ރާއްޖެއަކީ އަބަދުވެސް ސްރީލަންކާގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސްރީލަންކާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
އެ މެސެޖުގައި ވިދާޅުވެފައިވަނީ ލަންކާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހައާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާ ކަމަށެވެ.
"ރާއްޖެއަކީ އަބަދުވެސް ސްރީލަންކާގެ އެންމެ ގާތް ރަހުމަތްތެރިޔާ، ކުރިއަށްއޮތް ތަނުގައިވެސް ދެ ޤައުމުގައި ދެމެދުގައި އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވަމުންދާނެ ކަމަށް އުއްމީދުކުރަން." ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓުގައި ވެއެވެ.
އެގައުމުގެ މިނިވަންދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މިމަހުގެ 2 ވަނަ ދުވަހު ސްރީލަންކާއަށް ވަޑައިގެންފައެވެ.
މި ދަތުރުފުޅުގައި ން، ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާއި ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނަ އަދި ހާރިޖީ ވަޒީރު އަލީ ސަބްރީއާ ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
ޝާހިދުގެ ދަތުރުފުޅުގައި ލަންކާގައި އުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!