ރައީސް ސާލިހު، މި ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ތައުރީފް ކުރައްވައިފިއެވެ.

މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާނަކީ ވަރަށް ދެފުށްފެންނަ ބަޔާނެއް ކަމަށާއި ހަގީގަތަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ބަޔާނެއް ކަމަށެވެ. އަދި މިއަހަރަކީ ރާއްޖެއަށް ފާގަތި އަހަރަކަށް ވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

Ad
rt

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި އެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ ހަމަޖެހުމާއި، މަޞްލަޙަތާއި، އަމާންކަން ދެމެހެއްޓޭނީ އަޑުއެހުމާއި، މަޝްވަރާއާއި، ދޫދިނުމާއި، އަދި ހިފަހައްޓަންޖެހޭ އިންތަކާއި، މިންތަކުގައި ސަރުކާރުން ސާބިތުވެ ދެމިއޮވެގެން ކަމުގައި ވިދާޅުވެފައެވެ.

އެގޮތުގެ މަތިން، ފާއިތުވި 4 އަހަރެކޭ އެއްފަދައިން ކުރިޔަށް އޮތްތަނުގައިވެސް އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ހަމަޖެހުން ޤާއިމްކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން އަދާކުރަންޖެހޭ ޙައްޤުތަކާއި، އުފުލަން ޖެހޭ މަޞްޢޫލިއްޔަތާއި، ދޭންޖެހޭ ޚިދުމަތުގައި، ދިވެހި ކޮންމެ ރައްޔިތެއް ވެސް ހަމަހަމަ ވާނެކަމަށާއި، ކޮންމެ ރައްޔިތަކީ ވެސް ސަރުކާރުގެ ކުރިމަތީގައި ގަދަރުވެރި ދިވެހި ރައްޔިތެއްކަމުގައި ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުން އިސްލާމްދީނާއި، ދިވެހި ޤައުމިއްޔަތުގައި ނެތް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށާއި، އެކަމުގެ ސަބަބުން ޤައުމުގައި މީގެ ކުރިންނެތް ހަމަޖެހުމާއި، މަޞްލަޙަތެއް އިޢާދަ ކުރެވި، ހިފެހެއްޓި، ދެމެހެއްޓިއްޖެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި، މިކަން ރައްޔިތުން ވެސް ބަލައިގެންފައިވާކަން ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުން ވެސް މި ސަރުކާރުން ރާއްޖެއަށް ގެންނަން ވަޢުދުވީ ބޮޑު ބަދަލެއް ކަމަށާއި، އެބަދަލުގެ ފަހަތުގައި ވަނީ ރައްޔިތުންގެ އުފާފާގަތި ދިރިއުޅުމާއި، ބާއްޖަވެރިކަމާއި، ތަނަވަސްކަމާއި، ފުދުންތެރިކަމާއި، ތިޔާގިކަން ތަފާތު ކުރުމެއްނެތި ގެނެސްދިނުން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.