ފީފާ ކުލަބް ވޯލްޑް ކަޕް ސެމީ ފައިނަލުގައި ބްރެޒިލްގެ ފްލެމިންގޯ ބަލިކޮށް، މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސައުދީގެ އަލް ހިލާލުން ހޯދައިފިއެވެ. ރޭ ކުޅުނު މި މެޗު އަލް ހިލާލުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ވެސް އަލް ހިލާލުންނެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ އަލް ދައުސާރީއެވެ. ނަމަވެސް މެޗުގެ 20 ވަނަ މިނެޓުގައި ފްލެމިންގޯއިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ޕެޑްރޯއެވެ.

Ad
rt

މެޗުގައި ދެވަނަ ފަހަރަށް އަލް ހިލާލުން ލީޑު ނަގާފައި ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ވެސް ކާމިޔާބު ކޮށްދީފައި ވަނީ އަލް ދައުސާރީއެވެ. އަލް ހިލާލްގެ ފޯވަޑް ލޫސިއާނޯ ވިއޭޓޯއަށް ފްލަމެންގޯގެ ގަރްސަން ކުރި ފައުލަކާ ގުޅިގެން މި ޕެނަލްޓީ ހިލާލަށް ލިބުނުއިރު، ދެ ވަނަ ރީނދޫ ކާޑާ އެކު ގަރްސަން އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. ވުމާއެކު ދެވަނަ ހާފުގެ ބޮޑުބައި ފްލެމިންގޯއިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މެޗުގެ ތިންވަނަ ލަނޑު އަލް ހިލާލުން ކާމިޔާބު ކޮށްފައި ވަނީ 70 ވަނަ މިނެޓުގައެވެ. މި ލަނޑު ދައުސާރީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވިއެޓޯއެވެ.

މެޗުގައި ފްލެމިންގޯގެ ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ކާމިޔާބު ކޮށްދީފައި ވަނީ ވެސް ޕެޑްރޯއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ދަންވަރު ރެއާލް މެޑްރިޑާއި ބައްދަލުކުރާނީ އަލް އަހްލީއެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބިގެން ދާނެއެވެ. މި މުބާރާތު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ.