ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީއަށްފަހު އެޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ސިއްޕެ) މާނަފުން ޓްވީޓެއް މިރޭ ކުރަށްވައިފިއެވެ.
ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ސިއްޕެ އަކީ އެ ޕްރައިމަރީގައި ވާދަކުރެއްވި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަޅީގައި ހުންނެވި، ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ.
ސިއްޕެ މިރޭ ކުރެއްވި ޓްވީޓްގައި ދޫކޮށްލައްވާފައި ވަނީ ރާއްޖޭގައި ވަރަށް މަޝްހޫރުކަން ހޯދި ބޭންޑެއް ކަމަށްވާ "ޒީރޯ ޑިގްރީ އެޓޯލް" ގެ ''މަރުފަލި'' ލަވައެވެ.
''ރާ ރުކެއްދަށުގައި އާ ފުރެން ތާ މަހުއްޓާ ރަށުތެރޭ، މާރަކުން ބަނދެ ފައިއަތުން، ތާ މެހުރެ ނިމިދާގޮތުން، ނޭނގޭތީތާއޭ ދޯ ހޭ މިދަނީ ފޯރީގައި، ހޭނާރާ ޖަހަނީ، މަރު ފަލިތާ ބޮނޑިބޯން'' މަރްޙޫމް ޒީރޯ ޑިގްރީ އަހުމަދު ނާޝިދު ނުވަތަ ފްލޫ ނާޝިދުގެ ލީޑު ކުރަށްވާފައިވާ އެލަވަ، ނާޝިދުގެ އަޑުން ވިރުވައި އަޅަމުން ފަށާފައި ވަނީ މި ބަސްތަކުންނެވެ.
Listening an amazing song of Zero Degree Atoll - Dance Coma (Marufali) https://t.co/AIhOGdL1M7 via @YouTube
— Mohamed Shifaz *️⃣ (@shippeshifaz) January 29, 2023
ސިއްޕެގެ މާނަފުން ޓްވީޓެއް ދޫކޮށްލައްވާފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރަށްވައި މިއަހަރުގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް ވަނީ ކަށަވަރު ކުރައްވާފައެވެ.
މި އިންތިޚާބަށްފަހު ރައީސް ނަޝީދު ޢަމަލުކުރަށްވާނެ ގޮތެއް އަދި ހާމަކުރަށްވާފައިނުވާއިރު، ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ ތާއީދު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ރައީސް ޞާލިހަށް ވަރަށް މުހިންމުކަމަށް ސިޔާސީ ދާއިރާ ދިރާސާކުރައްވާ ތަޖުރިބާ ކާރުން އަންނަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!