ވައިގެމަގުން ރާއްޖެއައި ބްރެޒިލް އަންހެނެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސްއިން، 2.6 ކިލޯގެ މަސްތުވާތަކެތި އަތުލާފައި ވަނީ އިއްޔެ ގަތަރުގެ ދޯހާއިން ރާއްޖެއައި އުމުރުން 23 އަހަރުގެ ބްރެޒިލް އަންހެނެއްގެ ލަގެޖުންނެވެ.
ކަސްޓަމްސްއިން ބުނެފައި ވަނީ އެ އަންހެންމީހާގެ ލަގެޖުން ފެނުނު މަސްތުވާތަކެތި އެ އިދާރާއިން އިތުރަށް ތަހުލީލް ކުރުމުން އެ ތަކެތި ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، މިހާރު އެ ތަކެތި ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލު ކޮށްފައިވާ ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މި އަންހެން މީހާ އިމިގްރޭޝަނުން ވަނީ ރާއްޖެ އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލާފައެވެ. އެއީ ދިވެހިރާއްޖޭގެ ޤާނޫނުން އިމިގްރޭޝަނަށް ލިބިފައިވާ ބާރެކެވެ.
ކަސްޓަމްސްއިން ބުނެފައުވަނީ އިއްޔެ އަތުލައިގަނެވިފައިވާ 2.6 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގު 6.5 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!