ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުން ފެބްރުއަރީ މަހު ބާއްވާގޮތަށް ނިންމަފިއެވެ.
މިކަން ހާމަކުރީ އެ ޕާޓީގެ ޑެޕިއުޓީ ޗެއާރޕަރސަން އިބްރާހިމް ވަހީދު (އެންސްޕާ އިބުރޭ) ވިދާޅުވީ ކުރިއަށް އޮތް ފަސްވަރަކަށް ދުވަހުގެ ތެރޭގައި ރަސްމީ ނަތީޖާ އިއުލާން ކުރާނެ ކަމަށެވެ. އަދި ރިޔާސީ ޓިކެޓް ހަވާލު ކުރާނީ އަންނަ ފެބްރުއަރީ މަހުގެ މެދުތެރޭގައި ކަމަށެވެ.
މި ޖެނުއަރީ މަހުގެ 28 ވީ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.
ވޯޓުލުން ކުރިއަށް ދިޔައިރު، ބައެއް ފޮށިތަކަށް ވޯޓަރސް ލިސްޓުގައި ނަން ނެތް މީހުން ވޯޓު ލަމުންދާތީ، އެކަމުގެ ހިތްހަމަ ނުޖެހުން ފާޅުކޮށް ބައެއް ފޮށިތައް ބަހައްޓާފައިވާ ސަރަހައްދުތަކުގައި ހަމަނުޖެހުން ވެސް ވަނީ ހިންގާފައެވެ. އަދި އެ ހަމަނުޖެހުމާއި ގުޅިގެން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ވަނީ ގެންގޮސްފައެވެ.
ހަމަނުޖެހުންތަކާއި ގުޅިގެން އިބުރޭ ވިދާޅުވެފައިވަނީ އިންތިޚާބަކީ ވަރަށް އިންސާފުވެރިކޮށް ކުރިޔަށްދިޔަ އިންތިޚާބެއް ކަމަށެވެ.
ދެތިން ރަށެއްގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގިނަމަވެސް، އެ ރަށްރަށުގައި ވެސް ޖެހުނު މައްސަލަތައް ހަލުކޮށް ވޯޓުލުން ކުރިޔަށް ގެންދެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ސާލިހަށް 24،573 ވޯޓު ލިބިލެއްވިއިރު، ނަޝީދަށް ލިބިލެއްވީ 15،631 ވޯޓެވެ.
އިންތިޚާބާބެހޭ ކޮމިޓީން އާންމު ކުރި ވަގުތީ ނަތީޖާގައި ވާގޮތުން މި އިންތިޚާބުގައި ވޯޓު ލާފައިވަނީ 40،887 މެމްބަރުންނެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މެމްބަރުން 71.41 އިންސައްތަ މީހުންނެވެ.
މި އިންތިޚާބުގައި 680 ބާތިލް ވޯޓު ލާފައިވާއިރު ސައްހަ ވޯޓުގެ ގޮތުގައި ލާފައިވަނީ 40،207 ވޯޓެވެ.
އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ރައީސް ސާލިހުއަށް ލިބިލެއްވީ 61.10 އިންސައްތަ ވޯޓެވެ. ނަޝީދަށް ލިބިލެއްވީ 38.9 އިންސައްތަ ވޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!