މިއަދު އޭނާއަކީ ކުޅަދާނަ ނަރުހެކެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކަށް ޚިދުމަތްކުރަމުންދާ އަގުހުރި ޚިދުމަތްތެރިއެކެވެ. އަދި އެއީ އުއްމީދީ ދުވުންތެރިއެއްވެސްމެއެވެ.
ލިބިފައިވާ ކުރިއެރުންތަކާއެކު، ށ. ފޯކައިދޫއަށް އުފަން އުދައިޝާން (އުދޭ) އެންމެ ފުރަތަމަވެސް ހަނދާންކުރަން ބޭނުންވީ އެހިސާބަށް އޭނާ ގެންދިޔުމުގައި މަންމަ ވެލެއްވި ޤުރުބާނީއެވެ. ބައްޕަގެ ޢުމުރުން 28 އަހަރުގައި މި ދުނިޔެ ދޫކުރުން ވެގެން ދިޔައީ މަންމައަށް ލިބުނު ވަރަށް ބޮޑު އެކަނިވެރިކަމާއި ހިތްދަތިކަމަކަށެވެ. އޭރު އެ އާއިލާގައި އޭނާގެ އިތުރުން 4 ފިރެހެން ކުދިން ތިއްބެވެ. ކާފަމެންގެ އެހީއާ އެކުގައި މަންމަ އެކުދިން ބެލީ ވަރަށް ހާލުގައެވެ. އެހެނަސް އެ ހުރިހާ ކުދިންނަކީވެސް މަންމަގެ ބަސްއަހާ ރަނގަޅު ކުދިންތަކެކެވެ. ކިތަންމެ ދަތި ހާލުގައި ބޮޑެތިވި ނަމަވެސް ރަނގަޅު އަޚްލާޤެއްގެ ވެރިޔަކަށް ވެވިއްޖެނަމަ ބޭނުން ކޮންމެ ހިސާބަކަށްވެސް ދެވިދާނެކަމުގައި އުދޭ ޤަބޫލުކުރެއެވެ.
ގްރޭޑް 10 ނިމުނު އިރުގައިވެސް އުދޭ ބޭނުންވެފައި ހުރީ ނޫސްވެރިޔަކަށްވާށެވެ. ނަމަވެސް އޭރު އެފަދަ ވަޒީފާތައް އޮންނަނީ މާލޭގައި ކަމުން އުދޭގެ ވިސްނުން ބަދަލުވިއެވެ. އަދި މާލޭގައި އުޅޭހިތް ނުވާތީ އޭނާ އެޚިޔާލު އެއްކޮށް ދޫކޮށްލީއެވެ. އޭރު އާއިލާގެ ތެރޭގައި ނަރުހެއްގެ ގޮތުގައި މަސައްކަތްކުރާ ދައްތައެއް އުޅެއެވެ. ދެން އެ ދައްތަގެ ޚިޔާލާއެކު އޭނާ އެންމެ ފަހުން ނިންމީ ނަރސިންގ ފީލްޑްގައި މަސައްކަތްކުރާށެވެ.
ކޯސް ލިބުމާއެކު އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ލިބުނުކަމުގައި އުދޭ ބުންޏެވެ. ކުރިމަތިވެދާނެ ގޮންޖެހުންތަކާއިމެދު ވިސްނާލެވި، ކިޔަވަންދާން ޖެހިލުންވިއެވެ. ނަމަވެސް އޭރު އޭނާގެ އެންމެ ބޮޑު ސަޕޯޓަކަށްވީ ދެބެންގެ ދެދަރި ބޭބެއެވެ. ބޭބެވެސް އުދޭ އާއިއެކު އެ ކޯހުގައި ބައިވެރިވިކަމީ ކިޔަވަން ދާން އޭނާއަށް ލިބުނު އިތުރު ހިތްވަރެކެވެ. ލ. ގަމުގައި ކިޔަވަން ފެށުމާއެކު ކޮލެޖުން ދިން ތަރުހީބާއި ސަޕޯޓުން، އެރޮނގުން ކުރިއަށްދާހިތްވިކަމުގައި އޭނާ ބުންޏެވެ.
މިހާރު ބެޗްލަރސް ފުރިހަމަ ކުރަމުންދާ އުދޭ ބޭނުންވަނީ ކިޔެވުނު އެންމެ މައްޗަކަށް އެދާއިރާއިން ކިޔަވާ، ކުރިއަރައިގެން ދާށެވެ. މިހާރު އޭނާ މަސައްކަތްކުރަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ އިމަރޖެންސީރޫމާއި އައިސީޔޫގައެވެ. އަމިއްލަ ރަށް ދޫކޮށް އެހެން ރަށެއްގައި އޭނާ މަސައްކަތްކުރާތީ، ކޮންމެ މީހެއްގެ ހިތުގައިވެސް ސުވާލު އުފެދޭނެކަން ގައިމެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އޭނާ މަސައްކަތްކުރަނީ ބޮޑުތަނެއްގައި މަސައްކަތްކޮށް ގިނަ ބަޔަކަށް އޭނާގެ ފަރާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ މާތް މަޤްޞަދުގައެވެ. ހދ. ކުޅުދުއްފުށީ ސިޓީގައި އޭނާ ދިރިއުޅޭތާ މިއީ 8 ވަނަ އަހަރެވެ.

އުދޭ ފާހަގަ ކުރި ގޮތުގައި ހދ. ކުޅުދުއްފުށީ ސިޓީއަކީ އޭނާގެ އަމިއްލަ ރަށްފަދަ ރަށެކެވެ. އާއިލާއެއްފަދަ ރަނގަޅު ރަޙްމަތްތެރިން އެރަށުން އޭނާއަށް ލިބުނެވެ. އޭނާ އެރަށުގައި އުޅެނީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. ބީރައްޓެހި ރަށެއްގައި އުޅެވޭކަމުގެ އިޙްސާސެއް ނުކުރެވެއެވެ. އޭނާގެ އުފަން ރަށް، ށ. ފޯކައިދޫއަށް ދޭތެރެ ދޭތެރެއިން ދެވޭތީ އާއިލާއާ ދުރުގައި އުޅެވޭކަމުގެ އިޙްސާސް ވަރަށްވެސް ކުޑައެވެ.
"އާއިލާއާ ވަކިން ދިރިއުޅެމުންދާއިރު، ކެއްކުމާއި އެއްޗެހިދޮވެ، އިސްތިރިކޮށް ހެދުމަކީ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަންތައްތައް. މިހާރު މިއީ އާ ކަންތައްތަކެއް ނޫން" މަޖާ ރާގެއްގައި އުދޭ ބުންޏެވެ.
އުދޭ ބުނި ގޮތުގައި 2014 އިން ފެށިގެން އޭނާ ދިރިއުޅެމުން އަންނަނީ އާއިލާއާ ވަކިންނެވެ. ނަރސިންގ ކިޔަވަން ފެށީއްސުރެ އޭނާގެ ދިރިއުޅުން ބައްޓަންވެފައި އޮންނަނީ އެފަދަ ގޮތަކަށެވެ.
އުދޭ އަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ގުޅުނު ފުރަތަމަ ފިރެހެން ނަރުހެވެ. އެއީ އޭނާއަށް ލިބުނު ފަޚުރެކެވެ. އޭރު ރާއްޖޭގައި ފިރެހެން ނަރުހުން ވަރަށްވެސް މަދެވެ. ނަރސިން ކެރިއަރގައި އޭނާ އެންމެ ދެކެން ބޭނުންވާ ހުވަފެނަކީ ރާއްޖޭގައި ގިނަ ޢަދަދެއްގެ ފިރެހެން ނަރުހުން މަސައްކަތުގެ މާޙައުލަށް ނިކުތުމެވެ. މިހާރު އެ ހުވަފެނުގައި ކުލަޖެހެމުންދާން ފަށައިފިކަމުގައިވެސް އުދޭ ބުންޏެވެ.
ފަޚްރުވެރިކަމާއެކު މިކަން އޭނާ ފާހަގަކުރީ ސަބަބެއް ނެތިއެއް ނޫނެވެ. ރާއްޖޭގައި ފިރެހެން ނަރުހުން އިތުރު ކުރުމަށް އެންމެ ބާރުލައިގެން މަސައްކަތްކުރާ އެކަކީ އޭނާއެވެ. އެގޮތުން ކުޅުދުއްފުށީ ސިޓީގެ ސްކޫލްތަކަށް ޒިޔާރަތްކޮށް ގްރޭޑް 6 ން 10 ދެމެދުގެ ދަރިވަރުންނަށް އެކަމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި ހަމަ އެރަށުގައި ޑޯ ޓު ޑޯ ކެމްޕެއިނެއް އިންތިޒާމްކޮށް 600 ވަރަކަށް ގެއަށް ވަދެ، ފިރެހެން ނަރުހުން އިތުރުކުރުމަށް ޢަމަލީގޮތުން މަސައްކަތްކުރިއެވެ. ފޭސްބުކްގައިވެސް މޭލްނަރސަސް ޕޭޖެއް ހަދައި، ކެމްޕެއިންތައް ކުރިކަމުގައި އޭނާ ބުންޏެވެ. އެޚަރަކާތްތަކުގެ ނަތީޖާވެސް ވަރަށް ފޮންޏެވެ. އެގޮތުން 2015 ވަނަ އަހަރު ފިރެހެން ހަ ނަރުހުން މަސައްކަތް ކޮށްފައިވާއިރު، މިހާރު ނަރސިންގ ކިޔަވަމުންދާ ދަރިވަރުންނާއެކު ރާއްޖޭގައި 100 ފިރެހެން ނަރުހުން އެބަތިއްބެވެ. ޚުދު އޭނާގެ އަމާޒަކީވެސް އެއީއެވެ. މިއީ އޭނާގެ ކެރިއަރގައިވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެހާ ބާރު ސްޕީޑްގައި ނަންބަރުތައް އިތުރުވެގެން ހިނގައިދާނެކަމަކަށް އޭނާވެސް ހިއެއް ނުކުރެއެވެ.
މަސައްކަތުގެ މާޙައުލުގައި ހިތުން ފޮހެލަން ދަތި އެތައްކަމެއް ނަރުހުންނަށް ކުރިމަތިވެފައިވާނެ ކަމާމެދުޝައްކެއްނެތެވެ. ޑިޔުޓީކުރަމުންދާ ކޮންމެ ދުވަހަކީ އެތައް ބަޔަކު ދުނިޔެ ދޫކޮށްދާ މަންޒަރު ވަރަށް ކައިރިން އެމީހުންނަށް ފެންނާނެ ދުވަސްތަކެވެ. ވޭނާއި ކެކުޅުމުގައި، ތަދަށް ކެތްނުވެގެން، ރޮމުންދާ ކިތައް މީހުންނާ ކުރިމަތިލާން ޖެހޭނެހެއްޔެވެ؟ އެގޮތުން އުދޭ އެންމެ ދެރަވާ ކަމަކީ ބަލާނެމީހަކު ނެތި، އެކަނިމާއެކަނި ތިބޭ ބަލިމީހުން ފެންނާތީއެވެ. މައިންބަފައިން ބަލި އެނދަށް ދޫކޮށްފައިގޮސް، ނިޔާވާއިރުގައިވެސް ނައިސް ތިބޭކަމުގައި ހިތާމައާއިއެކު އުދޭ ފާހަގަ ކުރިއެވެ. މިއީ މި ކުޑަކުޑަ ދިވެހިރާއްޖެ މުސްލިމް ޤައުމަކަށް ވީހިނދު، ދިވެހީންގެ ކިބައިން ފެންނަން އެދޭ ކަންތައްތަކެއް ނޫނެވެ. އުދޭ ބުނި ގޮތުގައި އެއީ އޭނާ ނުހަނު ހިތާމަ ކުރާ ކަމެކެވެ. އަދި އެއީ ބަލައިގަންނަން އުނދަގޫ، މައްސަލައެކެވެ.
ގިނަ ބަޔަކަށް އުދޭ އެނގިފައި އޮންނާނީ ކުޅަދާނަ ނަރުހެއްގެ ގޮތުގައިކަން ކަށަވަރެވެ. އެހެނަސް މުޅިން އެހެން ދާއިރާއެއްގައި މިހާރު އޭނާ އަންނަނީ ކުރިހޯދަމުންނެވެ.

" ވަރަށް ބޮޑަށް ސްޓްރެސް ވެގެން ފްރެންޑަކާ ޝެއަރކޮށްލީ! ދެން އޭނަ ބުނި ޤަވާޢިދުން އެކްސަސައިޒް ކުރަންފެށީ! ޕްރޮގްރެސް ރަނގަޅުވެ ދުވަހުން ދުވަހަށް ސްޕީޑްވެސް އަންނަން ފެށީމަ ހިތަށް އެރީ ދުވަން! އެގޮތަށް މިކަމުގެ ތެރެއަށް ވަދެވުނީ! "
އުދޭ ބުނި ގޮތުގައި ކަސްރަތަކީ ނަފްސާނީ ދުޅަހެޔޮކަމާއެކު، ޖިސްމާނީގޮތުންވެސް މީހާއަށް ވަރަށް ބޮޑު ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. އޭނާގެ ތަޖުރިބާގައިވެސް ދުވެ، ކަސްރަތުކުރުމުން ވިސްނުންތަކުން މީހާ ދުރުކޮށްދީ، ހަށިގަނޑަށް ތާޒާކަން ގެނުވާކަން ފާހަގަ ކުރިއެވެ. ޑިޔުޓީ ކިތަންމެ ބިޒީވެ، ހަށިގަނޑަށް ވަރުބަލިކަން ގެނުވި ނަމަވެސް، ޑިޔުޓީ ނިންމުމަށްފަހު، ކޮންމެ ދުވަހަކުވެސް އޭނާ ދުވަން ދެއެވެ. އެވްރެޖްކޮށް 10 ކިލޯމީޓަރާއި 15 ކިލޯމީޓަރަށް އާދަކޮށް އޭނާ ދުވެއެވެ.
އާންމުކޮށް މީހުންގެ ކިބައިން ނުފެންނަ އެއް ކަމެއް އުދޭގެ ވާހަކަތަކުން އަހަންނަށް ފާހަގަކުރެވުނެވެ. އެއީ އޭނާ ކުރާ ކޮންމެ ކަމެއްގައިވެސް ޓާގެޓެއް ކަނޑައަޅާކަމެވެ. އޭނާގެ އަމާޒަކީ އެންމެ ފުރަތަމަ ގޮސް ބޮންތީގައި ހިފުމެއްނޫނެވެ. ކުރާ ކޮންމެ ކަމެއްވެސް ޙާޞިލްކުރަން ބޭނުންވަނީ ކަމަށް ކަމޭހިތައިގެން އަދި ވަރަށް ފަރުވާތެރިކަމާއެކުގައެވެ.
"ދުވުމުގެ ފުރަތަމަ ޓާރގެޓަކީ އަމިއްލަ ރެކޯޑްތަކެއް ކަނޑައަޅާ އެއާއި ހަމައަށް ވާސިލްވުން! ދުވަހުން ދުވަހަށް ރެކޯޑް އާކުރަން މިމަސައްކަތްކުރަނީ! އެއްދުވަހަށް ވުރެ އަނެއް ދުވަހު ސްޕީޑް ބާރުކުރަމުން މިދުވަނީ! އަދި ދެތިން އަހަރު ނަގާނެ ރަނގަޅު ނަތީޖާއަކާ ހަމައަށްދާން، ނަމަވެސް މިހާރުވެސް ޗެލެންޖް ކުރެވިދާނެ!"
މޮޅު ދުވުންތެރިއަކަށް ވުމުގެ ފޮނި ހުވަފެންތައް ދެކެމުން އަންނަ އުދޭ ބުންޏެވެ.

އުދޭއަކީ ރާއްޖޭގައި މަޝްހޫރު ކްލަބެއްކަމަށްވާ "ފިޓްރަނާސް"ގެ މެމްބަރެކެވެ. ބައިވެރިވާ ކޮންމެ އިވެންޓެއްގައިވެސް އޭނާ ބައިވެރިވަނީ ކްލަބް " ފިޓްރަނާސް " މެދުވެރިކޮށެވެ. ވޭތުވެދިޔަ އަހަރު " ބޮޑު ފަހެއް" ގެ ނަމުގައި ހިންގާފައިވާ ހަރަކާތުގައިވެސް 36 ކިލޯމީޓަރަށް އޭނާ ދުވެފައިވެއެވެ. މިއަހަރުގެ ކުރިއަށް އޮތްތަނުގައި ވެސް ދުވުމުގެ ތަފާތު އިވެންޓްތަކުގައި ބައިވެރިވުމަށް އޭނާވަނީ ނިންމާފައެވެ.
އުދޭ ބުނިގޮތުގައި އޭނާއަށް ލިބޭ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި އޭނާ އެންމެ ފުރަތަމަ ފާހަގަކޮށްލަން ބޭނުންވަނީ މަންމަގެ ނަމެވެ. މިފުރުޞަތުގައި މަންމައަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރާކަމުގައި އޭނާ ބުންޏެވެ. އަދި ބޭބެމެންނާއި އާއިލާގެ އިތުރުން އެކުގައި މަސައްކަތްކުރާ ނަރުހުންނާއި ޑޮކްޓަރުންނަށްވެސް ޝުކުރުއަދާކުރިއެވެ. އަދި ހަމަ އެހެންމެ، އެކި ގޮތްގޮތުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ އެންމެންނަށް ހިތުގެ އެންމެ ފުންމިނުން އަބަދުވެސް ޝުކުރުވެރިވާކަމުގައި ބުންޏެވެ.
"ކޮންމެ ރޮނގަކުން ކުރިޔަށްދާން ބޭނުންވީ ކަމުގައިވިޔަސް ތިމާގެ ކިބައިގައި ރަނގަޅު ތަރުބިއްޔަތަކާއި އަޚްލާޤެއް ހުރިކަމުގައިވާނަމަ ހިތްވަރާއެކު މަސައްކަތްކުރުމުން ލަނޑުދަނޑި ޙާޞިލްކުރެވޭނެ"
ކާމިޔާބަށް އެދި މަސައްކަތްކުރާ ކޮންމެ ކުއްޖަކަށްވެސް އުދޭގެ މި ބަސްކޮޅުން ހިތްވަރުލިބޭނެކަން ގައިމެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
Masha Allah
Proud