ހދ. ނޮޅިވަރަންފަރުން 14 ހެކްޓަރުގެ ބިމެއް ބަޔަކު ''ކާލައިގެން'' އެބައުޅޭ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
މޮސްޓާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ. މައުސޫމާ ސުވާލެއް ކުރެއްވުމުގެ ތެރޭގައެވެ.
މޮސްޓާ ވިދާޅުވީ، އަބަދުވެސް ދައްކަނީ ސަރުކާރުން ބަދަލު ލިބެންޖެހޭ ވާހަކަ ކަމަށާއި، ރަށެއްގައި އިންވެސްޓް ކުރަން ނަގާފައިވާ ބިމެއް ތަރައްގީ ނުކޮށް 10 ނުވަތަ 15 އަހަރު ވެގެން ދާއިރު ދައުލަތަށް ލިބެންޖެހޭ ބަދަލުގެ ވާހަކަ ނުދައްކާ ކަމަށެވެ.
''ނޮޅިވަރަންފަރުން 14 ހެކްޓަރުގެ ބިމެއް ބަޔަކު އުޅޭ ކާލައިގެން، އަދިވެސް އެތަނުގައި ރިސޯޓެއް ތަރައްގީ ކުރެވޭތަނެއް ނުފެނޭ،'' މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާގެ މި ސުވާލާއި ގުޅިގެން ވަޒީރު، ޑރ. މައުސޫމް ވިދާޅުވީ، ބޮޑުތިލަދުންމަތީގެ އެއްވެސް ތަނެއް ތަރައްގީ ނުކުރެވި އޮތުމަކީ ސަރުކާރު ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
''އެހެންނަމަވެސް ނުފެށި ހުރި މައިގަނޑު އެއް ސަބަބަކީ، ފަތުރުވެރިކަމަށް ބޭނުންވާ އެއް އަސާސް، ސީދާ ފަހި ދަތުރުފަތުރުގެ ނިޒާމެއް ނެތުން ކަމަށް ޤަބޫލު ކުރެވޭ'' ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ފުރިހަމަ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީވެ، މިހާރު ބޮޑުތިލަދުންމަތި ގުޅާލެވިފައިވާ އާރުޓީއެލްގެ ފެރީގެ ދަތުރުތަކާއެކު އެ ސަރަހައްދުގައި މިހާރު ފަތުރުވެރިކަން ތަރައްގީކުރަން މުހިންމު މާހައުލެއް އޮތްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
ނޮޅިވަރަންފަރުން 14 ހެކްޓަރުގެ ބިމެއް ބަޔަކު ''ކާލައިގެން'' އެބައުޅޭ ކަމަށް މޮސްޓާވިދާޅުވިއިރު، އެރަށުގައި ޓްރެއިނިންގ ރިސޯޓް ތަރައްގީކުރުމަށް އެ ރަށުގެ ފަޅުން ނަގާ 81.44 ހެކްޓަރުގެ ބިމާއެކު ރަށުގެ ކަނޑޫފާ ހިމެނޭ ސަރަހައްދު ރިސޯޓް ތަރައްގީކުރަން ދޫކުރަން ނިންމާ އިޢުލާން ކުރީ 28 ޖުލައި 2008 ވަނަ އަހަރުއެވެ.
ނޮޅިވަރަންފަރުގައި ޓްރޭނިން ރިސޯޓެއް ތަރައްގީ ކުރުމަށް އެއިރުގެ ސަރުކާރުން ނިންމީ އެ ރަށަކީ ސަރަހައްދީ ތަރައްގީ މަޝްރޫއުގެ ދަށުން ތިން ރަށެއްގެ މީހުން އާބާދުކޮށް ނިންމައިފައިވާ ބިމުގެ ގޮތުން ތަރައްގީގެ ފުރުސަތު އޮތް ރަށަކަށް ވާތީ އެވެ. ކުރިން ހދ.ގެ އަތޮޅުވެރިންކަން ކުރީ ނޮޅިވަރަންފަރުގައެވެ. ނޮޅިވަރަމްފަރު ޓްރޭނިން ރިސޯޓް ތަރައްގީ ކުރުމަށް އެ ރަށުން ދޫކޮށްފައި ވަނީ ރަށުގެ ދެކުނުކޮޅުން 14 ހެކްޓަރުގެ ސަރަހައްދަކާއި އެ ބިމާ ގުޅޭ ގޮތަށް ދެކުނުކޮޅު ފަޅުން 81.44 ހެކްޓަރުގެ ސަރަހައްދަކާ އެކު ޖުމްލަ 95.44 ހެކްޓަރުގެ ބިމެވެ. ނޮޅިވަރަމްފަރުގައި އޮންނަ ކަނޑޫފާ ހިމެނެނީ ރަށުގެ އެއްގަމުން ރިސޯޓް ހެދުމަށް ދޫކުރަން ނިންމައިފައިވާ ބިމުގެ ތެރޭގަ އެވެ. އެއީ އެ ރަށުގައި އޮތް ތިމާވެށީގެ ގޮތުން އެންމެ ފާހަގަކުރެވޭ ސަރަހައްދެވެ.
ނޮޅިވަރަންފަރުގައި ޓްރޭނިން އިންސްޓިޓިއުޓެއް ގާއިމްކޮށް، އެ ރަށު ފަޅުހިއްކައިގެން 200 އެނދުގެ ޓްރޭނިން ސްކޫލަކާއި ރިސޯޓެއް ގާއިމު ކުރުމަށް ހަވާލުކޮށްފައި ވަނީ ނަލަވެލި މޯލްޑިވްސް އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!