ހަނިމާދޫ ލީގު 2023 ފުޓްބޯޅަ މުބާރާތުގެ ގޭމް ވީކް ތިނެއްގައި މިއަދު ހަވީރު ޝީލްޑާއި އަހުލީ ބައްދަލުކުރި މެޗު ޝީލްޑުން ކާމިޔާބު ކޮށްފިއެވެ.
ޝީލްޑުން މިއަދުގެ މެޗުގައި 3-1 ގެ ނަތީޖާއިން އަހުލީގެ މައްޗަށް ކުރި ހޯދިއިރު، ޝީލްޑް ވަނީ މުބާރާތުގައި އެ ޓީމް ކުޅުނު ފުރަތަމަ މެޗުން ރޫހް އަތުން ބަލިވެފައެވެ. މިއީ ޝީލްޑަށް ލީގުގައި ކާމިޔާބު ކުރެވުނު ފުރަތަމަ މެޗެވެ.
މިއަދުގެ މެޗުގައި ޝީލްޑުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހާފައި ވަނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ފަޔާޒް މޫސާއެވެ. ޝީލްޑަށް ދެން ލަނޑު ޖަހައިދިނީ ހުސެއިން އުނޭސްއެވެ. އަހުލީ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ މަހަމޫދު އަލީއެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ހަވީރު ވެސް އޮންނާނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ފަލްކަންއާއި ޔޫތު ފްރެންޑްސްއެވެ. މިއީ މުބާރާތުގައި ޔޫތު ފްރެންޑްސް ކުޅޭ ދެވަނަ މެޗެވެ. އެ ޓީމުން ވަނީ ފުރަތަމަ މެޗުގައި އަހުލީގެ މައްޗަށް ކުރި ހޯދާފައެވެ. ފަލްކަން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ރިއަލް ސްޓާސްއަތުން ބަލިވެފައެވެ. މާދަމާގެ މެޗަކީ ލީގުގައި ފަލްކަން ވެސް ކުޅޭ ދެވަނަ މެޗެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމަށް ރާވާލާފައި ވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ލީގުގެ ޗެމްޕިއަންކަން ލިބޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެ ފަހަރުމަތިން ބައްދަލުކުރުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށެވެ.
މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޔޫތު ފްރެންޑްސް، ޝީލްޑް، ރޫހް، ޔުނީފޯމް، އަހުލީ، ރިއަލް ސްޓާސްގެ އިތުރުން ފަލްކަންއެވެ.
މިއީ ހަނިމާދޫގައި ފުޓްބޯޅަ ލީގެއް ބާއްވާ ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!