އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ''ބުންވަރު''ގެ ނަމުގައި ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.
މި ހިނގާލުން ބާއްވަން ނިންމާފައި ވަނީ ފެބްރުއަރީ 3 ވާ ހުކުރު ދުވަހުއެވެ. އެ ދުވަހު ހިނގާލުން ފަށާނީ ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މާލޭގައި ހުންނަ މައި އޮފީސް ދޮރުމަތިންކަމަށް އެ ކޯލިޝަނުން ވިދާޅުވެފަވެއެވެ.
ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ.
އެ ޙުކުމަށްފަހު އިދިކޮޅުން އަންނަނީ ސިލްސިލާ މުޒާހަރާތައް ވެސް ބާއްވަމުންނެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ދެމި އޮތްހާ ހިނދު އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ވަނީ ގެއްލިފައިވާއިރު، އިދިކޮޅު ކޯލިޝަނުން ބުނަމުން އަންނަނީ ވޯޓު ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ ކަމަށެވެ.
އެ ހުކުމަށްފަހު އެ ކޯލިޝަނުން ވަނީ 30 ޑިސެމްބަރު 2022 ގައި މުޅި ރާއްޖެގައި ވެސް މުޒާހަރާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!