިޢުލާންކުރާ ތާރީޚާއި ހަމައަށް 18 އަހަރު ފުރިފައިވާ މީހަކަށް ވުމާއި، ގޯއްޗަށް އެދި ހުށަހަޅާ ފަރާތަށް ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނުވަތަ ލިބިފައިނެތުމާއި އަދި އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން ބައެއް ލިބިފައި ނުވަތަ ރެޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައިވާ މިފަދަ ބަޔެއް މި އުޞޫލާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން ހިމެނެއެވެ.

އިތުރު ޝަރުތުތައް

  • ރާއްޖެގޭ އެއްވެސް ރަށަކުން ދިރިއުޅުމަށްޓަކައި ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އެއްމެދު އިމާރާތަކުން ފްލެޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން އަމިއްލަ ނަމުގައި ފްލެޓެއް/ރޯހައުސް/ހައުސިންގ ޔުނިޓެއް ލިބިފައިމެ، އެގޯތި ނުވަތަ ފްލެޓް އެހެންފަރާތަކަށް ދީ ނުވަތަ ދޫކޮށްލާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަދުވަސް ވެފައިވުން.
  • ރާއްޖެގޭ އެއްވެސް ރަށަކުން ދިރިއުޅުމަށްޓަކައި ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އެއްމެދު އިމާރާތަކުން ފްލެޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން އަމިއްލަ ނަމުގައި ފްލެޓެއް/ރޯހައުސް/ހައުސިންގ ޔުނިޓެއް ލިބިފައިމެ، އެގޯތި ނުވަތަ ފްލެޓް އެހެންފަރާތަކަށް ވިއްކާލާފައިވާތާ 02 އަހަރަށްވުރެ ގިނަދުވަސްވެފައިވުން.

ޝަރުތު ފުރިހަމަވާ ފަރާތްތަކުން 19 ފެބްރުވަރީ 2023 (އަންގާރަ) އިން ފެށިގެން 16 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް "ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަފަހު، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު މުރައިދޫ ކައުންސިލް އިދާރާއަށް ފޯމު ހުށައެޅުމަށް އެ ކައުންސިލުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ފޯމު ބަލައިގަތުމަށް އެ ކައުންސިލުން ހަމަޖައްސާފައި ވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު ފަހު 13:30 ދެމެދުއެވެ.