މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ކުރިއަށްދާ ޖަލްސާގައި އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަމުންދާތީ، ރިޔާސީ ބަޔާން ކުރިއަށް ނުގެންދެވި، އިދިކޮޅު ބައެއް މެންބަރުންގެ ނަން ރިޔާސަތުން އިއްވައި، ޖަލްސާ މެދުކަނޑާލައިފިއެވެ.

މިއީ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއެވެ. މި ޖަލްސާގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ.

Ad
rt

މިއަދު ޖަލްސާ ފެއްޓެވުމަށްފަހު ރިޔާސަތުން މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަމުން ދިޔައިރުވެސް އިދިކޮޅު ޕީޕީއެމް-ޕީއެންސީ މެންބަރުން ތަޅުމުގައި ގެންދެވީ އަޑުގަދަ ކުރަމުންނެވެ. ރިޔާސަތުން ރައީސުލްޖުމްޙޫރިއްޔާއަށް ރިޔާސީ ބަޔާން އިއްވަވަން ފުރުސަތު އެރުވުމުން އިދިކޮޅު މެންބަރުންގެ އަޑު ގަދަވެ، ރިޔާސީ ބަޔާން ކުރިއަށްގެންދެވޭ ގޮތެއް ނުވިއެވެ.

އިދިކޮޅު މެންބަރުންގެ ހަޅޭކުގެ އަޑުގެ ސަބަބުން މަޖިލިސް ތަޅުމުގެ ހިމޭންކަން ގެއްލި، ރިޔާސީ ބަޔާން ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތުމުން ރިޔާސަތުން ވަނީ ރިޔާސީ ބަޔާން އިއްވުން މަޑުޖައްސާލަން ރައީސް ޞާލިޙަށް ދަންނަވާފައެވެ. އެއަށްފަހު އިދިކޮޅު ބައެއް މެންބަރުންގެ ނަން އިއްވާފަވެއެވެ.

މިގޮތުން ފުރަތަމަ އިއްވީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ ނަމެވެ. ނަން އިއްވުމަށްފަހު ތަޅުމުން ނުކުމެވަޑައިގެންދެއްވުމަށް ރިޔާސަތުން ވަނީ ތަކުރާރުކޮށް ޝިޔާމް އަރިހުގައި އެދިވަޑައިގެންފައެވެ.

''އިއްޒަތްތެރި މެންބަރު، ތިޔަކަން ކުރާނެނަމަ ކުރާނީ އަޅުގަނޑު، އަޅުގަނޑަކަށް އިއްޒަތްތެރި މެންބަރު ހަތަރެސްފައިގައި ހިފައިފައި މަޖިލިސް ތަޅުމަކުން ނުނެރެވޭނެ'' ރިޔާސަތުން މަޖިލިސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަން އިއްވި މެންބަރުންގެ ތެރޭގައި ޝިޔާމްގެ އިތުރުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގާއި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދާއި އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހިމެނެއެވެ.

އިދިކޮޅު ބައެއް މެންބަރުންގެ ނަން އިއްވުމަށްފަހު ޖަލްސާ މިހާރު ވަނީ ވަގުތުކޮޅަކަށް މެދު ކަނޑާލާފައެވެ.

ކޮންމެ އަހަރެއްގެ ވެސް ރިޔާސީ ބަޔާނަކީ ރައްޔިތުންގެ މަޖިލިސްގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރާންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އިއްވަވާ ބަޔާނެކެވެ. އެ ބަޔާނަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަޔާނެވެ.