ރާއްޖޭގެ އެންމެ އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމް ކުރުމުގެ ވައުދާއެކު މަރު ނަސީރު 2023 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭން ލޯންޗު ކުރައްވައިފިއެވެ.

"އާ މިސްރާބަކަށް، އުމަރު 2023″ ގެ ނަމުގައި ލޯންޗު ކުރި މި ކެމްޕޭނުގައި އުމަރު ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގަންނަވަނީ ބޮޑު 50 ބަދަލަކާއެކީ ކަމަށެވެ.

Ad
rt

އޭގެ ތެރޭގައި އައްޑޫއަކީ ފްރީ ޓްރޭޑް ޕޯޓު ޒޯންއަކަށް ހެދުމާއި ޓެކްސް ކުޑަ ކުރުމާއި އިންކަން ޓެކްސް ނެގުން ހުއްޓާލުމަށްފަހު، އޭގެ ބަދަލުގައި މުދަލުގެ ޒަކާތް ނަގަން ފެށުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޖީއެސްޓީ ދެއްކުމަށް މިހާރު ކަނޑައެޅިފައި އޮންނަ 1 މިލިއަން ރުފިޔާގެ މިންގަޑު 3 މިލިއަން ރުފިޔާއަށް މައްޗަށް ޖައްސައި، ވިޔަފާރި ކުރާ ސަރުކާރުގެ ކުންފުނިތައް ހިންގުން ހުއްޓާލާ އެ ވިޔަފާރިތައް އަމިއްލަ ފަރުދުންނަށް ދޫކޮށްލާނެކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ފެނަކައިން ރާއްޖޭގެ ރަށްތަކުގައި ހިންގަމުންދާ އިންޖީނުގެތައް ވެސް ރަށްރަށުގެ ކައުންސިލްތަކާއި ހަވާލު ކުރައްވާނޭކަމަށް އޭނާ ވަނީ ވައުދުވެވަޑައިގެންފައެވެ.

އިންޑިއާގެ ހުޅަނގު ދެކުނު ބިތުން އެގައުމަށް ކުރިމަތިވެދާނޭ ސަލާމަތީ ނުރަކަލެއްގެ ކަންބޮޑުވުން އިންޑިއާގައި އޮތްކަން ފާހަގަކުރައްވާ އުމަރު ވަނީ އެ ސެކިއުރިޓީގެ ޔަގީންކަން އޭނާގެ ސަރުކާރެއްގައި އިންޑިއާއަށްވެސް، އަދި އަވައްޓެރި އެހެން ގައުމުތަކަށްވެސް އޮންނާނޭ ކަމުގައި ވިދާޅުވެފައެވެ.

އެހެންނަމަވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމަށް ނިމުން ގެންނަވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ދެމުންދާ ލޯންތަކަކީ އެގައުމުގެ ސިފައިން ދެން އަންނަ ސަރުކާރަކަށްވެސް ރާއްޖެއިން ބޭލުމުގެ ފުރުސަތު ފަހިވެގެން ދިޔަ ނުދިނުމުގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށެވެ. އެހެންނަމަވެސް ލޯންތައް ހުއްޓަސް އިންޑިއާ ސިފައި ރާއްޖެއިން ބާލުވާނެކަމުގައި އޭނާ ވިދާޅުވިއެވެ.