މި އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން، އެކިއެކި ދާއިރާތަކުން އަންހެނުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުންދޭ ޚާއްސަ އެވޯޑް "ކަމަނަ އެވޯޑް 2023" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އެވޯޑަކީ މި އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން، ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުންކުރާ މަސައްކަތްތަކާއި ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރު ރަށު ފެންވަރުގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމަޢުގައި އަންހެނުންގެ ހައްޤުތައް ރައްކާތެރި ކުރުމަށާއި އަންހެނުންގެ ކުރިއެރުމަށް ވަކިވަކި ފަރުދުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ކޮމެޓީން ދިނުމަށް ނިންމާފައިވާ ހާއްސަ އެވޯޑެކެވެ.

Ad
rt

މި އެވޯޑް ދިނުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި، އަންހެނުންކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ހާސިލް ކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަން ކުރުމެވެ. މީގެ އިތުރުން ޤައުމީ ޚިދުމަތަށް އިތުރު އަންހެނުން ނުކުތުމަށް ހިތްވަރު ދިނުމާއި، އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއި މިންތީގެ ހަމަހަމަކަން ޤާއިމް ކުރުމަށް މަސައްކަތްކުރާ ވަކިވަކި ފަރުދުންގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަން ކުރުމަކީ ވެސް މި އެވޯޑް ދިނުމުގެ މަޤުޞަދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މި އެވޯޑް ދިނުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ނުވަ ދާއިރާއަކުންނެވެ. އެ ދާއިރާތަކަކީ ސިޔާސީ ދާއިރާ، ސިއްހީ ދާއިރާ، ތަޢުލީމީ ދާއިރާ، ފަންނުވެރިކަމާއި ސަގާފަތާއި ތަރިކައުގެ ދާއިރާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ، އިޖްތިމާއީ ދާއިރާ، ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ދާއިރާ، ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާގެ އިތުރުން ކުޅިވަރުގެ ދާއިރާއެވެ.

މި އެވޯޑަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކުން މި މަހު 16 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެންއޯސީ އިމާރާތުގެ ގްރައުންޑު ފްލޯގައިވާ ޑަބްލިއުޑީސީގެ އޮފީހަށް ވަޑައިގެން ނުވަތަ އެ ކޮމެޓީގެ މެއިލް ކުރައްވައިގެން ފޯމް ހުށަހެޅުއްވުމަށް އެ ކޮމެޓީން އެދިލައްވައެވެ.

ވެބްސައިޓްގެ އިތުރުން ބަނދު ނޫން ކޮންމެ ދުވަހެއްގެ 9:00 ން 11:00 އަށް އެންއޯސީ އިމާރާތުގެ ގްރައުންޑު ފްލޯގައިވާ ޑަބްލިއުޑީސީގެ އޮފީހުން ވެސް ފޯމު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

އުސޫލާއި ނަން ހުށަހަޅާ ފޯމް: https://kulhudhuffushicity.gov.mv/2023/01/12220/