2021ވަނަ އަހަރު ޝަހާދާ ސާނަވިއްޔާ ނިންމައި، ރައީސްގެ ސްކޮލާޝިޕް ޙާޞިލްކުރި ދަރިވަރު ގދ. ތިނަދޫ، މާކޮޅު ފާޠިމަތު ހުޔާމް ޚަލީލާ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ.
ހުޔާމަށް ރައީސް ޞާލިޙް ހިތްވަރު ދެއްވީ، ރައީސްގެ ސްކޮލާޝިޕް ހަމަޖެހުނުކަމުގެ ލިޔުމާއި އިނާމު އޭނާއަށް ދެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ހުޔާމް ހޯދި ކާމިޔާބީގެ އަގު ވަޒަންކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ހުޔާމްގެ މިކާމިޔާބީ އާއި ގުޅިގެން އޭނާގެ އާއިލާއަށާއި، ސްކޫލް، އަލްމަދްރަސަތުލް ޢަރަބިއްުޔަތުލް އިސްލާމިއްޔާއަށް ރައީސް ވަނީ މަރުޙަބާ އާއި ތަޙުނިޔާ ވިދާޅުވެފައެވެ.
ހުޔާމަށް ހިތްވަރުދެއްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ޔުނިވާސިޓީ ތަޢުލީމުގެ މަރުޙަލާގައިވެސް މޮޅު ކާމިޔާބީއެއް ހޯދައި، ދިވެހި ޤައުމުގެ ތަރައްޤީއަށާއި ކުރިއެރުމަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ޝަހާދާ ސާނަވިއްޔާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން، 13 މާއްދާއިން އޭ ސްޓާރ ހޯއްދަވާފައިވާ ހުޔާމް ކުރިއަށް ދިޔުމަށް ގަސްދުކޮށްފައި ވަނީ އާކިޓެކްޗަރގެ ދާއިރާއިންނެވެ. އޭނާ ހުޔާމް، މަތީ ތަޢުލީމް ހާސިލް ކުރަން ނިންމާފައި ވަނީ މެލޭޝިޔާގެ "އިންފްރާސްޓްރަކްޗަރ ޔުނިވަސިޓީ ކުއާލާލަމްޕޫރް"އިން، "ބެޗްލަރ އޮފް ސައިންސް އިން އާކިޓެކްޗަރ ސްޓަރޑީޒް" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!