ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު އަންނަ ހަފްތާގައި ހުޅުވާލަން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މަތީ ތަޢުލީމަށް ކިޔެވުމަށްޓަކައި ސަރުކާރުން ދެމުން އަންނަ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު އަންނަ ހަފްތާގައި ހުޅުވާލަން ނިންމިނަމަވެސް ލޯނަށް ހުޅުވާލަނީ ކިހާ ފުރުޞަތެއް ކަމަށް މިނިސްޓަރ ވިދާޅެއް ނުވެއެވެ.
މިއީ މިއަހަރު ލޯނަށް ހުޅުވާލާ ފުރަތަމަ ފަހަރު ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ލޯނު ސްކީމަށް ހުޅުވާޅާއިރު އަބަދުވެސް ބަލަމުން އަންނަނީ އެއިރެއްގައި ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާއާތަކަށް އިސްކަންދީ ދެފުށްފެންނަ ގޮތަކަށް ކަމަށާއި ލޯނަށް ހުޅުވާލާނީ އިދާރީ ފީ %1 އަށް ކުޑަކުރުމަށްފަހު ކަމަށެވެ.
"ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު އިތުރު 20 އަހަރަށް ވާނީ ފަސްކޮށްފަ. މިއާއެކު މަހެއްގެ މައްޗަށް ދައްކަންޖެހޭމިންވަރު ކުޑަވާނެ. ލޯނު ދެއްކުމަށް އެއްވެސް ދައްޗެއް އޮތްނަމަ އެކަމަށްވެސް ހައްލެއް ގެނައުމަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭނެ." މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ދާއިރާތަކަށް މީހުން ބިނާކުރުމަށް މުވައްޒަފުން ބޭނުންވާނެ ދާއިރާތައް ފާހަގަކޮށް، އެކަމުގެ ތަފާސް ހިސާބުތައް އެއްކުރެވިފައިވާކަމަށާއި މިފަހަރުގެ ލޯން ސްކީމް ހުޅުވާލާއިރުވެސް އެ ދާއިރާތަކަށް ލޯނު ދިނުމުގެ ފުރުޞަތު އިތުރުވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިއަހަރަށް ފާސްކުރި ބަޖެޓުގައި މަތީ ތައުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް 856.6 މިލިޔަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ލޯނު ދިނުމަށް 216.1 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!