ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުން މި ފެބްރުއަރީ މަހުގެ 17 ގައި ބޭއްވުމަށް ނިންމައިފިއެވެ.

އެ ޕާޓީން މީގެ ކުރިން ވެސް ބުނެފައިވަނީ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބާއްވާ ޖަލްސާ މި ފެބްރުއަރީ މަހު ބާއްވާނެ ކަމަށެވެ.

Ad
rt

މި ސަލްސާ ބޭއްވުމަށް ނިންމާފައިވަނީ ކާނިވާ ސަރަހައްދުގައެވެ. ޓިކެޓް ހަވާލުކުރުމަށް ބާއްވާ ރަސްމިއްޔާތު ކާނިވާ ސަރަހައްދުގައި ބޭއްވުމަށް މާލެ ސިޓީ ކައުންސިލްގެ ހުއްދައަކަށް އެމްޑީޕީން ވަނީ އެދިފައެވެ. އެހެންނަމަވެސް ހުއްދަ ލިބުނުކަން އަދި ކަށަވަރެއް ނުވެއެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސަށް ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތަށް އެ ދާއިރާގެ ރައްޔިތުން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ނިމިދިޔަ ޖެނުއަރީ މަހުގެ 28 ވީ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ، ރައީސް ސާލިހު ކާމިޔާބު ކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ސާލިހަށް 24،573 ވޯޓު ލިބިލެއްވިއިރު، ނަޝީދަށް ލިބިލެއްވީ 15،631 ވޯޓެވެ.

އިންތިޚާބާއިބެހޭ ކޮމިޓީން އާންމު ކުރި ނަތީޖާގައި ވާގޮތުން މި އިންތިޚާބުގައި ވޯޓު ލާފައިވަނީ 40،887 މެމްބަރުންނެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މެމްބަރުން 71.41 އިންސައްތަ މީހުންނެވެ.

މި އިންތިޚާބުގައި 680 ބާތިލް ވޯޓު ލާފައިވާއިރު، ސައްހަ ވޯޓުގެ ގޮތުގައި ލާފައިވަނީ 40،207 ވޯޓެވެ.

އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ރައީސް ސާލިހުއަށް ލިބިލެއްވީ 61.10 އިންސައްތަ ވޯޓެވެ. ނަޝީދަށް ލިބިލެއްވީ 38.9 އިންސައްތަ ވޯޓެވެ.