ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްގީ ކުރެވިގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝިފާޢު ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން ފާހަގަ ކުރައްވައި، އެ މަޝްރޫޢާއެކު ސަރަހައްދުގެ ފަތުރުވެރިކަމަށް އަންނާނެ ދިރުމައްބަލައި، ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަމުގެ ކުރު އަދި ދިގު ރާސްތާ ޕްލޭނެއް މިހާރު އެކުލަވާލެވިފައިވޭތޯ ސުވާލު ކުރަށްވާފައެވެ. އަދި ކުރު ރާސްތާ ޕްލޭނަކީ ކޮބައިތޯއާއި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ކިތައް ރަށް ތަރައްގީ ކުރެވޭނެ ތޯއާއި، އެ މުއްދަތުގެ ތެރޭގައި ކިތައް އެނދު އުފައްދަން ޖެހޭތޯ ވަނީ ސުވާލު ކުރައްވާފައެވެ.
ޝިފާޢުގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއަކީ މުޅި ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވި މަޝްރޫޢުއެއް ކަމަށެވެ. އަދި އެއާޕޯޓު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫޢު ފެށި ދުވަހާއި ޖެހިގެން އައިދުވަހު ބޮޑުތިލަދުންމަތިން ފަތުރުވެރިކަމަށް ތިން ރަށް ހުޅުވާލެއްވި ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ބޭނުންފުޅުވަނީ އެއާޕޯޓު ތަރައްގީ ކުރެވެންވާއިރަށް އެރަށްތައް ހެދި، އެ ސަރަހައްދުން ބޭނުންވާ ބެޑް ކެޕޭސިޓީ ލިބުންކަމަށެވެ.
''ރިސޯޓު، ހޮޓާ، ގެސްޓް ހައުސްތަކުން އަޅުގަނޑުމެންނަށް ކުރިއަށް އޮތް 5 އަހަރު ދުވަހު 8000 އެނދު ލިބޭނެ ކަމަށް ޤަބޫލުކުރަން، ދެން އަޅުގަނޑު މި އަންދާޒާ ކުރަނީ އެ ސަރަހައްދުގެ 50 އިންސައްތަ އެނދު ހުންނާނީ ހަމަ ރިސޯޓުގައޭ، ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓަށް ހަދާ ބައެއް ރިސޯޓުތަކާއި އަދި އިންޓަގްރޭޓް ޓޫރިޒަމް މޮޑެލްއަށް ހަދާ ބައެއް ރިސޯޓްތައް'' ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެ ސަރަހައްދުގެ ބައެއް ރަށްރަށުގައި ހޮޓެލް، ގެސްޓް ހައުސް މިހާރު ވެސް އެބަހުރިކަމަށާއި، މީހުން ދިރިއުޅޭ ރަށްތަކުގައި ގެސްޓް ހައުސް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އެ ރަށްތަކުގެ ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!