މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ރަމްޒުކޮށްދޭނެ މޮނިއުމަންޓް ފަރުމާ ކުރުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

އެ ރަށު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެ ރަށް ރަމްޒުކޮށްދޭ މޮނިއުމެންޓެއް ހެދުމުގެ މަޤުޞަދަކީ އެ ރަށަށް އަރާފައިބާ ފަރާތްތަކަށް ރަށް ފަސޭހައިން ދެނެގަނެވޭނޭ މަގު ފަހިކޮށްދިނުމާއިއެކު އެ ރަށުގެ މަސައްކަތްތެރިކަން ދައްކުވައިދިނުމެވެ.

Ad
rt

ފޭދޫއަކީ މަސްވެރި، މަސައްކަތްތެރި، ހިތްހެޔޮ ހީވާގި ރައްޔިތުން ދިރިއުޅެމުން އަންނަ ރަށެކެވެ. އެ ރަށުގެ ގިނަ ޒުވާނުން ޓްއަރިޒަމް ދާއިރާތަކުގައި މަސައްކަތް ކުރަމުން އާދެއެވެ. އެ ރަށަކީ ގަސްކަރަ ބޯ ފެހިކަން ގަދަ ސާފްތާހިރު ރަށެކެވެ. ވުމާއެކު އެ ރަށް ރަމްޒުކޮށްދޭ މޮނިއުމެންޓެއް ފަރުމާ ކުރުމުގައި ބަޔާންވެދިޔަ ކަންކަމަށް ވިސްނުމަށް އެ ރަށު ކައުންސިލުން އެދިލައްވައެވެ.

ހުށަހަޅާ މޮނިއުމަންޓް ޑިޒައިންތަކުގެ ތެރެއިން އެ ކައުންސިލަށް އެންމެ ކަމުދާ ޑިޒައިން ހުށަހަޅާ ފަރާތަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފޭދޫ ރަމްޒުކޮށްދޭނެ މޮނިއުމަންޓު ފަރުމާކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފަރުމާ އެ ކައުންސިލްގެ މެއިލް އެޑްރެހަށް (info@feydhoo.gov.mv) މެއިލް ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.

މަޢުލޫމާތު ޝީޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/114486.pdf