ޕްރޮގްރެސިވް ކޯލިޝަންގެ 'ހޯޕް ކޮންފަރެންސް' ރަސްމީކޮށް ފަށައިފިއެވެ.
މިއަދު މެންދުރު 1:30 ގައި ފެށި މި ކޮންފަރެންސް މި ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާއިރު، ދަރުބާރުގޭގައި ކުރިއަށް ގެންދާ މި ކޮންފަރެންސްގައި 1057 އަށްވުރެ ގިނަ މެމްބަރުން މާލެއާއި އަތޮޅުތެރެ ހިމެނޭހެން ވަނީ ބައިވެރިވެފައެވެ.
އޭގެ ތެރޭގައި ދާއިރާ ރައީސުން، ދާއިރާ ނައިބު ރައީސުން، ޒުވާނުންގެ ރައީސުން، އަންހެނުންގެ ރައީސުން، ސެނެޓަރުން، ކައުންސިލަރުންގެ އިތުރުން ޑަބްލިއުޑީސީގެ މެމްބަރުން ހިމެނެއެވެ. އަދި ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންވެސް ބައިވެރިވަޑައިގަންނަވައެވެ.
މިއަދު ކުރިއަށް ގެންދާނީ ކޮންފަރެންސްގެ ސެޝަންތައް ކަމަށާއި ހުކުރު ދުވަހު ހަވީރު 3:45 ގައި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ "ބުންވަރު ހިނގާލުން" ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން ކުރިއަށްދާނެ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހުކުރު ދުވަހުގެ ރެއާއި ހޮނިހިރު ދުވަހު ވެސް ކޮންފަރެންސްގެ ސެޝަންތައް ކުރިއަށް ގެންދާއިރު، ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހު ރޭގަނޑު 08:39 ގައި އާޓިފިޝަލް ބީޗުގައި ކަމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!